31 Jul 2022, 20:18
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ގައުމީ ދާރުލްއާސާރު ތަރައްގީ ކުރުމަށް އެހީތެރިކަން ފޯރުކޮށްދޭން ނިންމައިފިއެވެ.
މި ހަރަކާތުގެ ތެރެއިން ބޭންކުން ދާރުލްއާސާރުގައި ހުރި ތަކެތި ރައްކާތެރިކޮށް އަދާހަމައަށް ބެލެހެއްޓުމާއި އެ ތަކެތި ޑިސްޕްލޭ ކޮށް އާންމުކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން، ކޮންޒަވޭޝަން އެންޑް ޕްރިޒަވޭޝަން ލެބޯޓަރީ ތަރައްގީ ކުރުމާއި ދާރުލްއާސާރަށް ޒިޔާރަތް ކުރާ ފަރާތްތައް ޝައުގުވެރިވާ ފަދަ ތަނަކަށް ދާރުލްއާސާރު ހެދުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.
މިކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ އިންޗާޖް އަދި އެކްޓިން އެމްޑީ ޢާއިޝަތު ނޫރައްދީން ވިދާޅުވީ ގައުމީ ދާރުލްއާސާރަކީ ދިވެހިންގެ ސަގާފަތާއި ތަރިކަ ހިމާޔަތްކޮށް ދިރުވައި އާލާކޮށް އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުން އަންނަ މުހިންމު އިދާރާއެއްކަމަށެވެ.
"މިއީ އަޅުގަނޑުމެންގެ 40 ވަނަ އަހަރީ ދުވަސް ފާހަގު ކުރުމަށް ކުރިޔަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން ހިންގޭ ނުވަވަނަ ހަރަކާތް އަދި މުޖުތަމައަށް ފައިދާ ކުރުވަނިވި މުހިންމު މަސައްކަތަކަށް އެހީތެރިކަން ފޯރުކޮށްދެވޭކަމީ އަޅުގަނޑުމެންނަށް ލިބޭ އުފަލެއް," އޭނާ ވިދާޅުވިއެވެ.
މިއީ ނޮވެންބަރު މަހު ފާހަގަ ކުރުމަށް ހަމަޖެހިފައިވާ ބޭންކުގެ 40 ވަނަ އަހަރީ ދުވަހާ ހަމަޔަށް ހިންގުމަށް ހަމަޖެހިފައިވާ މުޖުތަމައަށް ފައިދާހުރި މުހިންމު 12 ހަރަކާތުގެ ތެރެއިން ހިންގުމަށް ނިންމާފައިވާ އެއް ހަރަކާތެވެ.
ބޭންކުގެ 40 ވަނަ އަހަރީ ދުވަހާ ހަމަޔަށް ކޮންމެ މަހަކު ހިންގުމަށް ހަމަޖެހިފައިވާ ހަރަކާތްތަކުގެ ތެރެއިން މިހާތަނަށް ހިންގާފައިވާ ހަރަކާތްތައް:
ނޮވެންބަރު: ބީއެމްއެލް ސްކޮލާޝިޕް ފަންޑު
- ޑިސެންބަރު: ގައުމީ ކުތުބުހާނާ އިތުރަށް ތަރައްގީކޮށް ޒަމާނީ ބަދަލުގެނައުން
- ޖަނަވަރީ: ބީއެމްއެލް ސްޓާރޓަޕް ގްރާންޓް
- ފެބުރުވަރީ: ހައުސިން ގްރާންޓް
- މާރިޗު: ސްމޯލް ގްރާންޓްސް
- އެޕްރީލް: ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު ތަރައްގީކުރުމަށް އެހީވުން
- މޭ: އޮންލައިންކޮށް ފަންޑްރެއިޒް ކުރެވޭ ޕްލެޓްފޯމް ކައިންޑްލީ
- ޖޫން: ބީއެމްއެލް ފެހި ޕްރޮޖެކްޓް