ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ކްރިމިނަލް ކޯޓްގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކޮށް އެކަހެރިކުރި މައްސަލައގައި ކުރީގެ ހޯމްމިނިސްޓަރު ހަސަން އަފީފު ހާޒިރުކޮށް ހިއުމަންރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް) އިން މިއަދު ސުވާލު ކޮށްފި އެވެ.

މިއަދު މެންދުރުފަހު 2:00 ޖެހިއިރު އެޗްއާރސީއެމަށް ހާޒިރުވެވަޑައިގަތުމަށްފަހު އަފީފު ވިދާޅުވީ ކޮމިޝަނުން ސުވާލުކުރައްވާފައިވަނީ ކުރިމަނަލް ކޯޓްގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކޮށްފައި ބެހެޓި މައްސަލައާއިގުޅޭ ގޮތުން ކަމަށެވެ. އެހެން ނަމަވެސް އެކަމާއިގުޅޭ އިތުރު ތަފްސީލެއް އަފީފު ނުދެއްވި އެވެ.

އަބްދުﷲ ގާޒީ ހައްޔަރުކުރި މައްސަލައިގައި ގުޅިގެން ކުރީގެ ހޯމް މިނިސްޓަރު އަފީފް މިރޭ ފުލުސް އޮފީހަށް ހާޒިރުވާން ވެސް ވަނީ އަންގާފަ އެވެ.

އަބްދުﷲ ގާޒީ ހައްޔަރު ކުރި މައްސަލައިގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު އެޗްއާރްސީއެމަށް ހާޒިރުކޮށްފައިވާއިރު އެމަނިކުފާނު ވިދާޅުވެފައިވަނީ އަބްދުﷲ ގާޒީ ހައްޔަރުކުރީ ޑިފެންސް މިނިސްޓްރީން ކަމަށެވެ.

އޭގެ ފަހުން އޭރުގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހިމް ކަލޭގެފާނު އެ ކޮމިޝަނަށް ހާޒިރުކުރުމުން ވިދާޅުވެފައިވަނީ އަބްދުﷲ ގާޒީ އެކަހެރި ކުރީ ގައުމީ ސަލާމަތާއި ގުޅުން ހުރި ކަމެއްގައި ކަމަށްވާތީ އެ މައުލޫމާތު ކޮމިޝަނަށް ނުދެއްވާނެ ކަމަށެވެ.