19:00


ޖުޑީޝަލް ސާރވިސް ކޮމިޝަންގެ މައްޗަށް ރައްޔިތުންގެ ވެސް، ސަރުކާރުގެ ވެސް އަދި ރައްޔިތުންގެ މަޖިލީހުގެ ވެސް އިތުބާރު މިހާރު ނެތް ކަމަށް އެ ކޮމިޝަނަށް ކަނޑައަޅުއްވާފައި ހުންނަވާ ރައީސުލްޖުމްހޫރިއްޔާގެ މެމްބަރު އައިޝަތު ވެލިޒިނީ ވިދާޅުވެއްޖެ އެވެ.


ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވެލެޒިނީ މިއަދު ވިދާޅުވީ ޖުޑީޝަލް ސާރވިސް ކޮމިޝަން ޖޭއެސްސީގެ މަސައްކަތްތައް ވެސް ކުރިއަށްދާނީ އަދި މުސްތަގިއްލު ފަނޑިޔާރު ގެއެއް އަޅުގަނޑުމެންނަށް ލިބޭނީ ވެސް ޖޭއެސްސީގެ މެމްބަރު އަދި ރައީސް މުޖްތާޒު ފަހުމީ އިސްތިއުފާ ދެއްވުމުން ކަމަށެވެ. ޖޭއެސްސީގެ ރައީސް އަދި ސްޕްރީމް ކޯޓްގެ ފަނޑިޔާރު މުޖްތާޒު ފަހުމީ އަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، ވެލެޒިނީ ވިދާޅުވީ އިންތިގާލީ މަރުހަލާގައި އޮތް ފަނޑިޔާރުގޭގެ މަސްލަހަތު އޮތީ ވެސް އަދި ނުފޫޒު ބޮޑީ ވެސް މުޖްތާޒު ފަހުމީގެ ކަމަށެވެ.


ވެލެޒިނީ އިތުރަށް ވިދާޅުވީ މުޖްތާޒު ފަހުމީ ދަނީ ހުރިހާ ފަނޑިޔާރުން ލައްވާ ގޯސް ހަދުވަމުން ކަމަށެވެ. އަދި ހުރިހާ ފަނޑިޔާރުން ވާންވީ މުސްތަގިއްލު ބައަކަށް ކަމަށް ވެސް ވެލެޒިނީ ވިދާޅުވި އެވެ.


މިހާރުގެ ފެހި ގާނޫނު އަސާސީއަށް އިޝާރާތް ކުރައްވާ ވެލެޒިނީ ވިދާޅުވީ މުޖްތާޒު ފަހުމީ ޢަމަލު ކުރައްވަމުން ގެންދަވަނީ ގާނޫނާއި ގާނޫނު އަސާސީއާ ޚިލާފަށް ކަމަށާއި އަދި މުޖްތާޒު ފަހުމީ އަކީ ޑިމޮކްރަސީ ވެސް ދެނެވަޑައިގެން ހުންނެވި ބޭފުޅެއް ނޫން ކަމަށެވެ. އަދި ވެސް ކަންތައްތައް ކުރައްވަން ބޭނުންވަނީ ކުރީގައި ވެސް ކަންތައްތައް ކުރެއްވަމުން ގެންދިޔަ ގޮތަށް ކަމަށް ވެސް ވެލެޒިނީ ވިދާޅުވި އެވެ.


މިކަމާ ގުޅިގެން މުޖްތާޒް ފަހުމީ އަށް ގުޅާލުމުން ފޯނަށް ޖަވާބު ނުދެއްވާތީ ވަނީ ބަހެއް ލިބޭ ގޮތް ނުވެފަ އެވެ.


"ފަނޑިޔާރުންގެ ސުލޫކީ މިންގަނޑު" ޖުޑީޝަލް ސަރވިސް ކޮމިޝަނުން އެކުލަވާލާފައި ވަނީ، ޤާނޫނު ހަމަތަކުގެ މަތިން ނޫން ކަމަށާއި އެ ކޮމިޝަނުގެ ރައީސަކަށް ހުންނެވި މުޖްތާޒް ފަހުމީ އަމިއްލައަށް ޝަރުތު ހަމަވާ ގޮތް ބައްލަވައިގެން ކަމަށް ތުހުމަތުކުރައްވައި ވެލިޒިނީ ވަނީ މިދިޔަ ހަފްތާގައި ވެސް ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން މުޖްތާޒު ފަހުމީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.