31 Jul 2022, 14:59
މަސްދަރު ހާމަކުރަން މަޖުބޫރުވާހެން ހެއްކާބެހޭ ޤާނޫނު ތަސްދީގު ކުރުމާއި ގުޅިގެން ނޫސްވެރިންގެ ހުރި ކަންބޮޑުވުންތައް, މޯލްޑިވްސް ޖަރނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ)ގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުއާ މިއަދު ހިއްސާކުރައްވައިފިއެވެ.
އެމްޖޭއޭއިން ނޫސްވެރިންގެ ހުރި ކަންބޮޑުވުންތައް ރައީސްއާ ހިއްސާކުރީ މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމެއްގައެވެ.
އެ ބައްދަލުވުމުގައި ސަރުކާރުގެ ފަރާތުން ބަންޑާރަ ނައިބު އިބްރާހީމް ރިފްޢަތާއި ޗީފް އޮފް ސްޓާފް އަލްއުސްތާޛު ޢަލީ ޒާހިރާއި ރައީސް އޮފީހުގެ ކޮމިއުނިކޭޝަން އޮފީހުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
ހެއްކާބެހޭ ގާނޫނާއި ގުޅިގެން އެމްޖޭއޭގެ ފަރާތުން ރައީސްއާ ހިއްސާކުރި ކަންބޮޑުވުންތަކުގެ ތެރޭގައި އެ ޤާނޫނުގައި މަސްދަރު ހާމަކުރުމާއި ގުޅޭ ގޮތުން، ޤައުމީ ސަލާމަތާއި ޓެރަރިޒަމް މާނަކޮށްފައިވާ ގޮތްތަކާ މެދު ހުރި ކަންބޮޑުވުންތައް ހިމެނެއެވެ.
އެމްޖޭއޭ އިން ބުނީ ހެއްކާބެހޭ ބިލް މަޖިލީހުގެ ކޮމިޓީ މަރުހަލާގައި އޮތް އިރު، އެމްޖޭއޭއިންނާއި ނޫސްވެރިން ބޭނުންވީ، މަސްދަރު ހާމަކުރުމާއި ގުޅޭ މާއްދާ ބިލުން މުޅިން އުނިކުރުމަށްކަމުގައި ވީނަމަވެސް، އެކަމާމެދު އެ ފަރާތްތަކުން ދެކޭގޮތް މިހާރު ބަދަލުވެފައިވާ ކަމަށެވެ.
އެގޮތުން އެއީ އޮންނަން ޖެހޭ މާއްދާއެއްކަމުގައި މިހާރު ދެކޭ ކަމަށާއި ނަމަވެސް މަސްދަރު ހާމަކުރުމާއި ގުޅޭ ގޮތުން ޤާނޫނަށް ބައެއް އިސްލާހުތައް ގެނައުމަށް ނޫސްވެރިން ބޭނުންވާކަން އެމްޖޭއެ އިން ރައީސްއަށް ވަނީ ދަންނަވާފައެވެ.
އެ ބައްދަލުވުމުގައި ރައީސް ވަނީ ސަރުކާރުން ހެއްކާބެހޭ ޤާނޫނުގައި މަސްދަރު ހާމަކުރަންޖެހޭ ގޮތަށް މާއްދާއެއް ހިމެނި ސަބަބާއި އެކަމުގެ ބޭނުން ވިދާޅުވެފައެވެ.
އެގޮތުން ރައީސް ވިދާޅުވީ ސަރުކާރުން މީޑިއާގެ މިިނިވަންކަމަށާއި ނޫސްވެރިކަމުގެ މިނިވަންކަަމަށް ހުރަހެއް ކުރިމަތި ނުކުރުވާނެ ކަމަށާއި ސަރުކާރުގެ ފާއިތުވެ ދިޔަ އަހަރުތަކުގައިވެސް އަމަލުކޮށްފައި ވަނީ އެގޮތަށް ކަމަށެވެ.
ހަމައެއާއެކު، ސަރުކާރުން މަސައްކަތްކުރަމުން ގެންދަނީ ޤައުމުގައި ހަމަޖެހުން ޤާއިމްކޮށް ހުރިހާ ފަރާތްތަކަކަށްވެސް ރައްކާތެރިކަން ހޯދައިދެއްވުމަށްކަމުގައި ރައީސް ވިދާޅުވިއެވެ.
ނޫސްވެރިންގެ ވާހަކަތައް އަޑު އެއްސެވުމަށް ފަހު ރައީސް ވިދާޅުވީ ހެއްކާބެހޭ ޤާނޫނުގެ ދަށުން މަސްދަރު ހާމަކުރަންޖެހޭ ހާލަތްތަކުގެ ތެރޭގައި ހިމެނޭ، ޤައުމީ ސަލާމަތާއި ގުޅުންހުރިކުށްތައް، ޤާނޫނުގައި ސާފުކޮށް ބަޔާންކޮށް، ޤާނޫނު އިސްލާޙުކުރެއްވުމަށް މަސައްކަތް ކޮށްދެއްވާނެ ކަަމަށެވެ.
މީގެ އިތުރުން މިހާރު އެކުލަވާލެވެމުންދާ މީޑިއާގެ ބިލާއި ގުޅޭ ގޮތުންވެސް ނޫސްވެރިންގެ ހިޔާލާއި މަޝްވަރާ ސަރުކާރުން ހޯދާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި ބަންޑާރަ ނައިބު، ރިފްޢަތު ވަނީ ހެއްކާއި ބެހޭ ޤާނޫނަށް ޢަމަލުކުރަން ފެށުމަށް އަދި ހަ މަސް ދުވަސް އެބައޮތްކަން ފާހަގަކުރައްވާފައެވެ.
އެ ޤާނޫނުން ނޫސްވެރިންނަށް ލިބިދޭ ހައްޤުތަކާއި މަސްދަރު ހާމަކުރުމަށް އަމުރުކުރެވޭނެ ގޮތްތަކާއި ފަނޑިޔާރުން އަމަލުކުރަންޖެހޭ ގޮތްތައްވެސް ރިއްފަތު ވަނީ ކިޔައިދެއްވާފައެވެ.
ހަމައެއާއެކު، ހެއްކާއި ބެހޭ ޤާނޫނުގައި މަސްދަރު ހާމަކުރަން ފަނޑިޔާރަކަށް އަމުރުކުރެވޭނެ ގޮތަށް ހިމަނާފައި ވަނީ މިނިވަން ދިމިޤުރާތީ މުޖުތަމައުތަކުގައި އެކަންކުރަމުން އަންނަ ގޮތަށާއި އދ އިން ނިންމާފައިވާ ނިންމުތަކަށް ބައްލަވައިގެން ކަމުގައިވެސް އޭނާ ވިދާޅުވިއެވެ.
ހެއްކާ ބެހޭ ގާނޫނު ރައީސް ތަސްދީގު ކުރެއްވީ މި މަހުގެ 18 ވަނަ ދުވަހުއެވެ. އެ ގާނޫނު ތަސްދީގު ކުރެއްވީ އެމްޖޭއޭއިން މީޑިއާތަކުގެ ގިނަ ނޫސްވެރިން މަސްދަރު ހާމަކުރުމާ ދެކޮޅަށް ޕެޓިޝަނެއްގައި ސޮއިކޮށް އެ ޕެޓިޝަން ރައީސް އޮފީހަށް ވެސް ހުށަހަޅާފައިވަނިކޮށެވެ.
އޭގެ ކުރިން ރައްޔިތުން މަޖިލީހުން މަސްދަރު ހާމަކުރާ ގޮތަށް ހެއްކާ ބެހޭ ބިލް ފާސްކުރަން ތާވަލުކޮށްފައި އޮތް ދުވަހު ނޫސްވެރިން ވަނީ މަޖިލިސް ކުރާގެ ސަރަޚައްދަށް އެއްވެ މުޒާހަރާވެސް ކޮށްފައެވެ.
މީގެ އިތުރުން، ނޫސްވެރިން އަންނަނީ އެ ބިލު އެގޮތަށް އޮތުމުން އެކި ގޮތްގޮތަށް ކަންބޮޑުވުން ފާޅުކުރަމުންނެވެ.