ރައްޔިތުންގެ މަޖިލީހުގައި ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕް ތަމްސީލު ކުރެވޭނެ ގޮތަށް މަޖިލީހުގެ ގަވާއިދަށް ހުށަހެޅި އިސްލާހު އިތުރު ބަދަލަކާނުލައި ކޮމެޓީން ދިރާސާ ކުރުމަށްފަހު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދަށް ހުށަހަޅުއްވައިފި އެވެ.

މަޖިލީހުގެ ގަވާއިދު އިސްލާހު ކުރާ އާންމު ކޮމެޓީގެ މުގައްރިރު ތުޅާދޫ ދާއިރާގެ މެންބަރު ނާޒިމް ރަޝާދު މިއަދު ވިދާޅުވީ ޕީޕީއެމަށް މަޖިލީހުގައި ފުރުސަތު ދެވޭ ގޮތަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފު ހުށަހެޅުއްވި އިސްލާހު ކޮމެޓީން ނިންމާފައިވާތީ، އެ އިސްލާހު ވޯޓަށް އެހުމުގެ އިހްތިޔާރު އޮތީ މަޖިލީހުގެ ރައީސްގެ އަތްޕުޅުގައި ކަމަށެވެ. އަދި މައްސަލަ އެޖެންޑާ ކުރުމާއެކު މަޖިލީހުގެ ތަޅުމުން އެކަމުގައި ގޮތެއް ނިންމާނެ ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރުކަން ވެސް ކުރައްވަމުން ގެންދަވާ ނާޒިމް ވިދާޅުވި އެވެ.

ސަރުކާރާ ބައިއަތު ހިފާފައިވާ ޕާޓީތަކުގެ އަގުލަބިއްޔަތު އޮންނަ ކޮމެޓީއަށް މަހުލޫފު ހުށަހެޅުއްވި އިސްލާހުގައި ވަނީ މަޖިލީހުގެ ގަވާއިދުގެ 29 ވަނަ މާއްދާގެ (ށ) އާއި (ނ) އަދި (ރ) އިސްލާހު ކުރުމަށެވެ. އެ އިސްލާހުތައް ބުނާ ގޮތުން ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވުމަށްފަހު އެހެން ޕާޓީއަކާ ގުޅޭ މެންބަރުންގެ އަދަދު ހަތް މެންބަރުނަށް އަރާނަމަ އެ ޕާޓީއަކުން ޕާލަމެންޓްރީ ގްރޫޕެއް މަޖިލީހުގައި ތަމްސީލު ކުރެވޭނެ އެވެ. އަދި ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރުގެ ދަށުން މަސައްކަތް ކުރާނެ ޕާޓީ ވިޕުން ކަނޑައެޅެންވާނެ ކަމަށް ވެސް ބުނެ އެވެ.

މަހުލޫފު ހުށަހެޅުއްވި އިސްލާހު ފާސް ވެއްޖެނަމަ މަޖިލީހުގެ ގަވާއިދުން އުނިވެގެންދާނީ 29 ވަނަ މާއްދާގައި ބުނާ (ށ) އާއި (ނ) އަދި (ރ) ގައި ބުނެފައިވާ ސިޔާސީ ޕާޓީތަކުގެ މަޖިލިސް މެންބަރުންނަށް ވާނީ ސިޔާސީ ޕާޓީއެއްގެ ނަމުގައި އާންމު އިންތިހާބަށް ކުރިމަތިލައިގެން ހޮވިފައިވާ މެންބަރުން ކަމަށް ބުނެފައި ވާ އިބާރާތްތަކެވެ.

އާންމުކޮމެޓީ އެ އިސްލާހުތައް ބަދަލުކުރުމަކާ ނުލައި، ކޮމެޓީއަށް ހާޒިރުވެވަޑައިގެންނެވި އަށް މެންބަރުންގެ އިއްތިފާގުން ނިންމުމަށްފަހު އެ މައްސަލައިގެ ރިޕޯޓް ޝާހިދަށް ފޮނުވީ މިދިޔަ ޑިސެންބަރު 28 ވަނަ ދުވަހު އެވެ.

ނާޒިމް ރަޝާދު ވިދާޅުވީ މަޖިލީހުގެ ގަވާއިދަށް އިސްލާހު ގެނައުމަށް ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރު ވެސް ހުށަހަޅުއްވާފައިވާ ކަމަށެވެ. އާމިރު ހުށަހެޅުއްވި އިސްލާހުގައި ވަނީ މަޖިލީހުގެ ބަހުސްގެ މަރުހަލާގައި މެންބަރުން ވާހަކަފުޅު ދައްކަވާއިރު އެއް މެންބަރަކު އަނެއް މެންބަރަކަށް ވަގުތު އިތުރުކޮށް ހެދުމުގެ ފުރުސަތު ދިނުމަށެވެ. އެއީ ސިޔާސީ ޕާޓީތަކުގެ މެންބަރުން ވެސް ވާހަކަފު ދައްކަވާއިދު ވަގުތު އިތުރުކޮށް، މަދުކުރުމުގެ އިހްތިޔާރު ސިޔާސީ ޕާޓީތަކުގެ މެންބަރުންނަށް ލިބިދީފައިވާތީ އެވެ. ނަމަވެސް ނާޒިމް ރަޝާދު ވިދާޅުވީ އެ އިސްލާހު ފާސްކުރަން ނުފެންނަ ކަމަށް ކޮމެޓީން ނިންމާފައިވާ ކަމަށެވެ.

"މިނިވަން މެންބަރުންނަށް ވެސް ޕާޓީތަކެކޭ އެއް އުސޫލުން ވާހަކަފުޅު ދެއްކެވުމުގައި ފުރުސަތު ލިބޭގޮތަށް ހުށަހަޅުއްވާފައިވާ އިސްލާހެއް. އެ އިސްލާހު ވެސް ވާނީ ކޮމެޓީން ނިންމައި މަޖިލީހުގެ ރައީސްގެ އަތްޕުޅަށް އަރުވާފައި،" ނާޒިމް ވިދާޅުވި އެވެ.