31 Jul 2022, 11:35
މި އަހަރުގެ ދެވަނަ ކުއާޓަރުގައި އެސްޓީއޯއަށް ލިބުނު އާމްދަނީ ފަސް ބިލިއަނާ ގާތަށް އަރައިފިއެވެ.
އެސްޓީއޯގެ މި އަހަރުގެ ދެވަނަ ކުއާޓަރުގެ މާލީ ހިސާބުތައް ދައްކާގޮތުން މިއަހަރުގެ އޭޕްރީލް މަހާއި، ޖޫން މަހާ ދެމެދު އެސްޓީއޯއަށް ޖުމްލަ 4.9 ބިލިއަން ރުފިޔާގެ އާމްދަނީއެއް ވަނީ ލިބިފައެވެ. އަދި ޓެކުހަށް ކެނޑުމަށްފަހު، 155 މިލިއަން ރުފިޔާގެ ފައިދާއެއް ލިބިފައިވެއެވެ.
މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެސްޓީއޯގެ އާމްދަނީ ހުރީ 4 ބިލިއަން ރުފިޔާގައެވެ. އަދި، އެ މުއްދަތުގެ ތެރޭގައި އެ ކުންފުންޏަށް ލިބިފައިވަނީ 149 މިލިއަން ރުފިޔާގެ ފައިދާއެކެވެ.
އެސްޓީއޯއަށް ދެވަނަ ކުއާޓަރުގައި ލިބުނު ފައިދާގެ ތެރެއިން ހިއްސާއަކަށް ޖެހެނީ 138 ރުފިޔާއެވެ. އަދި މުޅި ކުންފުނީގެ ޖުމްލަ އަގު 3.1 ބިލިއަން ރުފިޔާއަށް އަރައެވެ.
އެ ކުންފުންޏަކީ 82 އިންސައްތަ ސަރުކާރު ހިއްސާވާ ކުންފުންޏެކެވެ. ބާކީ 18 އިންސައްތަ ހިއްސާވަނީ އާންމު ހިއްސާދާރުންނެވެ.