ވަޒީފާ އަދާކުރާ މީހުންގެ ޕެންޝަން ފަންޑު، ރިޓަޔާމަންޓް ޕެންޝަން ސްކީމުގެ ފައިސާގެ އަދަދު އެއްބިލިޔަން ރުފިޔާއަށްވުރެ މައްޗަށް އަރާފައިވާ ކަމަށް އެ އޮފީހުން ބުނެފި އެވެ.

މިއަދު އެ އޮފީހުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޕެންޝަން އޮފީހުގެ ސީއީއޯ މުހަންމަދު ހުސައިން މަނިކު މިއަދު ވިދާޅުވީ އެފަންޑަށް ކޮންޓްރިބިއުޝަންގެ ގޮތުގައި މަހެއްގެ މައްޗަށް 50 މިލިއަން ރުފިޔާ ލިބޭ ކަމަށާއި ސަރުކާރާއި ޕްރައިވެޓް ސެކްޓާއިން 71000 މުވައްޒަފަކު ޕެންޝަން ފައިސާ ދައްކަމުން އަންނަ ކަމަށެވެ.

"މިހާރު އަޅުގަނޑުމެންނަށް މަހަކު 50 މިލިއަން މި ލިބެނީ. މި މަހުގެ ފައިސާ އައުމުން މިހާރު މި ފަންޑުގެ އަދަދު މިވަނީ އެއް ބިލިއަން ރުފިޔާއަށްވުރެ މައްޗަށް އަރާފައި. އެހެންވީމަ މި ފަންޑުގައި މިހުރީ 71000 މީހުންގެ ފައިސާ މިއީ،" މަނިކު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ފަންޑަށް ފައިދާ ވަނީ ޓީ ބިލުންނާއި ފިކްސްޑް ޑިޕޮސިޓުން ކަމަށެވެ. ފަންޑުން އިންސްވެސްޓްކޮށްގެން ފައިދާ ހޯދަން ހުރަސްތަކެއް އެބަހުރި ކަމަށާއި ޕެންޝަންގެ ގާނޫނު ބުނާގޮތުން އެ ކުންފުންޏަށް އިންވެސްޓްކުރެވޭނީ ސީއެމްޑީއޭގައި ލިސްޓުކޮށްފައިވާ ކުންފުންޏަކަށް ކަމަށް ވެސް މަނިކު ވިދާޅުވި އެވެ.

ފަނޑުން ވަނީ 100 މިލިއަން ރުފިޔާގެ ދިރާގުގެ ހިއްސާ ގަނެފަ އެވެ.

"މި ފަންޑަށް މަހަކު 50 މިލިއަން ރުފިޔާ އަންނައިރު އެބަޖެހޭ ބައިވެރިންނަށް ލިބޭ ނަފާ އިތުރުކުރަން. މިސާލަކަށް މިތާ ތިބޭ ބަޔަކަށް ނޯންނާނެ ބޮޑު ރިސްކެއް އޮންނަ ކަމަކަށް އިންވެސްޓްކުރެވޭކަށް. އަޅުގަނޑުމެން ޖެހޭނީ ވީހާވެސް ސަލާމަތްތެރިކަމާ އެކު އިންވެސްޓްކުރަން. އެހެންވީމައި ކޮންމެ އިންވެސްޓްމަންޓަކަށް ހަރަދެއް ނުކުރެވޭނެ،" މަނިކު ވިދާޅުވި އެވެ.

މަނިކު ވިދާޅުވީ އަދިވެސް ޕެންޝަން ފަންޑުގައި ބައިވެރިނުވެ އަދި ފައިސާ ޖަމާނުކުރާ ފަރާތްތަކެއް އެބަތިބި ކަމަށާއި އެފަރާތްތަކާ ވާހަކަ ދައްކައިގެން ފަންޑުގައި ބައިވެރިކުރަން މަސައްކަތް ކުރާ ކަމަށެވެ.

އުމުރުން 65 އަހަރުވެފައިވާ މީހުންނަށްދޭ އަސާސީ ޕެންޝަންދެނީ ވެސް ޕެންޝަން އޮފީހުންނެވެ. މަނިކު ވިދާޅުވީ މިދިޔަ ޖެނުއަރީ މަހުން ފެށިގެން 65 އަހަރުވެފައިވާ މީހަކަށް ލިބޭ ޕެންޝަން 2300ރ. ބޮޑުކޮށްފައިވާ ކަމަށާއި 15176 މީހަކަށް އެ ފައިސާ ދޫކުރަމުން އަންނަ ކަމަށެވެ.

އަސާސީ ޕެންޝަންގެ ފައިސާ އިތުރު ކުރީ ރައްޔިތުންގެ މަޖިލީހުން އެ ފައިސާ އިތުރުކުރަން ނިންމުމާ ގުޅިގެންނެވެ.

މަނިކު ވިދާޅުވީ ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ ޕެންޝަން ފަންޑަށް ޖަމާކޮށްފައި ހުރި ފައިސާ 15 އެޕްރީލުގެ ފަހުން ފުރާ ފަރާތްތަކަށް އެއްކޮށް ލިބޭނެ ކަމަށެވެ. ނަމަވެސް މަސައްކަތް ކުރި މުއްދަތަށް ބަލައި ސަރުކާރުގެ ބައެއް ބިދޭސީ މުވައްޒަފުންނަށް އެކްރޫޑް ޕެންޝަންގެ ގޮތުގައި ފައިސާ ޖަމާކޮށްފައިވާ ކަމަށާއި އެ ފައިސާ ލިބޭނީ 65 އަހަރުވުމުން ކަމަށެވެ.

"އެބޭފުޅުން ބޭރުގައި ތިއްބެވިޔަސް އެބޭފުޅަކަށް 65 އަހަރުވީމައި އެ ފައިސާ ދެވޭނެ،" މަނިކު ވިދާޅުވި އެވެ.

ބިދޭސީ މީހުންނަށް ޕެންޝަންފަންޑުގައި ބައިވެރިވުމަށް މިހާރު ވަނީ ހުޅުވާލާފަ އެވެ. އެފަރާތްތަކުން އެޕްރީލް 2014ގެ ކުރިން ފަންޑުގައި ރަޖިސްޓްރީވެ ނިންމަންޖެހެ އެވެ.