30 Jul 2022, 18:49
ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް)ގެ ޚިދުމަތް ފެށުމަށްޓަކައި އަތޮޅުތަކަށް ފޮނުވަން ބޭނުންވާ މިނީ ބަސްތައް އެ އަތޮޅުތަކަށް ގެންގޮސް ނިމިއްޖެކަމަށް އެމްޓީސީސީން ބުނެފިއެވެ.
މިނީ ބަހުގެ ޚިދުމަތް ފެށުމަށްޓަކައި ބޭނުންވާ 36 ބަސް މިމަހުގެ ކުރީކޮޅު ވަނީ މާލެ ގެނެސްފައެވެ. އޭގެތެރެއިން 12 ބަސް މާލޭގައި ބޭނުންކުރާއިރު ބާކީ 24 ބަހަކީ ރާއްޖެތެރޭގައި ބޭނުންކުރުމަށް ގެނައި ބަސް ތަކެކެވެ.
އެގޮތުން އައްޑޫއަށް އިއްޔެ ވަނީ 12 ބަސް ގެންގޮސްފައެވެ. އަދި މިދިޔަ ބުރާސްފަތި ދުވަހު ވަނީ ފުވައްމުލަކަށް ފަސް ބަސް ގެންގޮސްފައެވެ. އަދި ލ. އަތޮޅުގެ މެއިންލޭންޑުގައި ދުއްވާ ދެ ބަހާއި އިސްދޫ ކަލައިދޫ ރޫޓުގައި ދުއްވާ ދެ ބަސް ވެސް ވަނީ މިދިޔަ ބުރާސްފަތި ދުވަހު އެ ރަށްރަށަށް ގެންގޮސްފައެވެ.
މިނީ ބަހުގެ ޚިދުމަތް ރާވާނީ ކޮންމެ 10 މިނެޓަކުން ސްޓޮޕްތަކަށް މަޑުކުރާގޮތަށެވެ.
މި މަހުގެ ތެރޭގައި މިނީބަހުގެ ޚިދުމަތް ދޭން ފަށަން މަސައްކަތްކުރާކަމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ. އާޒިމް ވިދާޅުވީ މިހާރު މިނީ ބަހުގެ ޚިދުމަތް ނުފެށި ލަސްވަނީ މާލޭ ސިޓީ ކައުންސިލުން އެކަމަށް ދޭން ޖެހޭ އެއްބާރުލުން ނުދޭތީ ކަމަށެވެ. އެގޮތުން ބަހުގެ ޚިދުމަތް ފެށެން އޮތީ މާލޭގެ މަގުތަކަށް ބައެއް ބަދަލުތައް ގެނެސްގެން ކަމަށް އާޒިމް ވިދާޅުވިއެވެ.