އެއްޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ކުރީގެ ނޫސްވެރިޔާ ޢަބްދުﷲ ނަސީރު އިބްރާހީމްގެ ބަންދަށް ދިހަ ދުވަސް ޖަހައިފިއެވެ.

ފުލުހުން ބުނީ އެއްޖިންސުން ގުޅުން ހިންގި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އިއްޔެ ހައްޔަރު ކޮށްފައިވާ 28 އަހަރުގެ ފިރިހެން މީހާގެ ބަންދަށް ކޯޓުން ދިހަ ދުވަސް ޖަހާފައިވާ ކަމަށެވެ.

ނަސީރު އެއްޖިންސުން ގުޅުން ހިންގާ ކަމަށް ތުހުމަތު ކުރެވޭ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ ދައުރުވެފައެވެ. އެ ވީޑިއޯއިން ދެން ފެންނަނީ ކާކުކަމެއް ސާފެއްނުވެއެވެ.

އެއްޖިންސުން ގުޅުން ހިންގި މައްސަލަ ތަހުގީގު ކުރުމުގައި އެއްވެސް ނުފޫޒެއް ނެތް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެ މައްސަލާގެ ތުހުމަތަށް އިތުރު ތިން މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ އަހްމަދު ނާޒިމް އަބްދުއްސައްތާރާއި ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެންބަރު މުހަައްމަދު ނަޝީދު (ކާނަލް) އާއި ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުގައި މަސައްކަތް ކުރާ އަބްދުއްރަހްމާން ރަފީއުއެވެ.