27 Mar 2012, 15:52
އިންސާނުންގެ ސިއްޙަތަށް ވަރަށް ފައިދާ ހުރި މާއްދާއެއް ކަމަށްވާ "ފްލަވަނޮއިޑްސް" އާފަލާއި މޭބިސްކަދުރުގައި ވަރަށް ގިނައިން ހުންނަކަން ކަމާ ބެހޭ ދިރާސާއަކުން ހާމަވެއްޖެވެ.
ސިއްޙީ ތަޖްރިބާކާރުން ވިދާޅުވާ ގޮތުން "ފްލަވަރނޮއިޑްސް"އަކީ ނާރުތަކުގައި ލޭހިނގުން ރަނގަނޅުކޮށް ލޭހިނގާ ހޮޅިތަކުގައި ސަރުބީ ޖެހުން ކުޑަކުރުމަށް އެހީވާ މާއްދާއެކެވެ. މިމާއްދާއަކީ ހިތުން ހަށިގަނޑުގެ އެތަންމިތަނަށް ލޭފޮނުވުމުގެ ޤާބިލްކަން އިތުރުކޮށް ހިތްހުއްޓުން ފަދަ ކަންކަން ދުރުކޮށްދޭ މާއްދާއެއް ކަމަށް ވެސް ކަމާ ބެހޭ ހޯދުންތަކުގެ އަލީގައި ސިއްޙީ ތަޖްރިބާކާރުން ވިދާޅުވެ އެވެ. ގިނަ މޭވާގައި "ފްލަވަރނޮއިޑްސް"ހުރި ނަމަވެސް އެންމެ ގިނައިން މިމާއްދާ ހުންނަނީ އާފަލާއި މޭބިސްކަދުރުގައި ކަމަށް ފަހުގެ ދިރާސާތައް ބުނެ އެވެ.
އާފަލާއި މޭބިސްކަދުރުގައި ހުންނަ "ފްލަވަރނޮއިޑްސް"އަކީ ކާބޯތަކެތީގައި ހުންނަ ކޮލެސްޓްރޯލްގެ މިންވަރު ތިންބައިކުޅަ ދެބަޔަށް ދަށްކޮށްދޭ އެއްޗެއްކަން އެމެރިކާގައި ދާދިފަހުން ކުރި ދިރާސާއަކުން ދައްކަ އެވެ. އެހެންކަމުން ކެއުމަށް ފަހު އާފަލެއް ކެއުމަކީ ނޫނީ މޭބިސްކަދުރު ކެއުމަކީ ]ދިގުމުއްދަތަކަށް އެކަންކުރެވިއްޖެ ނަމަ[ ހަށިގަނޑުގައި ކޮލެސްޓްރޯލް ދަށްކޮށް ކޮލެސްޓްރޯލް ލެވެލް މައްޗަށް ދިޔަ ނުދީ ހިފަހައްޓައި ހިތުގެ މައިނާރުތައް ލޭގެސަރުބީން ބެދޭ ބެދުމުން ސަލާމަތްކޮށްދޭނެ ކަމެއްކަމަށް ތަޖްރިބާކާރުން ބުނެ އެވެ.
އާފަލުގައި ހުންނަ އެހެން ފައިދާތަކުގެ ތެރޭގައި ލޭގެ ޕްރެޝަރު ދަށްކޮށްދިނުމާއި ހަޖަމު ފަސޭހަކޮށްދިނުމާއި ލޭ ސާފުކޮށް ތާޒާކޮށްދިނުމާއި ކުޑަގޮހޮރާއި ބޮޑުގޮހޮރުގައި ފާރުހެދުން މަނާކުރުން ފަދަ ކަންކަން ހިމެނޭކަމަށް ވެސް ސިއްޙީ ތަޖްރިބާކާރުން ވިދާޅުވެ އެވެ. (މިޑްލްއީސްޓް ނޫސްއެޖެންސީ)