ގަދަ ވިއްސާރައާއެކު ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް އުދަ އެރުން އެކަށީގެންވާ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.

އެ އިދާރާއިން ބުނީ ރާއްޖެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވެފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށް އެ އިދާރާއިން ލަފާކުރެއެވެ.

ވިއްސާރައިގައި ޚާއްސަކޮށް މެދުރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކުގައި ވައިގަދަވެ ކަނޑުތައް ވަރަށް ބޮޑަށް ގަދަވާނެ ކަމަށް ވެސް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފައިވެއެވެ.

އެ އިދާރާއިން ބުނީ ވައި ޖެހޭނީ އުތުުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ކަމަށާއި ދެކުނުގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށެވެ.

ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައިގަދަވުން އެކަށިގެންވާ ކަމަށެވެ. ރާޅުގެ އުސްމިނުގައި 4 ފޫޓާއި 7 ފޫޓު ހުންނާނެ ކަމަށް ވެސް އެ އިދާރާއިން ބުނެއެވެ.

މޫސުން ގޯސްވުމާއެކު މިއަދު ހެނދުނު 11:30 އިން ހަވީރު 05:30 އަށް މުޅި ރާއްޖެއަށް ވައިޓް އެލާޓްވެސް ވަނީ ނެރެފައެވެ.

މެޓް އޮފީހުން ބުނީ ހުރިހާ ފަރާތްތަކުން ވެސް ޚާއްސަކޮށް ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ވަރަށް ބޮޑަށް ސަމާލުވުމަށް އިލްތިމާސް ކުރާ ކަމަށެވެ. ކުރިމަތިވެދާނެ ނުރައްކާތަކުން ސަލާމަތްވުމަށާއި ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ވެސް އިލްތިމާސްކޮށްފައިވެއެވެ.

މި ފަހުން ވެސް ރާއްޖޭގެ ގިނަ ރަށްތަކަކަށް އުދަ އަރައި ބޮޑެތި ގެއްލުންތަކެއްވިއެވެ. އެގޮތުން ބައެއް ރަށްރަށުގެ ގެތަކަށް ފެންވަދެ ހިފާގެންގުޅޭ ތަކެއްޗަށް ގެއްލުންވިއެވެ.