29 Jul 2022, 19:08
އެއްޖިންސުން ގުޅުން ހިންގި މައްސަލާގައި ރާއްޖެ ޓީވީގެ ކުރީގެ ނޫސްވެރިޔާ އަބްދުﷲ ނަސީރު އިބްރާހީމް ހައްޔަރުކޮށްފިއެވެ.
މިކަމާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެއްޖިންސުން ގުޅުން ހިންގި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން 28 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
ނަސީރު އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ ދައުރުވެފައެވެ. ނަސީރު އެއްޖިންސުން ގުޅުން ހިންގަނީ ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމާއެކު ކަމަށް ބުނެ މީގެ ކުރިން ވަނީ ދޮގު ވާހަކަތަކެއް ފަތުރާފައެވެ.
އެކަމާ ގުޅިގެން ސަލީމް ވަނީ އަބުރާ ބެހުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލެއްގެ ގޮތުގައި 10 މިލިއަން ރުފިޔާ ހޯދަން ދައުވާކޮށްފައެވެ.
ނަސީރާއެކު އެއްޖިންސުން ގުޅުން ހިންގާފައި ވަނީ ސަލީމް ނޫންކަން ފުލުހުންގެ ތަހުގީގަށް ވެސް ވަނީ ކަށަވަރުވެފައެވެ. އެނގިފައިވާގޮތުގައި އެއީ ކާކުކަން ވެސް ވަނީ ދެކެގަނެވިފައެވެ.
އެއްޖިންސުން ގުޅުން ހިންގި މައްސަލަ ތަހުގީގު ކުރުމުގައި އެއްވެސް ނުފޫޒެއް ނެތް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އެ މައްސަލައާ ގުޅިގެން އިތުރު ތިން މީހަކު އިއްޔެ ހައްޔަރުކޮށްފައިވެއެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ އަހްމަދު ނާޒިމް އަބްދުއްސައްތާރާއި ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެންބަރު މުހަައްމަދު ނަޝީދު (ކާނަލް) އާއި ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުގައި މަސައްކަތް ކުރާ އަބްދުއްރަހްމާން ރަފީއުއެވެ.