27 Mar 2012, 15:52
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު އިސްތިއުފާ ދެއްވުމަށް ފަހު އަވަސް އިންތިހާބެއް ބޭއްވުމަށް ޕީޕަލްސް ޕާޓީން ގޮވާލައިފި އެވެ.
ސިޔާސީ ހަރަކާތްތަކެއް ހިންގާކަން މާބޮޑަށް ފާހަގަ ކުރެވިފައި ނުވާ ޕީޕަލްސް ޕާޓީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނަނީ ރާއްޖެ މިނިވަން ކަމުގެ އައްސޭރިއަށް ގެނެވެން އޮތް ހަމައެކަނި ގޮތަކީ ވީއެންމެ އަވަހަކަށް އިންތިޚާބެއް ބޭއްވުން ކަމަށް އެޕާޓީ އަށް ފެންނާތީ ރައީސް ވަހީދު އިސްތިއުފާ ދެއްވުމަށް އެ ޕާޓީން ގޮވާލާ ކަމަށެވެ. އަދި ރައްޔިތުންގެ ތާއީދާއެކު ވެރިކަމުގައި ދެމިހުންނެވުމަށް ރައީސް ވަހީދަށް އިލްތިމާސް ކުރާ ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.
"... މިނިވަންކަމާއި އަމާންކަމުގެ އައްސޭރިއަކަށް ގެންދެވެން އޮތް ހަމައެކަނި ގޮތަކީ، ވީ އެންމެ އަވަސް ފުރުސަތެއްގައި އަވަސް އިންތިޚާބެއް ބޭއްވުންކަމަށް މި ޕާޓީއަށް ފެންނާތީވެ، މިހާރުގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވީ އެންމެ އަވަސް މަގަކުން އިސްތިއުފާދެއްވުމަށް ގޮވާލަމެވެ،" އެ ބަޔާނުގައި ވެއެވެ.
ދެހާސް މެންބަރުން ހަމަނުވާ އެ ޕާޓީގެ ބަޔާނުގައި ބުނަނީ ރައްޔިތުންނަށް ހެވާއި ލާބަ ހޯދުމަށް ކަމަށް ބުނެ ސިޔާސީ ގޮތުން އެއްބަޔަކު އަނެއް ބަޔަކަށް ބާރާއި ނުފޫޒު ހޯދުމަށް ބޮޑެތި ސިޔާސީ ޕާޓީތައް ކަމަށް ވަކާލާތު ކުރައްވާ ޕާޓީތަކުން ޑިމޮކްރެސީގެ ނަމުގައި އަނިޔާވެރި ހަރަކާތްތައް ހިންގަމުންދާ ކަމަށެވެ. އަދި އެ ހަރަކާތްތަކުގެ ޝިކާރައަކަށް ގިނަ ރައްޔިތުންތަކެއްވެ ރައްޔިތުންގެ މެދުގައި އޮތް މިނިވަންކަމާއި އަމާންކަން ގެއްލި ގައުމު ފިތުނަވެރި ކަމުގެ ކަނޑައަކަށް ޢަރަގު ވެގެންދާއިރު ވެސް ބޮޑެތި ޕާޓީތަކުން ހަރުކަށިކަން ދޫނުކުރާތީ އެ ޕާޓީން ކަންބޮޑުވާ ކަމަށެވެ.
ރައްޖޭގެ ތަރައްގީގެ މޭސްތިރިންގެ ގޮތުގައި ތިބީ ބޭރުގެ ހެޔޮ އެދޭ ގައުމުތަކާއި މާލީ އިދާރާތައް ކަމަށް ވާއިރު މިއަދު ރާއްޖެއިން މިފެންނަ ސިޔާސީ ހަމަނުޖެހުންތަކުގެ ސަބަބުން ބޭރުގެ ފަރާތްތަކުގެ އެހީތައް ކެނޑެމުންދާ ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.
މީގެ އިތުރުން އެ ބަޔާނުގައި ބުނަނީ ރައްޔިތުންގެ މަޖިލީހުގެ މަދު މެންބަރުން ފިޔަވައި އެހެން މެންބަރުން ވަނީ ރައްޔިތުން އެބައިމީހުން އިންތިޚާބު ކުރި މަގުސަދުން ބޭރުވެފައިކަމަށާއި މަޖިލީހުގެ މިއަދުގެ އުސޫލަކީ ބާޒާރުމަތީގެ އުސޫލު ކަމަށެވެ. އަދުލު އިންސާފު ގެއްލިފައިވާ ކަމަށް ބުނެ، ކޯޓުތަކުން ހުކުމް ކުރުމުގައި ވަކިބަޔަކަށް ވަކިގޮތެއް ހަދަމުން ގެންދާކަމަށްބުނެ ޝަރުއީ ނިޒާމަށް ވަނީ ތުހުމަތުގެ އިނގިލި ދިގުކޮށްފައެވެ.
"އަދުލު އިންސާފު ގެއްލި ޝަރުއީ ނިޒާމުގައި އޮތީ މޮޅުންނަށް މޮޅުގޮތެވެ،" އެ ބަޔާނުގައި ވެއެވެ.