29 Jul 2022, 20:33
ދީނުގެ އަދުއްވުން އަޑީގައިތިބެ، އިސްލާމްދީނުގެ އުސޫލުތައް މުގުރާލައި، ފިތުރަތުގެ ގާނޫނާ ޚިލާފު، ޙަރާމް ކަންތައްތައް ޙަލާލު ކުރުމުގެ އޮއިވަރެއް ފެތުރުމަށް ކެނޑިނޭޅި މަސައްކަތް ކުރަމުން ދާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެންބަރު އަދި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ލީޑަރު އަޙްމަދު ސިޔާމް މުޙައްމަދު ވިދާޅުވެއްޖެއެވެ.
ހިޖުރައިން 1444 ވަނަ އަހަރުފެށޭ މުނާސަބަތާ ގުޅިގެން ނެރުއްވި ޚިޠާބުގައި ސިޔާމް ވިދާޅުވީ ހިޖުރީ އައު އަހަރެއް ފެށުމުގެ މުނާސަބާ އަޅުގަނޑުމެން ފާހަގަމިކުރަނީ، ހިޖުރައިގެ މަތިވެރި ދަތުރުން އިބުރަތްތައް ހާސިލުކުރަމުން ކަމަށެވެ.
ބިރުވެރި، ނުރައްކާތެރި ދަތުރަކަށްފަހު ކީރިތި ރަސޫލާ މައްކާ ދޫކުރައްވާ މަދީނާއަށް ހިޖުރަކުރެއްވި ކުރެއްވުމަކީ، ސަބަބުތަކުގައި ހިފައި، ކޮންމެ ކަމެއްގައިވެސް މާތްﷲ އަށް ވަކީލުކުރުމުގެ މުހިންމުކަން ދަސްކޮށްދޭ މުހިންމު ފިލާވަޅެއް ކަމަށް ވެސް ސިޔާމް ވިދާޅުވިއެވެ.
އަދި އެއީ ކިތަންމެ އުނދަގޫ ޙާލަތަކާ ބައްދަލުކުރަން ޖެހުނު ނަމަވެސް، ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ، އެކަމެއް ކާމިޔާބުވާނެކަން ދަސްކޮށްދޭ އަލިގަދަ ދަލީލެއް ކަމަށް ވެސް ސިޔާމް ވިދާޅުވިއެވެ.
މިއަދު މުސްލިމުންގެ އަދަދު ކިތަންމެ ގިނަނަމަވެސް، މުސްލިމުންނަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް އިންތިހާއަށް ގިނަގުނަކަން ސިޔާމް ފާހަގަކުރެއްވިއެވެ.
އެގޮތުން ލާދީނީ ފިކުރުތައް އަޅުގަނޑުމެންގެ ތެރޭގައި ފަތުރައި، ދިނީ އިލްމުވެރިންނަށް ބަދުބަސް ބުނެ އިލްމުވެރިންނަށް އަނިޔާކޮށް، ހަރުކަށިކަމުގެ ޓެގު އެ މީހުންގެ ބޮލުގައި އެޅުވުމަށް ކެނޑިނޭޅި މަސައްކަތްކުރާ ބަޔަކު މިއަދުވެސް ހަރަކާތްތެރިވަމުން ދާކަމަށް ވިދާޅުވިއެވެ.
ސިޔާމް ވަނީ އެފަދަ ނޭއްގާނީ ކަންތައްތައް ހުއްޓުވުމަށް، އެކަތިގަނޑަކަށްވެ މަސައްކަތް ކުރުމަށް ގޮވާލައްވައިފައެވެ.
އޭނާގެ އިލްތިމާސަކީ، ހުރިހާ ރައްޔިތުންވެސް، އައު އަހަރާއެކު، އިސްލާމްދީން މަތިވެރިކުރުމަށް މަސައްކަތް ކުރުން ކަމަށް ސިޔާމް ވިދާޅުވިއެވެ. މީގެ އިތުރުން ދީނީ އަޅުކަންތައް އަދާކުރުމަށް ސަމާލުކަންދީ، ކީރިތި ގުރުއާން ކިޔަވައި، ޒަކާތްދީ ސަދަގާތްކޮށް އުޅުމަށް ހުރިހާ ރައްޔިތުންނަށް ވަސިއްޔަތް ކުރާ ކަމަށް ވެސް ވިދާޅުވިއެވެ.