މުޑުދާރު އަމަލު ހިންގާ މީހުންނާމެދު، ގާނޫނުގައިވާ ފިޔަވަޅު އެޅޭނީ ކަމާގުޅުން ހުރި އިދާރާތަކުގެ ފުރިހަމަ އެއްބާލުން ލިބިގެން ކަމަށް ހޯމް މިނިސްޓަރު އައްޝައިޚު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

އިމްރާން މިހެން ވިދާޅުވީ، މީސް މީޑިއާގައި ލީކު ކޮށްލާފައިވާ ބަދުއަޚުލާގީ ވީޑިއޯތަކުން ފެންނަ މީހުން، ކޯޓު އަމުރެއްގެ ދަށުން ފުލުހުން ހައްޔަރު ކުރަން ފަށާފައިވާ ވަނިކޮށެވެ.

އެ ވީޑިއޯތަކުގައި އުޅޭ މީހުން ހައްޔަރު ކުރަން މި ފެށީ އެ މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޝަރީއަތް ހިންގުން ލަސްވާތީ ސަރުކާރަށާއި ފުލުހުންނަށް، ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވަމުން އަންނަން ފެށުމުންނެވެ.

ކޯޓު އަމުރުގެ ދަށުން މިހާތަނަށް ފުލުހުން ހައްޔަރު ކޮށްފައިވަނީ ގިނަ ބަޔަކާ އެކު އެއް ޖިންސުން ގުޅުން ހިންގި ކަމަށް އަމިއްލައަށް އިއުތިރާފުވެފައިވާ، ބަންގްލަދޭޝްގެ އަލަމްގީރު، އާއި ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ކޮއްކޮ އަހްމަދު ނާޒިމް އަބްދުއްސައްތާރާއި ފުލުހުންގެ ޑްރަގް އެންފޯސްމެންޓް ޑިޕާޓްމެންޓުގައި މަސައްކަތް ކުރާ އަބްދުއްރަހްމާން ރަފީއުގެ އިތުރުން ކުރީގެ މަޖިލިސް މެންބަރު މުޙައްމަދު ނަޝީދު (ކާނަލް) އެވެ.

ބަދުއަޚްލާގީ ވީޑިއޯތަކުގެ މައްސަލައިގައި އެންމެ ފުރަތަމަ ހައްޔަރުކުރީ އަލަމްގީރުއެވެ. އޭނާގެ ބަންދަށް ކޯޓުން 15 ދުވަސް ވަނީ ދީފައެވެ.

އިމްރާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މުޑުދާރު އަމަލު ހިންގާ މީހުންނާމެދު ގާނޫގައިވާ ފިޔަވަޅު އެޅުމަށް ފުލުހުން ފަސް ނުޖެހޭނެކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ. ނަމަވެސް ޖިނާއީއަދުލު ހިންގުމަކީ ފުލުހުންގެ އެކަނި ޒިންމާއެއް ނޫން ކަމަށް ވިދާޅުވިއެވެ.

"ނިޒާމުގައި ހިމެނޭ އެންމެން މާތްﷲއަށް ބިރުވެތިވެ، ފުރިހަމަ ޒިންމާ އަދާ ކުރަންޖެހޭ،" އިމްރާން ވިދާޅުވިއެވެ.

އިމްރާން މިހެން ވިދާޅުވުމާ ގުޅުވައިގެން މީސް މީޑިއާގައި ގިނަ ބަޔަކު އަންނަނީ އޭނާއަށް ފާޑު ކިޔަމުންނެވެ. އޭގެ ތެރެއިން ބައެއް މީހުން ބުނެފައިވާ ގޮތުގައި ބަދުއަޚުލާގީ ވީޑިއޯތަކުގެ މައްސަލަ އިންސާފުވެރިކަމާއެކު ތަހުގީގު ކުރުމުގެ ބާރު، ފުލުހުންގެ އަތުގައި މިހާރު ނެތެވެ.

މީގެ އިތުރުން އެ ތަހުގީގު ކުރާ ފުލުހުންނަށް، ސިޔާސީ ނުފޫޒު ފޯރުވާކަމުގެ ތުހުމަތު އަންނަނީ އަމާޒުވަމުންނެވެ.

އެފަދަ ވާހަކަތަކާ ގުޅުވައިގެން ފުލުހުން ވަނީ އެކަން ދޮގުކޮށް، ބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައި ބުނެފައިވަނީ އެ މައްސަލައިގައި ފުލުހުން ކުރަމުން ގެންދާ ތަހުގީގު، ވަކި ގޮތަކަށް ގެންދިއުމަށް ނުވަތަ، ވަކި ފަރާތެއްގެ މައްސަލައަށް ވަކި ގޮތެއް، ހެދުމަށް އެއްވެސް ފަރާތެއްގެ ނުފޫޒެއް އެ މުއައްސަސާއަށް ނުފޯރާ ކަމަށެވެ.

އަލަމްގީރުއާ އެކު އެއްޖިންސުން ގުޅުން ހިންގި މީހުންގެ އަދަދު 200 އަށް ވުރެ ގިނަކަމަށް "ސަން"އަށް އެނގިފައިވެއެވެ.