އިންޑިއާއަށް ކުރައްވާ ރަސްމީ ދަތުރެއްގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް ޢަބްދުﷲ ޝަމާލް އިއްޔެ އިންޑިއާއަށް ވަޑައިގެންފިއެވެ.

އެމްއެންޑީއެފުން މިއަދު ބުނީ ހަ ދުވަހުގެ މުއްދަތަކަށް ކުރިއަށް ދާ އެ ދަތުރުގައި ޝަމާލް އިންޑިއާގެ އަސްކަރިއްޔާގެ ހަނގުރާމަތަކުގައި މަރުވި މީހުންގެ ހަނދާނީ މަގުބަރާއަށް ޒިޔާރާތްކުރައްވާ، މާބޮނޑިއެއް ބެހެއްޓެވި ކަމަށެވެ.

މީގެ އިތުރުން، އިންޑިއާގެ ޗީފް އޮފް އާމީ ސްޓާފް ޖެނެރަލް މަނޯޖް ޕާންޑޭއާއި، އިންޑިއާގެ ޑިފެންސް ސެކްރެޓަރީ އަޖޭ ކުމާރާއި، ނޭޝަނަލް ސެކިޔުރިޓީ އެޑްވައިޒަރ އަޖިތު ޑޮވާލްއާއި، ޗީފް އޮފް ނޭވީ ސްޓާފް އެޑްމިރަލް އާރް. ހަރީ ކުމާރު އަދި ޗީފް އޮފް އެއަރ ސްޓާފް، އެއަރ ޗީފް މާޝަލް ވީއާރް ޗައުދަރީގެ އަރިހަށް އެ ދަތުރުފުޅުގައި ޝަމާލް ޒިޔާރާތް ކުރެއްވި ކަމަށް ވެސް އެމްއެންޑީއެފުން ބުނެއެވެ.

"މި ބައްދަލުވުންތަކުގައި، ދިވެހި ސިފައިންނަށް ތަމްރީނާއި ވަސީލަތްތަކާއި އަދި އެމްއެންޑީއެފްގެ ކެޕޭސިޓީ ވަރުގަދަކުރުމުގައި އިންޑިއާގެ އަސްކަރިއްޔާއިން ވެދެއްވާ އެހީތެރިކަން ފާހަގަކުރައްވައި، ޗީފް އޮފް ޑިފެންސް ފޯސް އެ ބޭފުޅުންނަށް ޝުކުރު އަދާކުރެއްވިއެވެ." އެމްއެންޑީއެފުން ބުންޏެވެ.

މީގެ އިތުރުން ކުރިމަގުގައި ވެސް، އިންޑިއާގެ އަސްކަރީ އެހީ ހޯއްދެވުމާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވި ކަމަށާއި އަދި ސަރަހައްދީ ސަލާމަތް ރައްކާތެރި ކުރުމަށް ދެ ޤައުމުގެ ދެމެދުގައި އޮތް ބަދަހި ގުޅުން އިތުރަށް ހަރުދަނާކުރުމާ ބެހޭ ގޮތުން ވެސް މަޝްވަރާ ކުރި ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އެމްއެންޑީއެފުން ބުނީ މިދަތުރުގެ ތެރެއިން، އިންޑިއާގެ އިންސްޓިޓިއުޓް އޮފް މިލިޓަރީ ލޯ އަށް ވެސް ޝަމާލް ޒިޔާރާތް ކުރެއްވި ކަމަށެވެ.