27 Mar 2012, 15:46
މިމަހުގެ 19 ވަނަ ދުވަހު ހިނގައިދިޔަ އަލިފާނުގެ ހާދިސާއާ ގުޅިގެން ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ނީލަން ފިހާރަތަކުގެ ވެރިންގެ މުދާ ބަހައްޓާ، ވިއްކާނެ ތަނެއް ވަރަށް އަވަހަށް ހޯދައިދޭނެ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފި އެވެ.
ކައުންސިލް މެންބަރު އިބްރާހިމް ސުޖާއު މިއަދު ވިދާޅުވީ އެ ކައުންސިލުން އެންމެ އަވަހަށް ބާއްވާ ބައްދަލުވުމުގައި ނީލަން ފިހާރަ ހިންގާ ފަރާތްތަކަށް ދޭނެ ތަނަކާމެދު ގޮތެއް ނިންމާނެ ކަމަށާއި އެފަރާތްތަކަށް ބިމެއް ހޯދައި ދިނުމަކީ ކައުންސިލްގެ ވިސްނުމުގައި އޮތް ކަމެއް ކަމަށެވެ. ނީލަން ފިހާރަތައް ހިންގާ ފަރާތްތަކަށް ބިމެއް ދޭނީ މާލެއިތޯ ނުވަތަ އެހެން ރަށަކުން ކަނޑައަޅާނީ ކައުންސިލުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަދި ނޭނގޭ މާލެން ކަމެއް ވިލިމާލޭން ކަމެއް ނުވަތަ ތިލަފުށިން ކަމެއް. އެހެންނަމަވެސް އެމީހުންނަށް ކޮންމެވެސް ގޮތެއް ހޯދައިދޭނެ، މުޅި ކައުންސިލުން އިއްތިފާގުވާ ގޮތެއްގެ މައްޗަށް ބިނާކޮށް އެކަންތައްތައް ނިމިގެންދާނީ،" ސުޖާއު ވިދާޅުވި އެވެ.
ނީލަން ފިހާރަތަކުގައި މިމަހު 19 ވަނަ ދުވަހު ހިނގާދިޔަ އަލިފާނުގެ ހާދިސާގައި އެ ސަރަހައްދު ބޭނުން ނުކުރެވޭ ވަރަށް ވަނީ އަނދައިގެން ގޮސްފަ އެވެ. އަދި އެހާދިސާއަށްފަހު މާލޭ ސިޓީ ކައުންސިލުން ވަނީ އެސަރަހައްދުގެ ބޭނުން އެއްވެސް ފަރާތަކުން ނުކުރުމަށް އަންގާފަ އެވެ. ނީލަން ފިހާރަތަކުގައި ރޯވެ އެތަނަށް މިހާތަނަށް ހަތަރު ފަހަރެއްގެ މަތިން ވަނީ ބޮޑު ގެއްލުމެއް ލިބިފަ އެވެ.