28 Jul 2022, 20:32
އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯއެއް ލީކުވި މައްސަލައިގައި ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ ކޮއްކޮ، އަހްމަދު ނާޒިމް އަބްދުއްސައްތާރު ހައްޔަރު ކުރީ ޖިނާއީ އިޖުރާއަތުގެ އުސޫލުތަކާ ޚިލާފަށް ސިޔާސީ ބޭނުމެއްގައި ކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ.
ނާޒިމް ހައްޔަރުކުރުމާ ގުޅިގެން ރައީސް ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން އެމަނިކުފާނުގެ ކޮއްކޮ ހައްޔަރުކުރީ ވަކިން ޚާއްސަ ތުހުމަތެއްގެ ދަށުން، ގާނޫނީ އިޖުރާއަތުތަކާ ޚިލާފަށް ކަމަށެވެ.
"[އޭނާ] ހައްޔަރު ކުރީ ޖިނާއީ އިޖުރާއަތުތަކާ ޚިލާފަށް، ސަރުކާރުގެ ކޯލިޝަނުގައި ތިބި ހައްދު ފަހަނައެޅި ހަރުކަށި ފިކުރުގެ މީހުން ރުއްސުމަށް، ސިޔާސީ ބޭނުމެއްގައި،" ރައީސް ނަޝީދު އިނގިރޭސި ބަހުން ކުރެއްވި ޓްވީޓުގައިވެއެވެ..
ރައީސް ނަޝީދު މިހެން ވިދާޅުވިއިރު، އެ މައްސަލައިގައި ހައްޔަރުކުރުމަށް ފުލުހުން މިއަދު ކޯޓު އަމުރު ހޯދި މީހުންގެ ތެރެއިން ނާޒިމް ހައްޔަރު ކުރީ އެންމެ ފަހުންނެވެ. ފުލުހުން ނާޒިމް ހައްޔަރު ކުރީ މާލެއިން ބޭރުގައި، ރިސޯޓެއްގައި ހުއްޓައެވެ.
މީގެ އިތުރުން މިއަދު އެ މައްސަލައާ ގުޅިގެން ހައްޔަރު ކުރީ ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމު ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ނަޝީދު (ކާނަލް) އާއި ފުލުހުންގެ ޑްރަގް އެންފޯސްމެންޓް ޑިޕާޓްމަންޓުގައި މަސައްކަތް ކުރާ އަބްދުއްރަހްމާން ރަފީއުއެވެ.
ކާނަލް ނަޝީދާއި، ނާޒިމް ސައްތާރުގެ އިތުރުން އަބްދުއްރަހްމާން ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އަލަމްގީރު އުޅޭ ކޮޓަރީގައި ހަރަކާތްތެރިވާ ވީޑިއޯތަކެއް މިދިޔަ މާޗު މަހުން ފެށިގެން މީސް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ. އަދި އެ ވީޑިއޯތަކަތުގެ ސްކްރީން ޝޮޓްތަކެއް ވެސް ވަނީ ދައުރުވެފައެވެ.
އެ މައްސަލައާ ގުޅިގެން އެންމެ ފުރަތަމަ ހައްޔަރުކުރީ އަލަމްގީރުއެވެ. އޭނައާ އެކު އެއްޖިންސުން ގުޅުން ހިންގި މީހުންގެ އަދަދު 200 އަށް ވުރެ ގިނަކަމަށް އެނގިފައިވެއެވެ.