28 Jul 2022, 18:53
ސުކޫލާއި ސުކޫލުން ބޭރުގައި ހިންގާ ހުރިހާ ހަރަކާތްތަކެއްގައި ވެސް ދަރިވަރުންގެ ރައްކާތެރިކަން ކަށަވަރު ކުރާނެކަމުގެ ޔަގީންކަން ބެލެނިވެރިންނަށް ދޭ ކަމަށް އިސްކަންދަރު ސުކޫލުން ބުނެފިއެވެ.
އިސްކަންދަރުން މިހެން ބުނީ 15 އަހަރުގެ ދަރިވަރަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގައި އެ ސުކޫލުގެ ޓީޗަރަކު، މިމަހުގެ 11 ވަނަ ދުވަހު، ހައްޔަރު ކުރުމާ ގުޅިގެންނެވެ.
މި މައްސަލައިގައި ހައްޔަރު ކޮށްފައިވަނީ އުމުރުން 52 އަހަރުގެ އިންޑިއާ ފިރިހެނެކެވެ.
އެ ސުކޫލުން މިއަދު ބުނީ ބަދުއަހުލާގީ މައްސަލައެއްގައި ސުކޫލު ޓީޗަރަކު ހައްޔަރު ކުރުމަކީ ނުހަނު ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި ބުނީ ސުކޫލާއި ސުކޫލުން ބޭރުގައި ވެސް ހިންގާ ހުރިހާ ހަރަކާތްތަކެއް ކުރިއަށް ގެންދަނީ އެ ދަރިވަރުންގެ ރައްކާތެރިކަން ކަށަވަރު ކޮށްގެން ކަމަށެވެ.
"ހަމަ މި ބާދައިން ސުކޫލުން ބޭރުގައްޔާއި ދަރިވަރުންނާ އެހެނިހެން ފަރާތްތަކާއެކު ހިންގޭ ހުރިހާ ހަރަކާތްތަކާއި މުއާމަލާތްތަކުގައި އެ ކުދިންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ހުރިހާ ފަރާތްތަކުން ވެސް ޚާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސް ކުރަން،" އިސްކަންދަރު ސުކޫން ނެރުނު ބަޔާނުގައިވެއެވެ.
އެ މައްސަލައިގައި ހައްޔަރު ކުރި އިންޑިއާ، ޓީޗަރު، ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
ފުލުހުން ބުނީ އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަ ކަމަށެވެ.