ޓެލްއަވީވް (މާޗް 27) : ފަލަސްތީނުގެ ބިންތައް ދާއިމީ ގޮތަކަށް އަތްދަށުލުމަށްޓަކައި އެބިންތަކުގައި ޣައިރު ޤާނޫނީގޮތުން ޔަހޫދީން ވަޒަންވެރިކުރުވުމަށް އިސްރާއީލު ބިނާކުރާ ޔަހޫދީ އާބާދީތަކުގެ މައްސަލަ ބެލުމަށް އދ. ގެ އިންސާނީ ޙައްޤުތަކާބެހޭ މަޖިލީހުން ނިންމުމާގުޅިގެން އެމަޖިލީހާ ގުޅުންތައް ކަނޑާލުމަށް އިސްރާއީލުން ނިންމައިފިއެވެ.

އިސްރާއީލުގެ ޚާރިޖިއްޔާގެ ތަރްޖަމާން ބީގާލް މަލްމަރ ވިދާޅުވީ ހުޅަނގުއައްސޭރީގައި އިސްރާއީލު ބިނާކުރާ ޔަހޫދީ އާބާދީތަކުގެ މައްސަލަ ބަލައިތަޙްޤީޤް ކުރުމަށް ނިންމުމަކީ އދ. ގެ އިންސާނީ ޙައްޤުތަކާބެހޭ މަޖިލިސް އިސްރާއީލާ ދެކޮޅަށް ނުކުތުން ކަމަށާއި އެހެންކަމުން އެމަޖިލީހާ ގުޅުންތައް މުޅިން ކަނޑާލުމަށް އިސްރާއީލު ނިންމީ ކަމުގައެވެ.
ޔަހޫދީ އާބާދީތަކުގެ މައްސަލަ ބަލައި ތަޙްޤީޤްކުރުމަށް އިންސާނީ ޙައްޤުތަކާބެހޭ މަޖިލީހުން ފޮނުވާ ޓީމަށް އިސްރާއީލަށްވެސް އަދި ހިފާފައިވާ ފަލަސްތީނުގެ ބިންތަކަށްވެސް އެރުމުގެ ފުރްސަތު ނުދެއްވާނެ ކަމަށް އިސްރާއީލުގެ ޚާރިޖިއްޔާގެ ތަރްޖަމާން ވިދާޅުވިއެވެ. އިސްރާއީލުގެ ހަރުކަށި ބޭފުޅެއް ކަމަށްވާ ޚާރިޖީ ވަޒީރު އިވިގެޑޯރ ލިބަރމެންވަނީ އިންސާނީ ޙައްޤުތަކާބެހޭ ބައިނަލްއަޤްވާމީ ކައުންސިލާއެކު އިސްރާއީލު ބާއްވަމުން ގެންދިޔަ ހުރިހާ ގުޅުންތަކެއް ކަނޑާލައި އެމަޖިލިސް ބޮއިކަޓްކުރުމަށް ނިންމެވިކަން ހާމަކުރައްވާފައެވެ.

އިންސާނީ ޙައްޤުތަކާބެހޭ ބައިނަލްއަޤްވާމީ މަޖިލީހަކީ ބޭކާރު އަދި އިސްރާއީލާ ދުޝްމަން މަޖިލީހެއް ކަމަށް ސިފަކުރައްވައި އެމަޖިލީހުން ވަކިވުމަށް އިސްރާއީލުގެ ޚާރިޖީވަޒީރުވަނީ އެމެރިކާއަށާއި ޔޫރަޕްގެ ޤައުމުތަކަށްވެސް ގޮވާލާފައެވެ. އިންސާނީ ޙައްޤުތަކާބެހޭ ބައިނަލްއަޤްވާމީ މަޖިލީހުންވަނީ އިސްރާއީލުގެ މިނިންމުމާމެދު ދެރަވާކަން ހާމަކޮށްފައެވެ. އެމަޖިލީހުގެ ރައީސާ ލޯރާ ޑިޕުއޭ ވިދާޅުވީ އިސްރާއީލުގެ މިނިންމުމުގެ ސަބަބުން އިންސާނީ ހައްޤުތަކަށާއި ޑިމޮކްރަސީއަށް އިސްރާއީލުން އިޙްތިރާމްކުރާގޮތާއި މިންވަރު ދުނިޔެއަށް ހާމަވެ އިސްރާއީލުގެ ސިފަ ބައިނަލްއަޤްވާމީ މުޖްތަމައުގައި އިތުރަށް ހަޑިވެގެންދާނެ ކަމުގައެވެ.

އިސްރާއީލަކީ އިންސާނީހައްޤުތަކަށް އެންމެބޮޑަށް އަރައިގަންނަ ޤައުމުތަކުގެ ލިސްޓުގެ އެންމެ ކުރީގައިއުޅޭ ޤައުމެއްކަމަށްވިޔަސް އެމެރިކާއާއި ޔޫރަޕްގެ ޙިމާޔަތުގެ ސަބަބުން ބައިނަލްއަޤްވާމީ ފިއްތުންތަކުންނާއި ދަތިކުރުމުގެ ފިޔަވަޅުތަކުން ސަލާމަތްވުމުގެ ފުރްސަތު އިސްރާއީލަށް ވަނީ ލިބިފައެވެ. ފަލަސްތީނުގެ ބިންތައް ދާއިމީ ގޮތަކަށް އަތްދަށުލުމަށްޓަކައި އެބިންތަކުގައި ޣައިރު ޤާނޫނީގޮތުން ޔަހޫދީން ވަޒަންވެރިކުރުވުމަށް އިސްރާއީލު ހިންގަމުން ގެންދާ ޔަހޫދީ އާބާދީތަކުގެ މަޝްރޫޢަކީ އިންސާނީ ޙައްޤުތަކުގެ ރޮނގުން އިސްރާއީލު ވަރަށް ބޮޑަށް ކުށްވެރިވެގެންދާނެ މައްސަލައެއް ކަމަށް ޤާނޫނީ މާހިރުން ވިދާޅުވެއެވެ.

އިންސާނީ ޙައްޤުތަކާބެހޭ ބައިނަލްއަޤްވާމީ މަޖިލީހަކީ އެމެރިކާފަދަ ބޮޑެތި ޤައުމުތަކަށްވެސް އެމަޖިލީހުގެ ޤަރާރުތައް ވީޓޯކުރުމުގެ ބާރު ލިބިފައިވާ މަޖިލީހަކަށްނުވާތީ އެމަޖިލީހުން އިސްރާއީލުކުށްވެރިކުރާއިރު އެކަމުން އިސްރާއީލަށް ސަލާމަތްވެވޭނެ އެއްވެސް ގޮތެއްނޯންނާނެއެވެ. ފާއިތުވި 40 ހަކަށް އަހަރުތެރޭގައި އިސްރާއީލުންވަނީ ފަލަސްތީނުގެ ހިފާފައިވާ ބިންތަކުގައި (ޚާއްސަކޮށް ހުޅަނގު އައްސޭރީގައި) ހަތަރު ލައްކައެއްހާ ޔަހޫދީން ދުނިޔޭގެ އެކިޤައުމުތަކުން ގެނަސް އެބިންތަކުގައި ވަޒަންވެރި ކުރުވާފައެވެ. މިއީ ބައިނަލްއަޤްވާމީ ޤާނޫނާއި އދ. ގެ ޤަރާރުތަކާ ކަނޑައެޅިގެން އިދިކޮޅު އަދި އެކަމުގެ ސަބަބުން އިސްރާއީލު ކުށްވެރިވާނެ ކަމެކެވެ.

މިހާރުވެސް އިސްރާއީލު ގެންދަނީ ޔަހޫދީން ވަޒަންވެރިކުރުވުމަށްޓަކައި އެތަށް ހާސް އާބާދީތަކެއް ހުޅަނގު އައްސޭރީގައި ބިނާކުރުމަށް ބޮޑެތި ޕްރޮޖެކްޓްތަކެއް ހިންގަމުންނެވެ. -- އަލްޖަޒީރާ