އިންސާނުންގެ ސިއްޙަތަށް ވަރަށް ފައިދާހުރި މާއްދާއެއް ކަމަށްވާ "ފްލަވަރނޮއިޑްސް" އާފަލާއި މޭބިސްކަދުރުގައި ވަރަށް ގިނައިން ހުންނަކަން ކަމާބެހޭ ދިރާސާއަކުން ހާމަވެއްޖެވެ.

ސިއްޙީ ތަޖްރިބާކާރުން ވިދާޅުވާގޮތުން "ފްލަވަރނޮއިޑްސް"އަކީ ނާރުތަކުގައި ލޭހިނގުން ރަނގަނޅުކޮށް ލޭހިނގާ ހޮޅިތަކުގައި ސަރުބީ ޖެހުން ކުޑަކުރުމަށް އެހީވާ މާއްދާއެކެވެ. މިމާއްދާއަކީ ހިތުން ހަށިގަނޑުގެ އެތަންމިތަނަށް ލޭފޮނުވުމުގެ ޤާބިލްކަން އިތުރުކޮށް ހިތްހުއްޓުންފަދަ ކަންކަން ދުރުކޮށްދޭ މާއްދާއެއް ކަމަށްވެސް ކަމާބެހޭ ހޯދުންތަކުގެ އަލީގައި ސިއްޙީ ތަޖްރިބާކާރުން ވިދާޅުވއެވެ. ގިނަ މޭވާގައި "ފްލަވަރނޮއިޑްސް" ހުރި ނަމަވެސް އެންމެ ގިނައިން މިމާއްދާ ހުންނަނީ އާފަލާއި މޭބިސްކަދުރުގައި ކަމަށް ފަހުގެ ދިރާސާތައް ބުނެއެވެ.

އާފަލާއި މޭބިސްކަދުރުގައި ހުންނަ "ފްލަވަރނޮއިޑްސް"އަކީ ކާބޯތަކެތީގައިހުންނަ ކޮލެސްޓްރޯލްގެ މިންވަރު ތިންބައކުޅަ ދެބަޔަށް ދަށްކޮށްދޭ އެއްޗެއްކަން އެމެރިކާގައި ދާދިފަހުންކުރި ދިރާސާއަކުން ހާމަވެފައިވެއެވެ. އެހެންކަމުން ކެއުމަށްފަހު އާފަލެއް ކެއުމަކީ ނޫނީ މޭބިސްކަދުރު ކެއުމަކީ (ދިގުމުއްދަތަކަށް އެކަންކުރެވިއްޖެނަމަ) ހަށިގަނޑުގައި ކޮލެސްޓްރޯލް ދަށްކޮށް ކޮލެސްޓްރޯލް ލެވެލް މައްޗަށް ދިޔަނުދީ ހިފަހައްޓައި ހިތުގެ މައިނާރުތައް ލޭގެސަރުބީން ބެދޭ ބެދުމުން ސަލާމަތްކޮށްދޭނެ ކަމެއްކަމަށް ތަޖްރިބާކާރުން ބުނެއެވެ.

އާފަލުގައި ހުންނަ އެހެން ފައިދާތަކުގެ ތެރޭގައި ލޭގެ ޕްރެޝަރު ދަށްކޮށްދިނުމާއި ހަޖަމު ފަސޭހަކޮށްދިނުމާއި ލޭ ސާފުކޮށް ތާޒާކޮށްދިނުމާއި ކުޑަގޮހޮރާއި ބޮޑުގޮހޮރުގައި ފާރުހެދުން މަނާކުރުންފަދަ ކަންކަން ހިމެނޭކަމަށްވެސް ސިއްޙީ ތަޖްރިބާކާރުން ވިދާޅުވެއެވެ.