19:00


މިނިވަން ދުވަހާ ގުޅުވައިގެން މާލޭގައި އާ ހަތަރު އިމާރާތެއް ހުޅުވާ، ތަރައްގީގެ ބައެއް މަޝްރޫއުތައް އިފްތިތާހު ކުރުމަށް ސަރުކާރުން ހަމަޖައްސައިފި އެވެ.


މިނިވަން ދުވަހާ ގުޅުވައިގެން ސަރުކާރުން ހިންގާ ހަރަކާތްތައް ބަޔާންކޮށް ރައީސް އޮފީހުން ނެރުނު ޕްރޮގްރާމް ލިސްޓުގައި ވާގޮތުގައި، ސަރުކާރުގެ ގިނަ މަޝްރޫއުތަކެއް އިފްތިތާހުކުރުމާއި، މިނިވަންދުވަހުގެ ޚާއްސަ ޖަލްސާތަކާއި އަދި މުނިފޫހިފިލުވައިދިނުމުގެ ހަރަކާތްތަކެއް މާލެ އާއި އަތޮޅުތަކުގެ ތެރޭގައި ޖުލައި 26 ވާ މިނިވަން ދުވަހާއި އަދި 27 ވަނަ ދުވަހު ހިންގުމަށް ވަނީ ރާވާފަ އެވެ.


އެގޮތުން މިނިވަން ދުވަހުގެ އެންމެ ޚާއްސަ އައިޓަމްތަކުގެ ތެރޭގައި ހިމެނެނީ، ރާއްޖޭގައި މިހާތަނަށް ހެދި އެންމެ ބޮޑު އިމާރާތް ކަމުގައިވާ 14 ބުރީގެ ވެލާނާގެ އޮފީސް އިމާރާތް މާދަމާ ހެނދުނު ހުޅުވުމެވެ. 230 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހަދާފައިވާ ވެލާނާގޭ އިމާރާތް ހުޅުވާދެއްވާނީ ދައުލަތަށް ގިނަދުވަހު ޚިދުމަތްކުރެއްވި އިއްޒަތްތެރިއެއް ކަމުގައިވާ އިބްރާހިމް ރަޝީދު ކަމަށާއި މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދުގެ ދެކަނބަލުންނާއި އަދި ނައިބު ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ދެކަނބަލުން ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން ބުނެ އެވެ. އަދި ޗައިނާ ސަރުކާރުން އެހީ ދީގެން ހަދާފައިވާ ޤައުމީ ދާރުލްއާސާރު ވެސް މާދާމާ ހެނދުނު 9.00 ޖަހާއިރު އޮންނަ ރަސްމިއްޔާތެއްގައި ރައީސް ނަޝީދު ހުޅުވާދެއްވާ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ. 


އާ ޑިފެންސް ބިލްޑިންގެ އިމާރާތް ހުޅުވުމުގެ ރަސްމިއްޔާތު ވެސް މާދަމާ ހެނދުނު އޮންނާނެ އެވެ. އެގޮތުން އެމްއެންޑީއެފްގެ އިރުމަތީ ފަރާތުގައި އަލަށް ހެދި ނުވަ ބުރީގެ އިމާރާތް ހުޅުވާދެއްވާނީ، ނޮވެމްބަރު ތިނެއްގެ ހާދިސާގައި ޝަހީދުވި ހުސެން އާދަމްގެ ބައްޕަ ހދ. ކުޅުދުއްފުށީ މާވާގޭ އާދަމް މުހައްމަދެވެ. އަދި އިސްކަންދަރު ކޮށީގައި އިމާރާތްކޮށްފައިވާ ފުލުހުންގެ ނުވަ ބުރީގެ އާ އިމާރާތް ހުޅުވާދެއްވަނީ ހޯމް މިނިސްޓަރ މުހައްމަދު ޝިހާބެވެ. 


މީގެ އިތުރުން މާދަމާ ފާހަގަކުރާ 45 ވަނަ މިނިވަން ދުވަހާ ގުޅުވައިގެން ސަރުކާރުން އިފްތިތާހުކުރާ ތަރައްގީގެ މަޝްރޫއުތަކުގެ ތެރޭގައި މަތިދެކުނު ޕްރޮވިންސުގެ ފެނާއި ނަރުދަމާގެ ނިޒާމުގެ ފެށުން ހިމެނެ އެވެ. އަދި އުތުރާއި ދެކުނުގެ ވިޔަފާރި ތަރައްގީކުރުމަށް އެހީވެދޭ މަރުކަޒު ސ.ހިތަދޫ އަދި ހ.ދ ކުޅުދުއްފުށީގައި ހުޅުވާނެ އެވެ. ސަރުކާރުން ހިންގުމަށް ރާވާފައިވާ 250 ހައުސިން ޔުނިޓުގެ މަޝްރޫއުގެ ބިންގާ އެޅުންވެސް، އެ ހައުސިން ޔުނިޓްތައް ގާއިމްކުރާ ރަށްރަށުގައި ކުރިއަށްދާނެ އެވެ. މީގެ އިތުރުންވެސް އެތައް ކަމެއް އަތޮޅުތަކުގެ ތެރޭގައި ކުރާއިރު، މިނިވަން ދުވަހާ ގުޅުވައިގެން ބާއްވަން ނިންމާފައިވާ ތިން ހަރަކާތެއް މިހާރު ވަނީ ފަސްކޮށްފަ އެވެ. އޭގެ ތެރޭގައި މާދަމާ ބޭއްވުމަށް ހަމަޖައްސާފައިވާ ޒަކާތު ފަންޑު ލޯންޗްކުރުމާއި، ގެސްޓް ހައުސް މަޝްރޫއު ލޯންޗްކުރުމުގެ އިތުރުން ލ.ގަމު ވޯކްސް ކޯޕަރޭޝަނާއެކު ބާއްވާ ސޮއިކުރުމުގެ ރަސްމިއްޔާތު ހިމެނެ އެވެ.


މިނިވަންދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބާއްވަވާ ޚާއްސަ ހަފްލާ އޮންނާނީ އަންގާ ރަދުވަހުގެ ރޭ 8 ޖަހާއިރު ކަމަށް ރައީސް އޮފީހުން ބުނެ އެވެ.