މޫނު ބުރުގާ އަޅައިގެން ކުއްލިއްޔާއަށް ދިޔަ ދަރިވަރަކު ކުލާހަށް ނުވެއްދި މައްސަލައިގައި ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ކުރިއަށް ގެންދާނެ ތަނެއް ނެތް ކަމަށް ސިވިލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

އެ މައްސަލަ ކޯޓަށް ހުށަހަޅާފައި ވަނީ ގއ. ދާންދޫ ބީޗް ވިލާ މެހެނާޒް ހުސައިނެވެ. އޭނާ އެދިފައި ވަނީ މޫނުބުރުގާ އަޅައިގެން ކުއްލިއްޔާ އަށް ކިޔަވަން ދިޔުމަކީ ދީނީ އަދި ގާނޫނީ ހަމަތަކުގެ މަތިން މަނާ ނުކުރެވޭނެ ކަމެއްކަމަށް ކަނޑައަޅައި ދިނުމަށެވެ.

ސިވިލް ކޯޓުގެ ގާޒީ އައިޝާ ޝުޖޫން މުހައްމަދު މިއަދު އިއްވެވި ހުކުމްގައި ބުނަނީ ދައުވާ ކުރާ ފަރާތާއި ދައުވާ ލިބޭ ފަރާތުން ދައްކާފައިވާ ވާހަކަތަކަށް ރިއާޔަތް ކުރި އިރު، ދައުވާ ކުރާ ފަރާތުން އެކަމަށް ގާނޫނީ ފަރުވާއެއް ހޯދުމަށް އަންނަން ޖެހުނު ސަބަބު ނެތި ގޮސްފައިވާ ކަމަށެވެ.

އެ ހުކުމްގައި ބުނަނީ މޫނުބުރުގާ އަޅައިގެން ކިޔަވަން ދިޔުމުގެ ހައްގު މެހެނާޒަށް ލިބިފައިވާކަން އެނގެން އޮތުމުން އެ މައްސަލަ އިތުރަށް ކުރިއަށް ގެންދާނެ ތަނެއް ނެތްކަމަށެވެ.

"މެހެނާޒު ހުސެއިންގެ ފަރާތުން ލިބިދިނުމަށް އެދި ހުށަހަޅާފައިވާ ހައްގު އެފަރާތަށް ލިބިފައިވާކަން އެނގެން އޮތަތީ މިގަޒިއްޔާ މިހިނދުގައި އިތުރަށް ކުރިއަށް ގެންދާނެ ތަނެއް ނެތް ކަމުގައި ކަނޑައަޅައި ހުކުމްކޮށްފީމެވެ،" އެ ހުކުމްގައި ވެއެވެ.

އެ މައްސަލަ ކުރިއަށް ނުގެންދެވޭނެކަމަށް ސިވިލް ކޯޓުން ހުކުމްކުރި އިރު މޫނުބުރުގާ އެޅައިގެން ރާއްޖޭގެ އެއްވެސް ކިޔަވާ ކުލާހަކަށް ދިޔުމަކީ ދީނީ އަދި ގާނޫނީ ހަމަތަކުގެ މަތިން މަނާ ކުރެވޭނެ ކަމެއް ނޫންކަމަށް ކަނޑައަޅައި ދިނުމަށް މެހެނާޒު ވަނީ ހައިކޯޓަށް ދުސްތޫރީ މައްސަލައެއްވެސް ހުށަހަޅާފަ އެވެ.