މާލޭއަށް ދިމާވެފައިވާ ވެހިކަލް ޕާކް ކުރުމުގެ މައްސަލައަށް ހައްލެއް ހޯދަން ކުޑަ ޖާގައެއްގައި ގިނަ ވެހިކަލް ޕާކްކުރެވޭނެ ނިޒާމެއް ގާއިމުކުރަން މާލޭ ސިޓީ ކައުންސިލުން ނިންމައިފި އެވެ.

ސިޓީ ކައުންސިލުން ބުނީ މިޒަމާނާ އެއްގޮތް ޕާކިން ސިސްޓަމް ގާއިމުކުރުމަށް ނިންމާފައިވަނީ މާލޭގެ ތިން ސަރަހައްދެއްގައި ޕާކިން އޭރިޔާތަކެއް ހަދައިގެން ކަމަށެވެ. އެކަން ކުރަނީ ޓެކްނޮލޯޖީ އެހީގައި ކަމަށް ވެސް ބުންޏެވެ. ނަމަވެސް އޭގެ ތަފުސީލެއް ނުދެ އެވެ.

މާލޭ ސިޓީ ކައުންސިލްގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ސުޖާ ވިދާޅުވީ އާ ޕާކިން އޭރިޔަތައް ތަރައްގީ ކުރަން ނިންމާފައިވަނީ މަލްޓި ސްޓޯރީ ޕާކިން އޭރިޔާތަކެއްގެ ގޮތުގައި ކަމަށާއި އެގޮތުން ބިލްޑިންގުގެ ތިރީބުރީގައި ވިޔަފާރިއަށް ބޭނުންކުރާއިރު ވެހިކަލްތައް ޕާކް ކުރާނީ މަތީ ބުރިތަކުގައި ކަމަށެވެ.

ޕާކިން އޭރިޔާ ހެދުމަށް ނިންމާފައިވަނީ ހ. ހިނާމާގޭ ހުސްބިމުގަ އާއި ގަލޮޅު އަވަށުއޮފީސް އިމާރާތް ހުރި ބިމުގަ އާއި އަދި ބިއްލޫރިޖެހިގެ ހުރި ބިމުގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. މި ތިން އޭރިޔާގައި މުޅިއެކު 1200 ވެހިކަލް އެއްފަހަރާ ޕާކްކުރެވޭނެ ކަމަށް ސުޖާއު ވިދާޅުވި އެވެ.

މީގެ އިތުރުން ޕާކިން އޭރިޔާތަކުގައި ވެހިކަލްތަކައް ބެލެހެއްޓުމަށް ސެކިއުރިޓީ ސިސްޓަމެއް ގާއިމު ކުރުމުގެ އިތުރުން ވެހިކަލްތައް ސާފުކޮށް ބެލެހެއްޓޭނެ ނިޒާމް ގާއިމު ކުރާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

"މި ޕާކިން އޭރިޔާތައް ހެދުމުން މަދުވެގެން 1200 އެއްހާ ކާރު ޕާކްކުރެވޭނެ. އެހެންވިއްޖެއްޔާ އަޅުގަނޑުމެން ގަބޫލު ކުރާ ގޮތުގައި އެ އަންނަނީ [ވެހިކަލްތައް ޕާކް ކުރުމަށް ދިމާވެފައިވާ މައްސަލައަށް] ހައްލެއް،" އެނާ ވިދާޅުވި އެވެ.