ބްރޯޑްކާސްޓްކުރުމުގެ ސުލޫކީ މިންގަނޑެއް ނުވަތަ "ކޯޑް އޮފް އެތިކްސް" އެކުލަވައިލުމާބެހޭ ގޮތުން މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ބާއްވާ މަޝްވަރާ ބައްދަލުވުންތައް މިއަދު ފަށައިފި އެވެ.

ދެ ދުވަހުގެ މުއްދަތަކަށް އިސްލާމީ މަރުކަޒު ހޯލުގައި ބާއްވާ މަޝްވަރާތަކުގައި ރާއްޖޭގެ ބްރޯޑްކާސްޓްކުރުމުގައި ހަރަކާތްރެރިވާ ފަރާތްތަކުގެ އިތުރުން ބުރޯޑްކާސްޓް މީޑިއާ އާއި އެކި ގޮތްގޮތުން ގުޅުންހުރި ފަރާތްތައް ބައިވެރިވެ އެވެ.

އެ މަޝްވަރާތަކާ ގުޅޭ މައުލޫމާތު މީޑިއާއަށް ދެއްވަމުން ކޮމިޝަންގެ ޑިރެކްޓާ ޖެނެރަލް މުހައްމަދު ނާސިހު ވިދާޅުވީ މިއަދުގެ ބައްދަލުވުމުގައި ކުރިއަށްދާނީ ބައިވެރިންގެ ގުރޫޕް މަޝްވަރާތައް ކަމަށެވެ. އަދި މާދަމާގެ ބައްދަލުވުމުގައި ސުލޫކީ މިންގަނޑަށް ގެންނަން ބައިވެރިން ހުށަހެޅި ބަދަލުތަކަށް އިސްލާހު ގެނެސް މަޝްވަރާކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ނާސިހު ވިދާޅުވި ބްރޯޑްކާސްޓްކުރުމުގެ ގާނޫނު ދަށުން ހެދިފައިވާ ގަވާއިދުތަކަށް މިހާރު އަމަލުކުރަމުން އަންނައިރު ބްރޯޑްކާސްޓްކުރުމުގެ އުސޫލުތަކަށް ބްރޯޑްކާސްޓަރުން ތަބާވޭތޯ ބަލަމުން ގެންދާނީ އެ ގަވާއިދުގެ ތެރެއިން ކަމަށެވެ.

"ބްރޯޑްކާސްޓަރުން އަމަލު ކުރަންވީ މިންގަނޑުތަކެއް އެކުލަވައިލުމުގެ ބޭނުމަކީ ބްރޯޑްކާސްޓަރުން އަމަލްކުރަންވީ މިންގަނޑުތައް އެފަރާތްތަކުގެ އިތުރުން މުޅި މުޖުތަމައު އަށް އެނގުން. މިފަދަ މިންގަނޑެއް ކަނޑައަޅާފައި އޮތް ނަމަވެސް މީގެތެރެއިން އެ ބްރޯޑްކާސްޓަރަކު އަމަލުކުރަންޖެހޭ ވަކި އެޑިޓޯރިއަލް ޕޮލިސީއެއް ނުވަތަ ވަކި ކަންތައްތަކާ ބެހޭ ގޮތުން ގެންގުޅެންވީ މިންގަނޑުތައް ކަނޑައެޅުމުގެ މިނިވަން ކަން އޮންނާނެ. ނަމަވެސް މައިގަނޑު ގައިޑް ލައިނާ ހިލާފުނުވާ ގޮތަށް އެކަންތައްތައް ކުރިއަށް ގެންދެވޭނީ،" ނާސިހު ވިދާޅުވި އެވެ.