ހަމައެކަނި ރައީސް ކަމަށް ހުންނަ ބޭފުޅާ ރަނގަޅުވުމަކުން ގައުމު ރަނގަޅެއް ނުކުރެވޭނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

އިމްރާން ރޭ ދަންވަރު ޓުވީޓެއްގައި ވަނީ ގައުމުގެ ރައީސަކަށް ހުންނަ ބޭފުޅާއަކީ ކިތަންމެ ހެޔޮލަފާ ރަނގަޅު ބޭފުޅެއް ކަމުގައިވިޔަސް އަދި ގައުމު ރަނގަޅު ނުކުރެވޭނެ ކަމަށެވެ.

އޭނާ ވިދާޅުވީ ގައުމު ރަނގަޅު ކުރެވޭނީ ސަރުކާރުގައި ތިއްބަވާ ގިނަ އެހެން ބޭފުޅުން ވެސް ރަނގަޅުވެގެން ކަމަށެވެ.

"ހަމަ އެހެންމެ ސަރުކާރުގައި ތިއްބަވާ ގިނަ ބޭފުޅުން ރަނގަޅުވިޔަސް ރައީސް ރަނގަޅު ވެގެން މެނުވީ ގައުމު ރަނގަޅެއް ނުވާނެ،" އިމްރާންގެ ޓުވީޓުގައިވެއެވެ.

ފަހަކަށް އައިސް އިމްރާން ގެންދަވަނީ ސިޔާސީ ބަސްފުޅުތައް ވިދާޅުވެ ޓްވީޓްތައް ކުރައްވަމުންނެވެ. އެގޮތުން ދާދި ފަހުން ރިޔާސީ އިންތިހާބާ ބެހޭ ގޮތުން ވެސް އިމްރާން ވަނީ ޓުވީޓެއް ކުރައްވާފައެވެ.

އެ ޓުވީޓުގައި ވަނީ އަމިއްލަ މަސްލަހަތަށްވުރެ ގައުމު އިސްކުރަން ޖެހޭ ކަމަށާއި ސިޔާސީ ރޭހުގައި ދުރު ރާސްތާގައި ކާމިޔާބީއެއް ހޯދޭނީ އޭރުން ކަމަށެވެ.

މީގެ އިތުރުން އިމްރާން ވަރަށް ފަހުން ކުރެއްވި އެހެން ޓުވީޓެއްގައި ވަނީ މާތްﷲގެ ކޯފާއަށް ގައުމު ހުށަހެޅޭފަދަ ހަޑިހުތުރު އަދި މުޑުދާރު އަމަލުތައް ތަކުރާރުވާން ފެށުމުން ގާނޫނީ ހަމަތަކުގެ މަތިން އަޅަންވާ ފިޔަވަޅުތައް ނާޅާ ދޫކޮށްގެންނުވާނެ ކަމަށެވެ.

އިމްރާން އެހެން ވިދާޅުވީ މިދިޔަ މަހުގެ 24 ވަނަ ދުވަހުން ފެށިގެން އާންމުވަމުންދިޔަ އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯތަކުގައި ތުހުމަތުކުރެވޭ މީހުންނާ މެދު އެކަށީގެންވާ ފިޔަވަޅެއް ނާޅާ ކަަމަށް ބުނެ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

އެ މައްސަލާގައި ތުހުމަތުކުރެވޭ މީހުންނަށް އެކަށީގެންވާ ފިޔަވަޅެއް އަދިވެސް އަޅާފައި ނުވާތީ ގިނަ ބައެއްގެ ކަންބޮޑުވުމާއި ފާޑުކިޔުން މިނިސްޓަރު އިމްރާނަށާއި ސަރުކާރަށް އަންނަނީ އަމާޒުވަމުންނެވެ.