އިނގިރޭސިވިލާތުގެ ޑިޕާޓްމަންޓް ފޯ ޓްރާންސްޕޮޓޭޝަނުން ބާއްވާ ކޯހެއްގައި ބައިވެރިވުމަށް ޑިފެންސް މިނިސްޓްރީގެ ހަތަރު މުވައްޒަފުން އެގައުމަށް ދިޔުމަށް ފުރައިފިއެވެ.

ޑިފެންސް މިނިސްޓްރީން ނެރުނު ބަޔާނެއްގައިވާ ގޮތުން އެ މުވައްޒަފުން ބައިވެރިވަނީ އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަންގެ އޭވިއޭޝަން ސެކިއުރިޓީ ނެޝަނަލް އިންސްޕެކްޓާ ކޯހުގައެވެ.

މާދަމާއިން ފެށިގެން އޯގަސްޓު ތިންވަނަ ދުވަހާ ހަމައަށް އެ ގައުމުގައި ކުރިއަށްގެންދާ އެ ކޯހުގައި ބައިވެރިވުމަށް ޑިފެންސް މިނިސްޓްރީގެ ފަރާތުން ގޮސްފައިވަނީ އެ މިނިސްޓްރީގެ ޑައިރެކްޓްރޭޓް އޮފް އެވިއޭޝަން ސެކިއުރިޓީ އެޑްމިނިސްޓްރޭޝަންގެ ހަތަރު މުވައްޒަފުންނެވެ.

އެ މުވައްޒަފުންނާއެކު ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއާއި އޭވިއޭޝަން ސެކިއުރިޓީގެ ޑިރެކްޓާ ޖެނެރަލް ހުސައިން ނަޒީފް ވެސް ފުރައިވަޑައިގެންނެވިއެވެ.

އެ ކޯހުގެ ހުރިހާ ހަރަދެއް ވެސް ހަމަޖައްސާފައިވަނީ އިނގިރޭސިވިލާތުންނެވެ.

ޑިފެންސް މިނިސްޓްރީން ބުނީ އެކޯހަކީ ރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދު ގާއިމުކޮށްފައިވާ ގާތް ގުޅުމުގެ ތެރެއިން ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ރައްކާތެރިކަން ކަށަވަރު ކުރުމުގެ ނިޒާމްގެ ސިޔާސަތުތައް ކަނޑައަޅާ އެ ނިޒާމް ތަންފީޒު ކުރަމުންދާ މިންވަރު ދެނެގަތުމުގެ ޒިންމާ އަދާ ކުރުމުގައި ޝާމިލްވާ މުވައްޒަފުންގެ ހުނަރާއި ގާބިލުކަން އިތުރުކުރުމަށް ކުރިއަށްގެންދާ ކޯހެއް ކަމަށެވެ.

މީގެ އިތުރުން އެ ކޯހުގެ ދަށުން، ވައިގެ ދަތުރުފަތުރާ ބެހޭ މައި ޖަމިއްޔާ ކަމުގައިވާ އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަންގެ މިންގަނޑަށް މުވައްޒަފުން ތަމްރީނުކުރާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަނުން އެ ކޯސް ފަރުމާ ކޮށްފައިވަނީ ގައުމު ތަކުގެ ނެޝަނަލް ސިވިލް އޭވިއޭޝަން ސެކިއުރިޓީ ޕްރޮގްރާމްގައި ކަނޑަ އަޅާފައިވާ ކަންކަން ތަންފީޒު ކުރުމަށް ޒިންމާ ކުރެވިފައިވާ މުވައްސަސާތަކުން އެއާޕޯޓުތަކުގައި ދެމުންދާ ހިދުމަތުގެ ތެރެއިން އޭވިއޭޝަން ސެކިއުރިޓީ ހަރަކާތްތައް ތަންފީޒު ކުރަމުންދާ މިންވަރު ބަލާ އަދި ކަންކަން އިސްލާހު ކުރުމުގައި އަމަލު ކުރާނެ ގޮތުގެ އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިސް ކޯހުގެ ބައިވެރިންނަށް ބުނެދެވޭނެ ގޮތަށް ކަމަށް ޑިފެންސް މިނިސްޓްރީން ބުންޏެވެ.

އިނގިރޭސިވިލާތުގެ ޑިޕާޓްމަންޓް ފޯ ޓްރާންސްޕޮޓޭޝަންގެ ފަރާތުން 2012 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ރައްކާތެރިކަން ހަރުދަނާ ކުރުމަށް ތަފާތު އެހީތެރިކަން ފޯރޮކޮށްދީފައިވެއެވެ.

އެގޮތުން އެ މަސައްކަތުގައި ބޭނުން ކުރާނެ 10 އެކްސްޕްލޯސިވް ޓްރޭސް ޑިޓެކްޝަން މެޝިން ހަދިޔާ ކުރުމާއި، އެއާޕޯޓްގެ ސަލާމަތާއި ރައްކާތެރި ކަމަށް މަސައްކަތް ތަންފީޒް ކުރުމުގެ ޒިންމާ އަދާކުރާ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ މުވައްޒަފުންނަށް ބޭނުންވާ ތަމްރީން ފޯރުކޮށް ދިނުމުގެ އިތުރުން އެއާޕޯޓް ހިންގާ ފަރާތުގެ ސެކިއުރިޓީ ކަންކަން ހަރުދަނާ ކުރުމަށް ބޭނުންވާ ފަންނީ ލަފާ ވެސްދޭ ކަމަށް ޑިފެންސް މިނިސްޓްރީން ބުންޏެވެ.