27 Mar 2012, 13:26
ވިޔަފާރިތަށް ބޮއިކޮޓްކުރުމަށް ގޮވާލާ ކެމްޕޭންތަކާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅަން މަސައްކަތް ކުރަމުން އަންނަ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފި އެވެ.
މިނިސްޓާ އަހުމަދު މުހައްމަދު މިއަދު ވިދާޅުވީ ވަކި ވިޔަފާރިތަކެއް ބޮއިކޮޓް ކުރަން ގޮވާލާ އެކަމަށް މަސައްކަތް ކުރުމަކީ އެއިން ވަރަށް ނުރައްކާތެރި މައްސަލަތަކެއް ނުކުމެދާނެ ކަމެއް ކަމަށެވެ. އެކަމުން ވިޔަފާރިތައް ސިޔާސީ ވުމުގެ ބިރުހީވެފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
"ވިޔަފާރިތަކަކީ ސިޔާސީ ކަންކަމާ ގުޅުވަން ޖެހޭ ބައެއް ނޫން. ވިޔަފާރިތަކަކީ އާންމުން ހިދުމަތް ހޯދަން ހުންނަ ތަންތަން. އެތަންތަނަށް އެންމެންވެސް ކޮންމެ ފިކުރެއްގެ ބަޔަކު ވެސް ވަންނާނެ. އެގޮތަށް ހިންގާ [ނެގެޓިވް] ޕްރޮމޯޝަންތަކަކީ އޭގެ ސަބަބުން މުޅި ގައުމަށް ނޭދެވޭ އަސަރުކުރާނެ ކަންކަން. އެ ވިޔަފާރިތަކަށް އަދި މުޅި އިގްތިސޯދަށް ވެސް،" އަހުމަދު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ އެފަދަ ކެމްޕޭންތަކާ މެދު އަޅާ ނުލާ ދޫކޮށްލެވެން ނެތް ކަމަށާއި އެކަމަށް ގާނޫނުގެ ތެރެއިން އެޅޭނެ ފިޔަވަޅުތަކެއް އޮތްތޯ ބައްލަވާނެ ކަމަށާއި ވަކި ވިޔަފާރިތަކަށް ގެއްލުންވާ ގޮތަށް އަމަލުކުރުމަށް ޖާގަނުދެއްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
"އަޅުގަނޑުމެން އެބަޖެހޭ އެކަމާ ސީރިއަސްކޮށް ވިސްނަން. އަޅުގަނޑު ބަލާނަން އެކަމުގައި ގާނޫނީ ގޮތުން އެޅޭނީ ކޮން ފިޔަވަޅުތަކެއްތޯ. ގާނޫނުގެ ތެރެއިން ފިޔަވަޅެއް އެޅެން އޮތިއްޔާ އެ ކެމްޕޭންތައް ހުއްޓުވަން އެ ފިޔަވަޅެއް ނޫނީ ފިޔަވަޅުތަކެއް އަޅާނެ،" އަހުމަދު ވިދާޅުވި އެވެ.
ރައީސް މުހަންމަދު ނަޝީދުގެ ސަރުކާރު "ބަޣާވާތްކުރުމުގައި" އެހީތެރިވި ކަމަށް އެމްޑީޕީން ބުނާ ގިނަ ވިޔަފާރިތަކަކުން ވިޔަފާރި ނުކުރުމަށް ގޮވާލައި އެމްޑީޕީން ވަނީ މާލޭގައި މުޒާހަރާކޮށްފަ އެވެ. އަދި ލީފުލެޓްތަކެއް ވެސް އެ ޕާޓީން ވަނީ ބަހާފަ އެވެ.
އެމްޑީޕީން ބޮއިކޮޓް ކެމްޕޭނުގައި ހިމެނޭ އެއް ވިޔަފާރި، ޔޫރޯ ސްޓޯރުގެ ޑިރެކްޓާ އަލީ ވަސީމް ލަންކާގައި ހުންނަވާ މިއަދު ވިދާޅުވީ އެފަދަ ކަންކަމަކީ ވަރަށް ނާތަހުޒީބު ކަންތައްތައް ކަމަށާއި ޒަމާނީ ވިޔަފާރިއަކީ ސިޔާސީ އެއްޗެއް ނޫން ކަމަށެވެ.
"އަޅުގަނޑުމެން މިހާރު މިގެންނަ ޕްރޮޑަކްޓްތައް މިއީ ވަރަށް ބޮޑެތި ކުންފުނިތަކުގެ ޕްރޮޑަކްޓްތައް. އަޅުގަނޑުމެންނަކީ ހަމައެކަނި މެދުވެރިއެއް. އެބޭފުޅުން އެ ޕްރޮޑަކްޓްތައް ބޮއިކޮޓް ކުރަން ގޮވާލީމަ އެކަން ރައްދުވަނީ އަޅުގަނޑުމެންނަކަށް ނޫން. އަނެއްކާ ޒަމާނީ ވިޔަފާރިއަކީ ޑިރެކްޓަރުވެސް އަދި އޭގެ ދަށުން ތިބޭ މީހުންވެސް ވަކި ޒިންމާތަކެއް ހުންނަ އެއްޗެއް. އަނެއްކާ އަޅުގަނޑުމެންގެ ވިޔަފާރިއަށް އަންނަނީ ކަސްޓަމަރުން، ސިޔާސީ ވަކި ކުލައެއްގެ ބައެއް ނޫން،" ވަސީމް ވިދާޅުވި އެވެ.
ލޯކަލް ވިޔަފާރިތައް ބޮއިކޮޓް ކުރުމުގެ އިތުރަށް އެމްޑީޕީއާ ގުޅުންހުރި ފަރާތްތަކުން އަންނަނީ ރާއްޖޭގެ ޓޫރިސްޓް ބައެއް ރިސޯޓުތަކާއި ހޮޓާތަށް ބޯއިކޮޓް ކުރުމަށް ދުނިޔޭގެ ފެންވަރުގެ ކެމްޕޭނެއް ހިންގަމުންނެވެ. ޓޫރިޒަމް މިނިސްޓަރު އަދީބުވެސް މީގެ ކުރިން ވިދާޅުވެފައި ވަނީ އެ ކެމްޕޭނުތަކާ މެދު ފިޔަވަޅު އަޅުއްވާނެ ކަމަށެވެ.