27 Mar 2012, 13:03
ރައްޔިތުންގެ މަޖިލިސް ހުޅުވަން މިމަހުގެ 19 ވަނަދުވަހު ބޭއްވި ޖަލްސާގައި މަޖިލިހުގެ ތަކެއްޗަށް ވީ ގެއްލުންތަކުގެ އިތުރު ތަފްސީލްތައް މަޖިލީހުގެ އިދާރާއިން ހާމަކޮށްފި އެވެ.
މަޖިލިހުގެ އަމީން އާންމު އަހުމަދު މުހައްމަދު މިއަދު ސަން އޮންލައިނަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ މަޖިލިހުގެ ޖަލްސާ ހުޅުވަން ބޭއްވި ޖަލްސާގައި މަޖިލިސް ޗެމްބަރު ތެރޭގައި ހުރިމޭޒުތައް ވެއްޓިގެން ދިޔައިރު މޭޒުތައްމަތީގައި ބަހައްޓާފައި ހުރި ބައެއް ޓަޗްސްކުރިންތަކާއި މެންބަރުންގެ މޭޒުގައި ހަރުކޮށްފައިވާ 15 ނަންބޯޑާއި މައިކް ސިސްޓަމް ތަކާއި އިދާރީ މޭޒުގައި ބޭނުންކުރާ ސާމާނުތަކުގެ އިތުރުން މަޖިލިހުގެ މެންބަރުން ވޯޓުލުމަށް ބޭނުންކުރާ ވަރަށް ގިނަ އަދެއްގެ ކާޑްތައް ވެސް ހަލާކު ވެފައިވާ ކަމަށެވެ.
"މީގެ އިތުރުން ވެސް ގޮނޑިއަށް އެބަހުރި ގެއްލުން ލިބިފައި. އަދި މަޖިލިސްގައި ބޭނުންކުރާ މޭޒުތަކުގައި ކޫރުން އެޅުމާއި މޭޒުތައް ވެއްޓިގެން ދިޔައިރު މައިކް ސިސްޓަމާއި ވޯޓިން ސިސްޓަމާއި ގުޅުވައިދޭ ކޭބަލްތައް ހުންނަނީ މޭޒުތަކުގެ ތެރެއިން ގެންގޮސްފައި މޭޒުތައް ވެއްޓިގެން ދިޔައިރު ކޭބަލްތަކަށް ބާރުވެގެން ގޮސް އެކޭބަލްތައް ނެއްޓިފައިވުމުގެ ސަބަބުން ވަނީ ގެއްލުންތައް ލިބިފައި،" އަހުމަދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މަޖިލިހުގެ ތަކެއްޗަށާއި ސާމާނުތަކަށް ލިބިފައިވާ ގެއްލުމުގެ އަދަދު ފައިސާގެ ގޮތުން ދަންނަވަން ދަތިނަމަވެސް ގިނަ އަދަދެއްގެ ތަކެއްޗަށް ގެއްލުން ލިބިފައިވާކަމަށެވެ. ލިބިފައިވާ ގެއްލުން ބެލުމަށް ފަހު ބައެއް ތަކެތި ރިޕްލޭސްކުރުމުގެ އިތުރުން މަޖިލިހުގެ ކޭބަލްތަކަށް ދިމާވެފައިވަ މައްސަލަ ޓެސްޓްކޮށް އެކަންކަން ހައްލުކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ.
"މިހާރު މަސައްކަތް ކުރަމުން ދަނީ ކޭބަލްތަކުގެ އެއްވެސް ކަހަލަ މައްސަލައެއް އުޅޭތޯ ސައުންޑު ސިސްޓަމުގައި މައްސަލަ އުޅޭތޯ ކޮންމެ މައިކެއް ވަކިވަކިން މިދަނީ ޗެކްކުރަމުން މިއަދު ނުވަތަ މާދާމަގެ ހިސާބުގައި އެކަމާ ގުޅޭ ރިޕޯޓް އަޅުގަނޑަށް ލިބޭނެ." އަމީން އާންމު ވިދާޅުވި އެވެ.
އަމީން އާންމު ވިދާޅުވީ މަޖިލިހުގެ ޖަލްސާ ބާއްވާ ތާރީހު ރިޔާސަތުން ކަނޑައަޅާ ދުވަހަކަށް މަޖިލިހުގެ ސިސްޓަމްތައް ރަނގަޅުކުރެވޭނެ ކަމުގެ ޔަގީންކަން އޮތް ކަމަށެވެ.
މަޖިލިހުގެ ހަލާކުވެފައިވާ ސިސްޓަމްތައް ރނަގޅުކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ ޓެކްނިކަލް ސްޓާފަކު ބުނީ މަޖިލިހުގެ މެންބަރުންގެ މޭޒުކޮޅުގައި ހަރުކޮށްފައިވާ މައިކުތަކުގެތެރެއިން ވަރަށް ގިނަ އަދެއްގެ މައިކުތައް އުފުރާލުމަށް ފަހު ބިންދާ ލާފައިވާ ކަމަށާއި އެހުރިހާ މައިކުތަކުގެ އަގަށް ވެސް ގާތްޑަކަށް 25000ރ. އަރާނެ ކަމަށެވެ.
މިމަހުގެ ފުރަތަމަ ދުވަހު މަޖިލިސް ހުޅުވަން ބޭއްވި ޖަލްސާގައި ވެސް ބައެއް ސާމާނަށް ގެއްލުން ދިނެވެ. އަދި އެމްޑީޕީގެ މެންބަރުންވަނީ މަޖިލިހުގެ ތެރޭގައި ބަހައްޓާފައިހުރި ދިވެހި ދިދަ އެތަނުން ނަގާ އެއްލާލާފަ އެވެ.