ބައިނަލައަގުވާމީ ޑިމޮކްރަސީ ދުވަސް ފާހަގަކުރުމުގެ ގޮތުން ރައްޔިތުން މަޖިލީހުގެ އިދާރާއިން އިންތިޒާމުކޮށްގެން ކުރެހުމުގެ މުބާރާތެއް ބާއްވަން ނިންމައިފިއެވެ.

ޑިމޮކްރަސީ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ވެސް ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހެވެ.

އެ ދުވަހާ ގުޅިގެން މަޖިލީހުގެ އިދާރާއިން ބާއްވާ ކުރެހުމުގެ މުބާރާތަކީ މަޖިލީހާއި މަޖިލީހުގެ މަސައްކަތްތަކާމެދު ހޭލުންތެރިކަން އިތުރުކުރުމާއި ޑިމޮކްރަސީގެ އުސޫލުތަކާ ހަމަތަކަށް ހޭލުންތެރިކަން އިތުރުކުރުމުގެ މަގުސަދުގައި ކުރިއަށް ގެންދަން ނިންމާފައިވާ މުބާރާތެއް ކަމަށް އެ އިދާރާއިން ބުންޏެވެ.

އެ މުބާރާތުގެ ތީމްއަކީ "ރައްޔިތުންގެ ވެރިކަން - ރައްޔިތުންގެ މަޖިލީހުގެ ދައުރު"އެވެ. އޭގެ ތެރޭގައި ހިމެނޭނީ ރައްޔިތުންގެ މަޖިލިސް އުފެދިގެން އައިގޮތާއި އެކި ދުވަސްވަރު ރައްޔިތުންގެ މަޖިލީހުގެ ދައުރު ކަނޑައެޅުނު ހަމަތަކާއި އެދައުރުތައް މަޖިލިސްތަކުން އަދާކުރަމުން އައި މިންވަރެވެ.

ކުރެހުންތަކުގައި ހުންނަން ޖެހޭނެ ގޮތް:

  1. މުބާރާތަށް ހުށަހެޅޭ ކުރެހުމެއްގައި، އިސްލާމްދީނާއި ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއާއި ޤާނޫނުތަކާއި، މުޖްތަމަޢުގެ
    ޢާންމު އަޚްލާޤީ މިންގަނޑުތަކާ ތަޢާރުޒުވާ މަންޒަރެއް ނުވަތަ މެސެޖެއް ހިމެނިގެން ނުވާނެއެވެ.

  2. ކުރެހުމުގެ ނުފުށުގައި ކުރެހުން ހުށަހަޅާ ފަރާތުގެ ނަމާއި ދާއިމީ އެޑްރެސް، އައި.ޑީ.ކާޑު ނަންބަރު، އުފަން ތާރީޚް
    އަދި އެޑްރެސް ޖަހަން ވާނެއެވެ.
  3. ހުށަހަޅާ ކުރެހުމަކީ މީގެ ކުރިން އެހެން މުބާރާތަކަށް ހުށަހަޅާފައިވާ ކުރެހުމަކަށް ވެގެންނުވާނެއެވެ.
  4. ހުށަހަޅާ ކުރެހުމަކީ މުބާރާތުގައި ބައިވެރިވާ ފަރާތުގެ އަމިއްލަ އުފެއްދުމެއްކަމުގައި ވާންޖެހޭނެއެވެ.
  5. ކުރެހުންތައް ހުންނަންޖެހޭނީ އަތުން ކުރަހާފައެވެ. ކޮމްޕިއުޓަރު ގްރެފިކްސް ގަބޫލެއް ނުކުރެވޭނެއެވެ.
  6. ކުރެހުމުގައި ބޭނުން ބާވަތެއްގެ ޑްރޯވިން މީޑިޔާއެއް ބޭނުން ކުރެވިދާނެއެވެ.
  7. ކުރެހުމުގައި އެންމެ ކުޑަވެގެން ''18X12'' ހުންނަން ވާނެއެވެ. ކުރެހުމުގެ ވަށައިގެން ހަތަރު ފަރާތުންވެސް އެއް
    ސެންޓިމީޓަރު ހަވާސާގެ ގޮތުގައި ބާއްވަން ޖެހޭނެއެވެ. ނަމަވެސް ހަވާސާ ރޮނގު ދަމައިގެން ނުވާނެއެވެ.
  8. އެއްވެސް ލިޔުންކޮޅެއް ކުރެހުމުގައި ލިޔާނަމަ، އެ ހުންނަންވާނީ ދިވެހި ނުވަތަ އިނގިރޭސި ބަހުން އަތުލިޔުމުންނެވެ.

ކުރެހުން ހުންނަން ޖެހޭ ގޮތުގެ ޝަރުތުތަކާ ޚިލާފަށް ހުރި ކުރެހުންތައް ބާތިލުކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

މަޖިލީހުގެ އިދާރާއިން އާންމުކުރި މައުލޫމާތުގައިވާ ގޮތުން އެ މުބާރަތަކީ އަމިއްލައަށް ކުރެހުން ކުރެހުމަށްފަހު ކަނޑައެޅިފައިވާ ސުންގަޑީގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ފޮނުވާ ގޮތަށް ކުރިއަށް ގެންދާ މުބާރާތެކެވެ.

މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާއިރު، މުބާރާތުގައި ބައިވެރިވެވޭނެ ހަތަރު އުމުރުފުރާއެއް ވަނީ ބަހާލާފައެވެ.

އެގޮތުން:

  • 35 އަހަރުން މަތި (01 ސެޕްޓެމްބަރު 2022 އަށް 35 އަހަރު ފުރިފައިވާ މީހުން)

  • 35 އަހަރާއި 18 އަހަރާ ދެމެދު (01 ސެޕްޓެމްބަރު 2022 އަށް 18 އަހަރުފުރި، 35 އަހަރު ނުފުރޭ މީހުން)
  • 18 އަހަރާއި 14 އަހަރާއި ދެމެދު (01 ސެޕްޓެމްބަރު 2022 އަށް 14 އަހަރު ފުރި، 18 އަހަރު ނުފުރޭ މީހުން)
  • 14 އަހަރުން ދަށް (01 ސެޕްޓެމްބަރު 2022 އަށް 14 އަހަރު ނުފުރޭ މީހުން)

މުބާރާތުގައި ބައިވެރިކުރާ ކުރެހުންތަކަށް އިންސާފުކުރާނީ މަޖިލީހުގެ އިދާރާއިން އެކަމަށް ކަނޑައަޅާ ފަނޑިޔާރުންގެ ޓީމަކުން ކަމަށް އެ އިދާރާއިން މައުލޫމާތުދެއެވެ.

އެގޮތުން ކުރެހުންތަކަށް މާކްސްދޭ ގޮތަށް ކަނޑައެޅިފައިވަނީ މައިގަނޑު ތިން ބަޔަކަށެވެ. އެއީ މުބާރާތުގެ ތީމާ ގުޅުންހުރި މިންވަރު ބަލައި ދޭ 30 މާކްސް އާއި އުފެއްދުންތެރިކަމާއި ހުށަހެޅުންތެރިކަމުގެ މިންވަރު ބަލައި ދޭ 40 މާކްސްގެ އިތުރުން ކުރެހުމުގެ ފެންވަރު ބަލައި ދޭ 30 މާކްސް ހިމެނޭހެން މުޅި ޖުމުލަ 100 މާކްސްއެވެ.

މާކްސްދޭނެ ވަކި ބައިތަކަކާއި މިންގަނޑުތަކެއް ކަނޑައަޅާފައިވާއިރު، ކޮންމެ އުމުރުފުރައެއްގެ އެއްވަނަ ލިބޭނީ މަދުވެގެން 70 މާކްސް ހޯދައިގެންނެވެ. އަދި ކޮންމެ އުމުރުފުރައެއްގެ ދެވަނަ ލިބޭނީ މަދުވެގެން 60 މާކްސް ހޯދައިގެން ކަމަށްވާއިރު، ކޮންމެ އުމުރުފުރައެއްގެ ތިންވަނަ ލިބޭނީ މަދުވެގެން 50 މާކްސް ހޯދައިގެންނެވެ.

އެ މުބާރާތުގެ ކޮންމެ އުމުރުފުރާއަކުންވެސް ވަނަވަނައަށްދާ ފަރާތްތައް ހޮވާނީ އެ އުމުރުފުރާއަކުން ވާދަކުރާ ކުރެހުންތަކުގެ ޖުމްލަ ތިން ކުރެހުމަށްވުރެ މަދު ނުވާނަމައެވެ. އަދި އެ އަދަދު ހަމަނުވާނަމަ އެ އުމުރު ފުރާއަކަށް ދެވޭނީ މުބާރާތުގައި ބައިވެރިވިކަމުގެ ހަނދާނީފިލާ އެކަންޏެވެ.

މުބާރާތުގެ އިނާމެއްގެ ގޮތުން ހުށަހެޅޭ ކުރެހުންތަކުގެ ތެރެއިން ވަނަވަނައަށް ހޮވޭ މީހުންނަށް ފައިސާގެ އިނާމާއި ހަނދާނީ ފިލާ ދެވޭނެއެވެ. އެގޮތުން ކޮންމެ އުމުރުފުރާއަކުން އެއްވަނައަށް ދާ މީހަކަށް 2،000 ރުފިޔާ، ދެވަނައަށް ދާ މީހަކަށް 1،500 ރުފިޔާ އަދި ތިން ވަނައަށް ދާ މީހަކަށް 1000 ރުފިޔާގެ އިނާމެއް ދެވޭނެއެވެ.

މީގެ އިތުރުން މުޅި މުބާރާތުން އެއްވަނައަށް ދާ މީހަކަށް 5،000 ރުފިޔާ، ދެވަނައަށް ދާ މީހަކަށް 4،000 ރުފިޔާ އަދި ތިން ވަނައަށް ދާ މީހަކަށް 3،000 ރުފިޔާ ލިބޭނެއެވެ.

ކުރެހުންތައް ހުށަހެޅުމުގެ އެންމެ ފަހުގެ ތާރީޚަކީ ސެޕްޓެމްބަރު މަހުގެ އެއްވަނަ ދުވަހުގެ 14:00އެވެ.

ކޮންމެ ބައިވެރިއަކު ފޮނުވާ ކުރެހުމާއެކު ކުރެހުން ހުށަހަޅާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއާއި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމު ހިމަނަން ޖެހެއެވެ. ނުވަތަ އެ މައުލޫމާތު މަޖިލިސް އިދާރާގެމެއިލްއަށް ފޮނުވަން ޖެހެއެވެ.

މުބާރާތުގައި ބައިވެރިވުމަށް އެޕްލިކޭޝަން ފޯމު މިހާރު މަޖިލިސް އިދާރާގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

މަޖިލިސް އިދާރާ އިން އާންމުކުރި މައުލޫމާތުގައި ވާގޮތުން މުބާރާތުގައި ބައިވެރިކުރާ ކުރެހުންތަކުގެ ތެރެއިން މަޖިލީހުގެ އިދާރާއިން ބޭނުން ކޮންމެ ކުރެހުމެއް އެ އިދާރާއަށް ކޮޕީރައިޓް ލިބޭގޮތަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ބޭނުންތަކުގައި ބޭނުންކުރެވޭނެއެވެ.

އެގޮތަށް ބޭނުންކުރެވޭ ކުރެހުންތަކުގައި އެކުރެހުމެއް ކުރެހި މީހެއްގެ މަޢުލޫމަތު ހިމަނައި އެ މުބާރާތުން ހޮވާލެވޭ ކުރެހުންތައް ހިމެނޭ މަޢުރަޒެއް ޑިމޮކްރަސީ ދުވަހު މަޖިލީހުގެ އިދާރާއިން ކަނޑައަޅާ ތަނެއްގައި
ބާއްވަން ވަނީ ނިންމާފައެވެ.

އެ މުބާރާތުން ވަނަވަނައަށް ހޮވޭ މީހުންނަށް އިނާމާއި ހަނދާނީ ފިލާދިނުން އޮންނާނީ އެ މަޢުރަޒު ހުޅުވުމުގެ ރަސްމިއްޔާތުގައެވެ.