"މިޝްޔާ..." ނާޒިލްގެ ލޮލުގައި މިޝްޔާ އަޅައިގަތުމާއެކު، އޭނާއަށް ހައިރާންކަމާއެކު މިޝްޔާއަށް ގޮވައިލެވުނެވެ.

މިޝްޔާގެ ތުރުތުރުއަޅަމުން ދިޔަ ދެ ތުންފަތާ އަތަށްވެސް ނާޒިލްއަށް ނަޒަރު ހުއްޓައިލެވުނެވެ. އޭނާ ދެވަނަ ފަހަރު މިޝްޔާއަށް ގޮވައިލިއެވެ. ގެއްލިފައި މިޝްޔާ ހުންނަން ފެށުމުން ނާޒިލް މަޑުމަޑުން މިޝްޔާގެ ކޮނޑުގައި އަތް ޖައްސައިލިއެވެ. އެއާއެކު މިޝްޔާ ހަޅޭއްލަވައިގަނެފައި އޭނާގެ އަތް ފޮޅައިލީ ވިހަ ގަދަ ސުއިއްޕެއް ފޮޅައިލާ އުސޫލުންނެވެ. އޭނާ މަޑުމަޑުން ނާޒިލްއަށް ބަލައިލިއެވެ. މިޝްޔާއަށް ނާޒިލް ފެންނަމުން ދިޔައީ އޭނާގެ ލޮލުގައި ވިދަމުން ދިޔަ ކަރުނައިގެ ސަބަބުން ފުސްކޮށެވެ.

"މިޝްޔާ ކީކުރަނީ މިގަޑީގައި؟" ނާޒިލް ސުވާލުކޮށްލިއެވެ. ކޮންމެވެސް އެއްޗެއް ބުނަން މިޝްޔާ މަސައްކަތް ކުރަމުން ދިޔަ ނަމަވެސް، އޭނާއަށް ވާހަކަ ދެކެވޭ ގޮތެއް ނުވިއެވެ.

"އާ ޔޫ އޯކޭ؟" ނާޒިލްއަށް އެހެން ބުނެވުނުތަނާ، ފަހަތުން އައި އުޅަނދުތަކުގެ ބަރުގޮނުގެ އަޑު އިވެން ފެށިއެވެ.

"މިޝްޔާ، ހިނގާ، އަހަރެން މިޝްޔާ ގެއަށް ގެންގޮސް ދީފާނަން..." ނާޒިލް ބުނެލިއެވެ. މެދުކެނޑުމެއްނެތި އަޅަމުން ދިޔަ ބަރުގޮނުގެ ސަބަބުން ތަނުގެ ހަމަހިމޭންވަނީ ފޫދުއްވާލާފައެވެ. މިޝްޔާގެ ބޮލުގައި ހުރި ބަރުކަމާއެކު އޭނާއަށް ބޮލުގައި ހިފައްޓައިލެވުނެވެ.

"އެނބުރުން..." ނާޒިލްއަށް ބުނެވޭވަރުވީ އެވަރަށެވެ. މިޝްޔާގެ ހަށިގަނޑުން ވަރު ދޫވެ ވެއްޓެން ދިޔައެވެ. އޭނާ އެ ބާރުގަދަ އަތުގެ ތެރޭގައި މިޝްޔާގެ ހަށިގަނޑު ހައްޔަރުކޮށްލިއެވެ. އެއަށްފަހު މިޝްޔާ އުފުލާލައިގެން ގެންގޮސް، ކާރުގެ ފަހަތު ސީޓުގައި ބާއްވައިލިއެވެ. އެއަށްފަހު، ކުރިއަށް އެރުމަށްފަހު، އޭނާ އެންމެ ފުރަތަމަވެސް ގުޅައިލީ މާކިންއަށެވެ.

"ހަލޯ މާކް..."

'އާނ ކީކޭ ބްރޯ؟" ފޯނު ނަގާ ވާހަކަ ދެއްކި މާކިން ބުނެލިއެވެ.

"އަހަރެން މިދަނީ މިޝްޔާ ގޮވައިގެން ހޮސްޕިޓަލަށް." ނާޒިލް ބުނެލިއެވެ.

"އޭ،... ކީކޭ މިޝޫއޭ؟" މާކިންއަށް ހައިރާންކަން ލިބުނެވެ.

"އާނ. އަހަންނަށް މިޝްޔާ ފެނުނީ ބޭރުމަގުން..." ނާޒިލް ކޮންމެވެސް ވަރަކަށް ވީ ގޮތް ކިޔައިދިނެވެ. އަދި އޭނާ މާކިން ކައިރީގައި އަވަހަށް ހޮސްޕިޓަލަށް އައުމަށް ބުނެލިއެވެ.

"އަހަރެން މިދަނީ..." މާކިން ބުނެލިއެވެ.

ނާޒިލް ކާރުގައި ގޮސް ހޮސްޕިޓަލް ކުރިމަތީގައި ޕާކުކޮށްލިއެވެ. އެއަށްފަހު، އަވަސް އަވަހަށް ކާރުން ފައިބައިގެން ގޮސް ކާރުގެ ފަހަތު ސީޓުގެ ދޮރުފަތް ހުޅުވައިލާ މިޝްޔާ އޭނާގެ އަތްދަނޑި މައްޗަށް އުފުލައިލިއެވެ.

"މިޝްޔާ... މިޝްޔާާ..." ނާޒިލް މިޝްޔާއަށް ދެފަރަކަު ގޮވައިލިނަމަވެސް، މިޝްޔާގެ އެއްވެސް ހަބަރެއް ނެތެވެ. އެވަގުތު އެތަނުގައި ތިބި ވާރޑް ބޯއީސް އައިސް މިޝްޔާ ސްޓްރެޗާއަށް ލުމަށް ނާޒިލްއަށް އެހީތެރިވިއެވެ. އެމީހުންނާއެކު އެމަރޖެންސީތެރެއަށް ނާޒިލް ވެސް ވަނެވެ. އޭރު ނާޒިލްގެ ހަރަކާތްތަކަށް ބަލަހައްޓައިގެން ތަންކޮޅެއް ދުރުގައި އިތުރު މީހަކު ހުރިކަމެއް އޭނާއަކަށް ނޭނގެއެވެ.

އެމަރޖެންސީގައި މިޝްޔާއަސް ފަރުވާ ދެވެން ފެށިތާ މާގިނަ އިރެއްނުވެ މާކިންވެސް އައިސް ހޮސްޕިޓަލަށް ވަނެވެ. އޭނާ އެމަރޖެންސީބަޔާ ދިމާލަށް ހަލުވި ފިޔަވަޅުގައި ދަމުން ނާޒިލްއަށް ގުޅައިލިއެވެ. އެމަރޖެންސީއަށް ވަނުމަށްފަހު، މާކިން ނާޒިލް ބުނި ބެޑް ނަންބަރު ހޯދައިލިއެވެ.

"ކޮބާ މިޝޫ؟" ނާޒިލް ފެނުމާއެކު މާކިން ސުވާލުކޮށްލިއެވެ.

"ދެންމެ ހޭލެވުނު، ރޮއިރޮއިފަ އަނެއްކާވެސް ނިދުނީ..." ނާޒިލް ބުނެލިއެވެ. ނާޒިލް ވިސްނުމަކަށް ގެއްލިފައި ހުރުމުން މާކިން ނާޒިލްގެ ކޮނޑުގައި ޖަހައިލިއެވެ.

"އޭތް. ބްރޯ. ކިހިނެއްވީ؟ ހާދަ ބަސްމަދުވެފަ." މާކިންއަށް ކަމެއް ގޯސްވެއްޖެކަމުގައި ޔަޤީން ކުރެވުނެވެ. އޭނާ ފޮތިގަނޑު ކުޑަކޮށް ކަހާލުމަށްފަހު، މިޝްޔާއަށް ބަލައިލިއެވެ.

"ހޭލެވުމާއެކު މިޝްޔާ ތެޅެން ފެށީ. ދުރަށް ދާށޭ ކީ ރޮމުން..." ނާޒިލް ބުނެލިއެވެ. މާކިންއަށް ނާޒިލްއާ ހަތަރުކަޅި ހަމަކޮށްލެވުނު ނަމަވެސް އިތުރު އެއްވެސް އެއްޗެއް ނުބުނެވުނެވެ. އޭނާއަށް އަނެއްކާވެސް ބަލައިލެވުނީ މިޝްޔާއަށެވެ.

"މިޝްޔާއަށް އެއްވެސް ކަމެއް ދިމާވިތަ؟ " ނާޒިލް ސުވާލުކޮށްލުމާއެކު، މާކިންއަށް އޭނާގެ ނަޒަރު އަނެއްކާވެސް ނާޒިލްއާ ސީދާކޮށްލެވުނެވެ.

"މި ބުނީ ގާތް މީހަކު ނިޔާވުން ނޫނީ މީހާ ޓްރޮމަޓައިޒް ވާކަހަލަ ކަމެއް؟" ނާޒިލްއަށް މާކިންގެ އެ ނަޒަރު މާނަ ކުރާކަށް ނޭނގުނެވެ. ކަމެއް ސިއްރުކުރަން މާކިން މަސައްކަތް ކުރާ ފަދައެވެ.

"ތޭންކްސް ނާޒިލް..." މާކިން ނާޒިލްއަށް ޝުކުރު އަދާކޮށްލިއެވެ. މާކިން އިތުރަށް އެ ވާހަކަ ނުދެއްކިއެއްކަމަކު ނާޒިލްއަށް މިޝްޔާގެ މާޒީގައި ބޮޑެތި ކަންތައްތަކެއް ހިނގާފައިވާކަން ޔަޤީން ކުރެވުނެވެ. އޭނާ މިޝްޔާއަށް ބަލައިލަމުން ވާހަކަ ދެއްކިއެވެ.

"ގެނައިއިރު ބީޕީވެސް ވަރަށް ދަށުގައި ހުރީ. މިހާރު އައިވީ އާ އެއްޗެހި ގުޅާފަ އެހުރީ. އައިވީ ހުސްވީމަ އިތުރު ކަމެއް ނެތިއްޔާ ދޫކޮށްލާނަން." ނާޒިލް ބުނެލިއެވެ. އިތުރު ކަންތައްތަކެއް އެނގުމުގެ ޝައުގުވެރިކަން އޭނާގެ ހިތުގައި އުފެދުނެވެ. މާކިންގެ އެދުމަށް މިޝްޔާ ޕްރައިވެޓް ރޫމަކަށް ބަދަލުކުރެވުނެވެ. ރޫމަށް ޝިފްޓް ކުރެވުނުތާ މާގިނަ އިރެއްނުވެ ރިފްއަތު ގުޅައިފިއެވެ. މާކިން ވަނީ އޭނާ ހޮސްޕިޓަލަށް އައުމުގެ ކުރިން މިޝްޔާގެ ވާހަކަ ރިފްއަތު ކައިރީގައި ބުނެފައެވެ. ރިފްއަތު އޭރު ހުރީ އޮފީހުގައެވެ.

"މިހާރު ރަނގަޅު. އައިވީ ހުސްވީމަ އިތުރު ކަމެއް ނެތިއްޔާ ދޫކޮށްލާ ގޮތަށް އޮތީ..." މާކިން ބުނެލިއެވެ. ރިފްއަތު ބުނީ އޮފީހުގެ މުހިންމު މީޓިން އެއް އޮތުމުން އޭނާއަށް ދެވެން ނެތްކަމުގައެވެ. މާކިންގެ މޫނުމަތީގެ ކުލަވަރު ކޮންމެވެސް ވަރަކަށް ބަދަލުވިނަމަވެސް، އޭނާ އެއްވެސް އިތުރު އެއްޗެއް ނުބުނެއެވެ.

"ޑޯންޓް ވޮރީ... ހުރިހާކަމެއް ވެސް ރަނގަޅުވާނެ" މާކިން މިޝްޔާއަށް ބަލައިލުމުން ނާޒިލް މާކިންއަށް ހިތްވަރު ދިނެވެ.

"މަންމާ... މަންމާ..." އެ ދެމީހުން އެތަނުގައި ތިއްބާ މިޝްޔާ ނިދީގައި ވާހަކަ ދައްކަން ފެށުމާއެކު މާކިން މިޝްޔާއާ ކައިރިއަށް ޖެހިލިއެވެ. މިޝްޔާ އޭނާގެ އަތުން ކޮންމެވެސް މީހަކު ދުރުކުރަން މަސައްކަތް ކުރަން ފެށިއެވެ. އޭނާ މާކިންގެ އަތް ވެސް ފޮޅުވައިލިއެވެ.

"މިޝޫ... މިޝޫ... މީ ދޮންބެއޭ... ހޭލަބަލަ!" މާކިން މިޝްޔާ ހޭލައްވަން މަސައްކަތް ކުރަމުން ދިޔައެވެ. އެ މަންޒަރު ބަލަން ނާޒިލް ހުރިއިރު އޭނާގެ ހިތުގައި ތަފާތު ގިނަ ސުވާލުތަކެއް އުފެދެމުން ދިޔައެވެ.

"މިޝޫ..." މިޝްޔާގެ ދެކޮނޑުގައި ހިފާ ތަޅުވައިގަންނަމުން މާކިން ގޮވައިލިއެވެ. އެއާއެކު ހުވަފެނަކުން ހޭލެވޭ ފަދައަކުން މިޝްޔާ ހަޅޭއްލަވައިގަނެފައި ތެދުވިއެވެ. އޭރު އޭނާއަށް ރޮވެމުން ދިޔައެވެ. މާކިން ފެނުމާއެކު މިޝްޔާއަށް މާކިންގެ ގައިގައި ބައްދައިގަނެވުނެވެ.

ދޮންބޭ... އޭނަ...... ދޮންބޭ... " މިޝްޔާއަށް ރަނގަޅަށް ވާހަކަ އެއް ނުދެއްކުނެވެ. އަޅައިއަޅައިގަންނަމުން މިޝްޔާ ބުނަން މަސައްކަތްކުރި ވާހަކަ މާކިންއަށް ފަހުމް ވީ ކަންނޭނގެއެވެ. އޭނާ މިޝްޔާ ގެނެސް އެމޭގައި ޖައްސައިލިއެވެ. މިޝްޔާ މާކިންގެ ގައިގައި ބާރަށް ބައްދައިލަމުން އެމޭގައި މޫނު ފޮރުވައިލިއެވެ. އޭރުވެސް އޭނާއަށް ގިސްލެވެމުން ދިޔައެވެ.

މާކިންގެ ގައިގައި ބައްދާލައިގެން އިން މިޝްޔާގެ ހަށިގަނޑުގައި އޭރުވެސް މަޑުމަޑު ތުރުތުރު އެޅުމެއް ހުއްޓެވެ. އޭނާއަށް ދެލޯ މަރާ ބާރުކޮށްލެވުނެވެ. އާވާން ފެށި ހަނދާންތަކަކުން އޭނާގެ މުޅި ނަފްސަށްވެސް ގުޑުން އަރުވައިލައިފިއެވެ. ނަފްސުގައި ހައިޖާނުގަނޑެއް އުފެދި ގިލަންވެރިކަމުގައި އޭނާގެ ނަފްސު އޮޔާ ގެންދަން ފެށި ފަދަ އިޙްސާސްއެއް މިޝްޔާއަށް ކުރެވުނެވެ. ކަރުނަތައް ހުއްޓުވާކަށް މިޝްޔާ މިފަހަރު މަސައްކަތެއް ނުކުރެއެވެ. އޭނާ ބޭނުންވަނީ އެ އުދާސްކަން ހަށިގަނޑުން ނެރެލާށެވެ. އެއީ އެހާ ފަސޭހައިން ކުރެވޭނޭ ކަމެއް ނޫންކަންވެސް އޭނާއަށް އެނގެއެވެ. އެހުރިހާ މަންޒަރެއް ގާތުން ބަލަން ހުރުމަށްފަހު، ނާޒިލް އެތަނުން ނުކުމެލީ އެ ދެމީހުންނަށް ވަގުތުކޮޅެއް ދިނުމުގެ ބޭނުމުގައެވެ. ނުކުތްތަނާ އޭނާއަށް ފޯނު ކޯލެއް އައެވެ. ގުޅީ އެކުވެރިއެއްކަމުން ފޯނު ނަގާ ކަންފަތުގައި ޖައްސައިލަމުން ނާޒިލް ވާހަކަ ދެއްކިއެވެ. ފޯނު ކޯލު ނިންމައިލުމަށްފަހު، މިޝްޔާގެ ކޭސްއާ ހަވާލުވި ޑޮކްޓަރާ ނާޒިލް ވާހަކަ ދެއްކިއެވެ. އެއަށްފަހު އެއްފަރާތުގައި ހުރި ގޮނޑިބަރިން ގޮނޑިއެއްގައި ނާޒިލް އިށީނދެލިއެވެ. ނާޒިލްއަށް ވަރުބަލިކަން އިޙްސާސްކުރެވުނެވެ. އޭރު އޭނާއަށް ހުރެވުނީ މަޣްރިބް ނަމާދު ނުކޮށްކަމަށް ވުމުން ނާޒިލް ހޮސްޕިޓަލުގައި ހުންނަ ނަމާދުކުރާ މިސްކިތާ ދިމާލަށް ހިނގައިގަތެވެ. ނަމާދުކޮށް ނިމިގެން އޭނާ މިޝްޔާ އޮތް ރޫމަށް ދިޔައިރު މާކިން ގޮނޑީގައި އިށީނދެލައިގެން އިނެވެ. އޭރު މިޝްޔާވެސް އޮތީ ހަމައަކަށް އެޅިފައެވެ. ނާޒިލް މާކިންއަށް ގޮވައިލިލުމަށްފަހު، އޭނާ ގެއަށް ދަނީ ކަމުގައި ބުނެލިއެވެ.

"އޯކޭ... މަގުޅާނަން ފަހުން..." މާކިން ބުނެލިއެވެ. މިޝްޔާ ނާޒިލްއަށް ބަލައިލިއެވެ. ނާޒިލް ނުކުމެގެން ދިޔަ މަންޒަރު ބަލަން އޮތުމަށްފަހު، އޭނާ ދެލޯ މަރައިލިއެވެ.

ނާޒިލް ގެއަށް ގޮސް ފެންވަރާ ހަދާލައިގެން އެނދުގައި އޮށޯވެލީ ވަރުބަލި ފިލުވައިލުމަށެވެ. އެއާއެކު އޭނާގެ ޚިޔާލަށް އަންނަން ފެށި ހަނދާންތަކެއްގެ ސަބަބުން ދެއަތް މުށްކަވައިލެވުނެވެ. މީހާގެ ނަފްސު އެކީ ހަރުކަށިވެގެން ދިޔައެވެ. އެ ހަނދާންތަކަކީ އޭނާ ދުވަހަކުވެސް އާކުރަން ބޭނުންވާ ހަނދާންތަކެއް ނޫނެވެ. އެ ހިތި މާޒީ ކަފުންކޮށްފައި ވަޅުލެއްވިއްޖެ ކަމުގައި މިހުރިހާ ދުވަހު ނާޒިލް ހުރީ ހީކޮށްގެންނެވެ. އެހެންނަމަވެސް، މިއަދު އެއީ ކުށް ހީއެއްކަމުގައި އޭނާއަށް ޔަޤީން ވެއްޖެއެވެ. އެ ހިތި އަސަރާ ޖަޒުބާތުތައް އަދިވެސް އޭނާގެ ހިތުގެ ކޮންމެވެސް ހިސާބެއްގައި އެބަހުއްޓެވެ. ފާރުތައް ފަސޭހަވީ ކަމުގައި ހީކުރިނަމަވެސް، ޖެހުނު އެންމެ ފެންތިއްކެއްގެ ސަބަބުން އެ ފާރުގަނޑުން ދިލަ ނަގަން ފަށައިފިއެވެ. ދެފަރާތަށް ބޯ ހޫރައިލަމުން އޭނާ އެ ހަނދާންތަކާ ދުރަށް ދާން މަސއްކަތް ކުރަމުން ދިޔައެވެ.

(ނުނިމޭ)