27 Mar 2012, 12:58
ރާއްޖޭގެ ފުޓްބޯޅަ ހަމައިން ނެއްޓިގެން އުޅެނީ، ފުޓްބޯޅައިގެ މައި އިދާރާ އެފްއޭއެމް ވެސް ހަމައިންނެއްޓިފައި ވާތީކަމަށް ވިކްޓަރީ ސްޕޯޓްސް ކުލަބުގެ ހެޑް ކޯޗް އަލީ ސުޒޭން ބުނެފި އެވެ.
މިއަހަރުގެ ފުޓްބޯޅަ މޫސުން ހުޅުވާ މެޗަށް މިރޭ ވީބީ އައްޑޫ އެފްސީއާ ދެކޮޅަށް ވިކްޓަރީ ނިކުތުމުގެ ކުރިން ރޭ ސަންއެފްއެމްގެ ކުޅިވަރު ޕްރޮގުރާމުގައި ވާހަކަ ދައްކަމުން ސުޒޭން ބުނީ، ރާއްޖޭގެ ފުޓްބޯޅަ ކުރި އެރުވުމަށް، ވަކި ބަޔަކު މަސައްކަތް ތަކެއް ކުރިނަމަވެސް، ފުޓްބޯޅައާ ބެހޭ މައި އިދާރާއިން އެކަންކަން ކުރުމަށް މާބޮޑު މަސައްކަތް ތަކެއް ކުރަމުން އަންނަތަން ނުފެންނަ ކަމަށެވެ. އެހެންކަމުން ދިވެހި ފުޓްބޯޅަ ހަމައިންނެއްޓެން ޖެހުނު ހިސާބަކީ، އެފްއޭއެމްގެ ރައީސްގެ މަގާމަށް މީގެ ހަތަރު އަހަރު ކުރިން އަލީ އާޒިމް އިންތިހާބު ކުރުން ކަމަށް ސުޒޭން ބުންޏެވެ.
"މިސާލަކަށް މީގެ ހަތަރު އަހަރު ކުރިން އަލީ އާޒިމް އެފްއޭއެމްގެ ރައީސްއަކަށް އައީސް ވަނީ އެކްސްކޯ ވެސް އެކުލަވާލައިފަ. އެކަމަކު ކަމެއް ކުރާތަނެއް ނުފެނޭ. ތިމަންނަމެން ރާއްޖޭގެ ފުޓްބޯޅަ ކުރިއަރުވަން އެންމެ ކަމެއް ކުރީމޭ ކިޔާފަ ކޮށްލެވޭނެ އެއްވެސް ކަމެއް މިހާރަކު ނުކުރެވޭނެ. ނުވެސް ކުރެވޭނެ. ނުވެސް ދެއްކޭނެ. ނުވެސް އޮންނާނެ." އާޒިމަށް ފާޑު ކިޔަމުން، ސުޒޭން ބުންޏެވެ.
ސުޒޭން ބުނީ، އާޒިމްމެންނާއި ރާއްޖޭގެ ފުޓްބޯޅައިގެ މައިގަނޑު ޒިންމާތައް ހަވާލުކުރިއިރު ރާއްޖެއަކީ މިސަރަހައްދުގެ ސާފް ޗެމްޕިއަނުން ކަމަށެވެ. އެހެން ނަމަވެސް އާޒިމް އެފްއޭއެމްގެ ރައީސް ކަމާ ހަވާލުވިއިރު، އެކަންކަން އޭނާއަށް އެނގިފައި ނުވާއިރު، އެވާނުވާވެސް ނޭގޭ ކަމަށް ސުޒޭން ތުހުމަތު ކުރި އެވެ.
"އާޒިމަށް އެވާނުވާއެއް ބެލެނީއަކީ އެއް ނޫން. އޭނަ މިއުޅެނީ ސިޔާސީ ކަންތައްތަކުގަ ވަރަށް ބިޒީކޮށް. ނޫނީއްޔާ އެފްއޭއެމްގެ ކަންތައްތަކަށް ވަރަށް ބޮޑަށް އޭނައަށް އިހުމާލް ވެއްޖެ. ސިޔާސީ އެކުވެރިޔަކު ގެނެސް ގައުމީ ޓީމުގެ މެނޭކަރަކަށް ލައިފި. އެއިސާބުން މުޅި ގައުމީ ޓީމުގެ އެތެރޭގެ މަސްލަހަތު ގެއްލި، އޭގެ ތެރެއިން އޭނާ ނާޖާއިޒް ފައިދާ ތަކެއް ނަގަން މަސައްކަތް ތަކެއް ކޮށްފި،" ސުޒޭން ބުންޏެވެ.
ސުޒޭން ބުނީ، ރާއްޖެގެ ފުޓްބޯޅައިގެ ކުރިއެރުމަށްހުރި ހުރިހާ ދިމާއެއްގައި ހުރީ ކަތުރު ފަނީއަޅާފައި ކަމަށެވެ.