24 Jul 2022, 09:23
ޔޯގާ ހަމަނުޖެހުންތަކާ ގުޅިގެން ހައްޔަރުކުރި މީހުންނާ ދެކޮޅަށް ފުލުހުން ހެކި އުފައްދަމުންދާ ކަމަށް ގާނޫނީ ވަކީލް އާދަމް އާސިފް ތުހުމަތު ކުރައްވައިފިއެވެ.
ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް މިދިޔަ މަހުގެ 21 ވަނަ ދުވަހު ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތަށް ހުރަސް އަޅައި ހަމަނުޖެހުން ހިންގި ކަމުގެ ތުހުމަތުގައި މިހާތަނަށް 20އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފައިވާއިރު އޭގެ ތެރެއިން ބައެއް މީހުން ވަނީ ދޫކޮށްލާފައެވެ.
ހައްޔަރުކުރި ބައެއް މީހުންގެ ދިފާއީ ވަކީލުންގެ ފަރާތުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އާސިފް ވިދާޅުވީ, އެކަމާ ގުޅިގެން ހައްޔަރުކުރި މީހުންނާ ދެކޮޅަށް ފުލުހުން ހެކި އުފައްދަން ޖެހުނީ އެކަށީގެންވާ ވަރުގެ ހެކި ނެތުމުން ކަމަށެވެ.
"ހެކި ތައްޔާރު ކުރާ ކަމުގެ ތުހުމަތު ހެކި އުފައްދާ ކަމުގެ ތުހުމަތު އަޅުގަނޑުމެން ކުރަން," އާސިފް ވިދާޅުވިއެވެ.
ޔޯގާ ހަމަނުހެހުންތަކާ ގުޅިގެން ހައްޔަރު ކުރި ބައެއް މީހުންގެ ވަކީލުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ---- ސަން ފޮޓޯ: މުހައްމަދު ހައްޔާން
އެހެން ކަމުން ޔޯގާ މައްސަލައިގައި ހައްޔަރުކުރި މީހުން ފްރޭމް ކޮށްފައިވާ ކަމަށް ވެސް އާސިފް ވަނީ ތުހުމަތު ކޮށްފައެވެ.
އެގޮތުން ހައްޔަރު ކުރި މީހުންގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް ތައްޔާރު ކޮށްފައިވާ އިންޓެލިޖެންސް ރިޕޯޓަކީ އޭގެ ޒާތުގައި ހެއްކެއް ނޫންކަން ފާހަގަކޮށް އާސިފް ވިދާޅުވީ, އެ ރިޕޯޓް ތައްޔާރު ކުރަން ޖެހޭނީ ކަމެއް ހިނގުމުގެ ކުރިން ކަމަށެވެ.
"މި މައްސަލައިގައި އިންޓެލިޖެންސް ރިޕޯޓްތައް އުފަން ވާން ފަށާފައި މިހުރީ 21 ޖޫން އިން ފެށިގެން," އާސިފް ވިދާޅުވިއެވެ.
އެހެން ކަމުން އެ މައްސަލައާ ގުޅިގެން ތައްޔާރުކޮށްފައިވާ އިންޓެލިޖެންސް ރިޕޯޓްތަކަކީ ހެކި ނެތް ހާލަތުގައި ފަނޑިޔާރުންގެ ވިސްނުމާ ކުޅެން ކުރާ ކަމެއްގެ ގޮތުގައި އާސިފް ވަނީ ސިފަ ކޮށްފައެވެ.
އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއީލް ފްރޭމް ކުރުމަށް އިންޓެލިޖެންސް ރިޕޯޓްގެ އިތުރުން ސިއްރު ހެކި ތައްޔާރުކޮށްފައިވާ ކަމަށް ވެސް އާސިފް ވަނީ ތުހުމަތު ކޮށްފައެވެ.
"ބައެއް ވެހިކަލް ޑްރައިވަރުންގެ ހެކި ވެސް މުހައްމަދު އިސްމާއީލްއާ ދެކޮޅަށް ސިއްރު ހެކީގެ ގޮތުގައި ތައްޔާރު ކޮށްފައި އޮތް ކަމަށް އަޅުގަނޑަށް މުހައްމަދު އިސްމާއީލްގެ ވަކީލުގެ ފަރާތުން މައުލޫމާތު ލިބިފައިވޭ," އާސިފް ވިދާޅުވިއެވެ.
މިދިޔަ މަހުގެ 21ވަނަ ދުވަހު ބައިނަލްއަގްވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ގަލޮޅު ދަނޑުގައި ޔޯގާ ހަރަކާތް ބޭއްވީ ޔޫތު މިނިސްޓްރީއާއި އިންޑިއަން ކަލްޗްރަލް ސެންޓަރު ގުޅިގެންނެވެ. ޔޯގާ ހެދުމަށް އިންޑިއާގެ ސަފީރު މުނޫ މަހާވަރްއާއި ޑިޕްލޮމެޓުންގެ އިތުރުން ދިވެހި ސަރުކާރުގެ އިސްބޭފުޅުންނާއި އާންމުން ތިއްބައި ބަޔަކު ވަނީ ގަލޮޅުދަނޑަށް ގަދަކަމުން ވަދެގަނެ ހަމަނުޖެހުން ހިންގައިފައެވެ.
ޝަހާދަތުގެ ދެކަލިމަ ލިޔެފައިވާ ދިދަތަކެއް ހިފައިގެން ތިބި މީހުން ގަލޮޅުދަނޑަށް ވަދެ ޔޯގާ އިވެންޓް ހުއްޓުވުމުގެ އިތުރުން އެ ހަރަކާތުގައި ބައިވެރިވި މީހުންނަށް ވަނީ ހަމަލާ ދީފައެވެ. އޭގެ އިތުރުން އެ ތަނުގައި ހުރި ތަކެއްޗަށް ވެސް ވަނީ ގެއްލުން ދީފައެވެ.
އެކަމާ ގުޅިގެން އެ މައްސަލައާ ގުޅޭ ސީރިއަސް ތަހުގީގެއް ހިންގަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ހަމަނުޖެހުމުގައި ބައިވެރިވި މީހުން ގާނޫނުގެ ކުރިމައްޗަށް ގެނެވޭނެ ކަމަށް ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވަނީ ޓުވީޓެއް ކުރައްވާފައިވާއެވެ.