23 Jul 2022, 20:16
ސެވިއްޔާގެ އިތުބާރު ޑިފެންޑަރު ޖޫލްސް ކުންޑޭ ހޯދުމަށް ބާސެލޯނާއާއި ޗެލްސީން ގަދަ ހިފުމަކަށް ނިކުމެއްޖެއެވެ.
ސްކައި ސްޕޯޓްސްއިން ރިޕޯޓުކޮށްފައިވާގޮތުގައި ޗެލްސީއާއި ބާސެލޯނާއިން ވެސް ދަނީ ކުންޑޭ ހޯދުމަށް ދެ ޓީމުން ވެސް ބިޑު ހުށަހަޅާފައެވެ.
ޗެލްސީން މީގެ ތިން ދުވަސް ކުރިން އެ ޓީމުގެ ބިޑް ހުށަހަޅާފައި ވީނަމަވެސް ބާސެލޯނާއަށް ކުންޑޭ ބަދަލުވުން ގާތްކަމަށް އެ ނޫހުން ބުނެފައިވެއެވެ.
ޗެލްސީން ކުންޑޭއަށް ހުށަހަޅައިފައިނީ 55 މިލިއަން ޔޫރޯއެވެ. ނަމަވެސް އޭނާ ބާސެލޯނާއަށް ކުޅެން ބޭނުންވާކަަމަށް ސްކައި ސްޕޯޓްސްއިން ބުނެފައިވެއެވެ.
މިދިޔަ މަހުން ފެށިގެން ޗެލްސީއަށް ބަދަލުވާން އަނގަަބަހުން ކޫންޑޭ އެއްބަސްވެފައިވާކަށް އެ ނޫހުން ބުންޏަސް އޭނާ ދާނެ ޓީމެއް ރަސްމީކޮށް އަދި ނުނިންމައެވެ.
އުމުރުން 23 އަހަރުގެ ކުންޑޭ ވަނީ މިހާތަނަށް ސެވިއްޔާއަށް 95 މެޗު ކުޅެދީ ފަސް ގޯލު އެ ޓީމަށް ޖަހައިދީފައެވެ. އަދި ފްރާންސްގެ ޤައުމީ ޓީމަށް އޭނާ ވަނީ 11 މެޗު ކުޅެދީފައެވެ. ސެވިއްޔާ ހަވަނަ ފަހަރަށް ޔޫރޮޕާ ލީގު ކާމިޔާބުކުރުމަށް ކުންޑޭ ވަނީ އެހީތެރިވެދީފައެވެ. އަދި ފްރާންސާއެކު 2021 ވަނަ އަހަރު ކުންޑޭ ވަނީ ޔޫއެފާ ނޭޝަންސް ލީގު ކާމިޔާބުކޮށްފައެވެ.
ޗެލްސީ އާ ޓޮޑް ބޮހްލީ ޓީމާ ހަވާލުވެ، އެ ޓީމުން އަންނަނީ ޓީމު ވަރުގަދަ ކުރުމަށް ކުޅުންތެރިން ހޯދުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން ނަޕޯލީގެ ކުލިބާލީގެ އިތުރުން މެންޗެސްޓާ ސިޓީއަށް ކުޅެމުންއައި އަވަސް ފޯވާޑް ރަހީމް ސްޓާލިންގެ ސޮއި އެ ޓީމުން ވަނީ ހޯދައިފައެވެ.