23 Jul 2022, 20:05
އަންނަ އަންގާރަ ދުވަހުން ފެށިގެން މުޅި ރާއްޖެއަށް ވިއްސާރަ ކުރާނެ ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ލަފާ ކޮށްފިއެވެ.
މެޓް އޮފީހުގެ އޮފިޝަލަކު "ސަން"އަށް ވިދާޅުވީ އަންގާރަ ދުވަހުން ފެށިގެން ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ ކަމަށެވެ. ނަމަވެސް މިމަހުގެ 26 އިން 28ށް އުތުރުގެ ސަރަހައްދު ތަކަށް އާއްމުގޮތެއްގައި މޫސުން ރަނގަޅުވާނެ ކަމަށް އެ އޮފީހުން ބުންޏެވެ.
"މުޅި ރާއްޖެއަށް ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު ގާތްގަނޑަކަށް އަށް މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭ ކަމަށް ލަފާ ކުރެވޭ. އަދި ދެކުނުގެ ކަނޑުތައް ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެ،" އޮފިޝަލް ވިދާޅުވިއެވެ.
ރާއްޖެއަށް ކުރަމުން މި އަންނަ ހުޅަނގު މޫސުމުގެ ވިއްސާރަކީ ޗުއްޓީ ދުވަސްވަރަށް ވުމުން އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުމާއި ރަށްރަށަށް ދަތުރުދިއުން ފަދަ ކަންކަން އިތުރުވާނެތީ، ދަތުރަކަށް ފެށުމުގެ ކުރިން ތިމާއާއި އަނެކުންގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރު ކުރުމަށް ފުލުހުން ވަނީ އިލްތިމާސް ކޮށްފައެވެ.