ޓޭބަލް ޓެނިސް އެސޯސިއޭޝަނާއި ރ. އުގޫފާރު ޔޫތް ސެންޓަރާއި އޮލިމްޕިކް ކޮމެޓީއާއި ކުޅިވަރާ ބެހޭ މިނިސްޓްރީގެ އެހީތެރިކަމާއެކު ޓޭބަލް ޓެނިސްގެ ތަމްރީން ޕްރޮގްރާމެއް ރ. އަތޮޅުގެ ފަސް ރަށެއަގައި ފަށައިފި އެވެ.
އެ ފަސް ރަށަކީ ހުޅުދުއްފާރު، އުގޫފާރު، މާކުރަތު، މަޑުއްވަރި އަދި އަލިފުއްޓެވެ.

ޓެބަލް ޓެނިސް އެސޯސިއޭޝަނުން ބުނީ މިދިޔަ އާދިއްތަ ދުވަހު ފެށި މި ތަމްރީން ޕްރޮގްރާމުގައި ތަމްރީންކޮށްދެނީ ކޮންމެ ރަށެއްގައިވެސް ތިބި ޓީޓީގެ އިސް ކުޅުންތެރިންނާއި އެސޯސިއޭޝަންގެ ފަރާތުން އެރަށް ރަށަށް ފޮނުވި ކޯޗުންނެވެ. އެގޮތުން ރ. އަތޮޅުގައި މިވަގުތު ހަރަކާތްތެރިވާ ޓީޓީގެ ކޯޗުންގެ ތެރޭގައި ގައުމީ ކޯޗް ޖަޔަންތާ އާއި ތާޅަފިލި އަލީ އާދަމް މަނިކުގެ އިތުރުން ވައިޑީޕީގެ ދެ ކޯޗުން ކަމަށް ވާ ނަސްރުއްﷲ ފާއިޒު އަދި ޖާދުއްﷲ ހަރަކާތް ތެރިވެއެވެ.

މިޕްރޮގްރާމަކީ ޓީޓީއެމްގެ ކުޅިވަރު ކަލަންޑަރުގައިވާ ޑިވެލޮޕްމެންޓް ހަރަކާތްތަކުގެ ތެރެއިން މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ތަމްރީންގެ ފުރަތަމަ ޕްރޮގްރާމެވެ.

ޓީޓީ އެސޯސިއޭޝަނުން ބުނީ، މިޕްރޮގްރާމް ހިންގުމަށްޓަކައި ރ. އަތޮޅު ކައުންސިލާއީ އެ ރަށްރަށުގެ ކައުންސިލް އަދި ކުލަބް ޖަމިއްޔާ ތަކުން ވަރަށް ބޮޑު އެއްބާރުލުމެއް ލިބޭކަމަށެވެ. ރާއްޖެ ތެރެއަށް އަމާޒުކޮށްގެން މިފަދަ ތަމްރީން ޕްރޮގްރާމެއް ޓީޓީ އެސޯސިއޭޝަނުން ވަނީ ވޭތުވެދިޔަ އަހަރުތަކުގައި ވެސް ބާއްވާފައެވެ.
ރ. އަތޮޅުގައި ކުރިއަށް ގެންދާ ޓީޓީގެ ތަމްރީން ޕްރޮގްރާމްތައް ކުރިއަށްދާނީ އަންނަ މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށެވެ. އަދި މިޕްރޮގްރާމުގައި އެރަށް ރަށުގެ ސުކޫލް ކުދިންނާއި ޒުވާނުން ބައިވެރިވާ ކަމަށް ޓީޓީ އެސޯސިއޭޝަނުން މައުލޫމާތު ދެއެވެ.