މޮސްކޯ (23 ޖުލައި 2022): އެމެރިކާގެ ޑޮލަރާނުލައި ވިޔަފާރީގެ މުއާމަލާތްތައް ހިންގުމަށް ރަޝިއާ ގެންގުޅެން ފަށާފައިވާ އައު ސިޔާސަތުގެ ދަށުން ރަޝިއާއިން އެކްސްޕޯޓް ކުރާ ތަކެތީގެ އަގު ޔުނައިޓެޑް އަރަބް އިމަރޭޓްސްގެ ފައިސާ ކަމަށްވާ ދިރުހަމުން އަދާކުރިޔަސް އެންމެ ރަނގަޅު ކަމަށް ރަޝިއާއާއެކު ވިޔަފާރިކުރާ އިންޑިއާގެ ބައެއް ކުންފުނިތަކަށް އަންގައިފިއެވެ.

ރޮއިޓާސް ބުނާގޮތުން ރަޝިއާއިން ތެލާއި ގޭސް އަދި ކެމިކަލްއާއި މެޝިނަރީ ފަދަ ބައެއްތަކެތި ގަންނަ އިންޑިއާގެ ބައެއް ކުންފިނިތަކަށް ރަޝިއާގެ ވިޔަފާރިއާބެހޭ ވުޒާރާއިން އަންގާފައިވަނީ ޑޮލަރުގެ ބަދަލުގައި ޔޫއޭއީގެ ދިރުހަމުން އަގު އަދާކޮށްދިނުމަށެވެ. މި ކުންފުނިތަކަކީ ޔޫއޭއީ އާއެކުވެސް ވިޔަފާރީގެ މުއާމަލާތްތައް ފުޅާދާއިރާއެއްގައި ހިންގާ ކުންފުނިތަކެއްކަމަށްވެއެވެ.

ރަޝިއާގެ އުފެއްދުންތަކަށް ދިރުހަމުން އަގު އަދާކުރުމުން ލިބޭ ދިރުހަމު ބޭނުންކޮށްގެން ޔޫއޭއީން (ޚާއްސަކޮށް ދުބާއި ގެ ބާޒާރުތަކުން) ރަޝިއާ ބޭނުންވާ ތަކެތި ޑޮލަރާ ނުލައި ގަތުމުގެ ފުރުސަތު ރަޝިއާއަށް ލިބޭނެއެވެ.

ރަޝިއާއާ އިންޑިއާއާ ދެމެދު ހިނގާ ވިޔަފާރީގެ ގިނަ މުއާމަލާތްތަކުގެ ބޮޑުބައެއް މިހާރު ކުރިއަށް ގެންދަނީ އެމެރިކާ ޑޮލަރުގެ ބަދަލުގައި އިންޑިއާގެ ރުޕީ އާއި ރަޝިއާގެ ރުބެލް ބޭނުންކޮށްގެންނެވެ. އަދި ޔޫއޭއީ އާއި ރަޝިއާ އާ ދެމެދު ހިނގާ ވިޔަފާރީގެ މުއާމަލާތްތަކުގައި ވެސް ދިރުހަމާއި ރުބެލް ބޭނުންކުރަން މިހާރު ވަނީ ފަށާފައެވެ.

ރަޝިއާގެ އެންމެ ބޮޑު ވިޔަފާރި ޕާޓްނަރުކަމަށްވާ ޗައިނާއާއި ރަޝިއާއާ ދެމެދު ހިންގާ ވިޔަފާރީގެ މުއާމަލާތްތަކުގައި ވެސް ރުބެލްއާއި ޔުވާން ދަނީ ވަރަށް ބޮޑަށް ބޭނުންކުރަމުންނެވެ. ރަޝިއާ އާއި އިންޑިއާ އަދި ޗައިނާ ހިމެނޭގޮތަށް އުފައްދާފައިވާ ބްރިކްސްގެ ގައުމުތަކުންވަނީ އެމެރިކާ ޑޮލަރުގެ ބަދަލުގައި އެހެން ފައިސާއެއް ބޭނުންކޮށްގެން އެގައުމުތަކުގެ މެދުގައި ވިޔަފާރީގެ މުއާމަލާތްތައް ހިންގުމުގެ ނިޒާމެއް ގާއިމް ކުރުމުގެ މަސައްކަތް ފަށާފައެވެ. މިނިޒާމު ގާއިމް ކުރުމުގައި ބްރިކްސްގެ ގައުމުތަކަށް ކޮންސަލްޓެންސީ ފޯރުކޮށްދޭ ބޭންކް ތަކުގެ ތެރޭގައި ބޭންކް ފޯ އިންޓަނޭޝަނަލް ސެޓްލްމެންޓްސް ހިމެނެއެވެ.

ބްރިކްސްއިން އިން އުފައްދާ އައު މާލީ ނިޒާމާއި ރިޒާވް އައު ފައިސާ ބޭނުންކުރަން އެޖަމާއަތުން ރާވާފައިވަނީ އެންމެ ފުރަތަމަ އެޖަމާއަތުގެ މެންބަރު ގައުމުތަކުން ބޭނުންކުރާ ރިޒާވް ފައިސާއެއްގެ ގޮތުގައެވެ. ބްރިކްސްގެ ގައުމުތަކަކީ މުޅި ދުނިޔޭގެ ޖީޑީޕީގެ ގާތްގަނޑަކަށް ހަތަރުބައިކުޅަ އެއްބައި ހިއްސާކުރާ ގައުމުތަކެކެވެ.

މުޅި ދުނިޔޭގެ ޖީޑީޕީއަކީ ގާތްގަނޑަކަށް 97 ޓްރިލިޔަން އެމެރިކާ ޑޮލަރުގެ މިންވަރުކަމަށްވާއިރު އޭގެތެރެއިން 25 ޓްރިލިޔަން ޑޮލަރުގެ މިންވަރު ހިއްސާކުރަނީ ބްރިކްސްގައި ހިމެނޭ ފަސްގައުމުންނެވެ. އެއީ ޗައިނާ، އިންޑިއާ، ރަޝިއާ، ބްރަޒިލް އަދި ދެކުނު އެފްރިކާއެވެ. ކައިރި މުސްތަގްބަލެއްގައި އިންޑޮނީޝިއާ، އީރާން، ރަޝިއާ، ސައޫދީ އަރަބިއާ، އަދި ތުރުކީވެސް ބްރިކްސް ޖަމާއަތުގައި ބައިވެރިވާނެކަމަށް ވަނީ ބެލެވިފައެވެ.

މިހާރު ދުނިޔޭގައި މައިގަނޑު ގޮތެއްގައި ރިޒާވް ފައިސާއެއްގެ ގޮތުގައި ބޭނުންކުރަނީ އެމެރިކާގެ ޑޮލަރެވެ. މިކަމުގެ ސަބަބުން އެމެރިކާއަށް އެތައް ފައިދާތަކެއް ލިބެއެވެ. ޑޮލަރުން ދުނިޔޭގެ ގައުމުތައް ކުރާ ވިޔަފާރީގެ މުއާމަލާތްތަކުގައި އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް 40 މިލިއަން ޓްރާންސެކްޝަން (ސްވިފްޓް ނިޒާމުގެ ތެރެއިން) ހަދާއިރު މިއިން ކޮންމެ ޓްރާންސެކްޝަނަކުން އެމެރިކާގެ އިގްތިސާދަށް ޑޮލަރުވަދެއެވެ.

މީގެއިތުރުން އެމެރިކާއަށް ނުކިޔަމަންތެރިވާ ގައުމެއް ކިޔަމަން ކުރުވުމަށްޓަކައި ސިޔާސީ ހަތިޔާރެއްގެ ގޮތުގައިވެސް ފުޅާދާއިރާއެއްގައި އެމެރިކާ ސްވިފްޓް ނިޒާމުގެ ބޭނުން ކުރެއެވެ. އީރާންއާއި ރަޝިއާ ކިޔަމަން ކުރުވުމަށްޓަކައި އެމެރިކާ ވަނީ ސްވިފްޓް ނިޒާމުގެ ބޭނުންކޮށްފައެވެ. މިކަމުގެ ސަބަބުން އެދެގައުމަށް ބޮޑެތި ދަތިތަކެއް ކުރިމަތިވިނަމަވެސް އެދެގައުމު ކިޔަމަން ކުރުވުމުގައި އެމެރިކާވަނީ ނާކާމިޔާބު ވެފައެވެ.

ޔުކްރެއިން ހަނގުރާމައާއެކު އެމެރިކާއިން ރަޝިއާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ރައްދު ދިނުމުގެ ގޮތުން ރަޝިއާވަނީ އެގައުމުގެ ގޭހާއި ތެޔޮ ގަންނަ ޔޫރަޕްގެ ގައުމުތަކަށް ޑޮލަރުގެ ބަދަލުގައި ރަޝިއާގެ ފައިސާކަމަށްވާ ރުބެލް އިން އަގުދައްކަން މަޖްބޫރުކޮށްފައެވެ. އަދި ރަޝިއާވަނީ އެގައުމުގެ ތެލާއި ގޭސް ގިނަ އަދަދަކަށް ގަންނަ ޗައިނާއާއި އިންޑިއާއެކު ކަރަންސީ ސްވޮޕް ހަދައި އެމެރިކާ ޑޮލަރުގެ ބަދަލުގައި ރުބެލްއާއި ރުޕީއާއި ޔުއާން ބޭނުންކޮށްގެން ވިޔަފާރީގެ ގިނަ މުއާމަލާތްތަކެއް ކުރަންފަށާފައެވެ.

ނަތީޖާއެއްގެ ގޮތުން ރަޝިއާއިން އިންޑިއާ އާއި ޗައިނާއާއެކު ކުރާ ވިޔަފާރީގެ މުއާމަލާތްތަކުގައާއި ރަޝިއާއިން ޔުރަޕާއެކު ކުރާ މުއާމަލާތްތަކުގައި އެމެރިކާ ޑޮލަރު ބޭނުންކުރާ ނިސްބަތްވަނީ ދަށަށްގޮސްފައެވެ.

މިކަންކަމުގެ ނަތީޖާއެއްގެ ގޮތުން އެމެރިކާގެ ސްވިފްޓް ނިޒާމުގެ ބޭރުން (ޑޮލަރާނުލައި) ދުނިޔޭގައި ކުރާ ވިޔަފާރީގެ މުއާމަލާތްތައް މިހާރުވަނީ ވަރަށް ބޮޑަށް އިތުރުވާންފަށާފައެވެ. ޑޮލަރުން ދުނިޔޭގެ ގައުމުތައް ކުރާ ވިޔަފާރީގެ މުއާމަލާތްތަކުގައި އެވްރެޖްކޮށް ކުރިން ދުވާލެއްގެ މައްޗަށް 40 މިލިޔަން ޓްރާންސެކްޝަން ހަދާއިރު މިހާރު ޑޮލަރުގެ ޓްރާންސެކްޝަންތައް ދުވާލެއްގެ މައްޗަށް 30 މިލިޔަނަށްވުރެ ވެސް ދަށަށް ވެއްޓިފައިވާކަމަށް މާލީ ރިޕޯޓްތައް ބުނެއެވެ.

މިދިޔަ ހަފްތާގައި އީރާނާއި ރަޝިއާ ވެސް ވަނީ އެދެގައުމުގެ ދެމެދުގައި ހިނގާ ވިޔަފާރީގެ މުއާމަލާތްތަކުގައި އެމެރިކާ ޑޮލަރު އެއްގޮތަކަށް ވެސް ބޭނުން ނުކުރަން ނިންމައި އެކަމާބެހޭ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

އެމެރިކާގެ އިގްތިސާދުގެ ގާތްގަނޑަކަށް ބޮޑުބަޔަކީ ޑޮލަރު ބޭނުންކޮށްގެން ދުނިޔޭގައި ހިންގާ މާލީ ޚިދުމަތްތަކުން ލިބޭ ފައިދާއެވެ. ޑޮލަރު ނޫން ފައިސާއަކުން ދުނިޔޭގައި މާލީ މުއާމަލާތްތައް ހިންގަން ފަށައި އެކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރިޔަށް ގެންގޮސްފިނަމަ އެމެރިކާގެ އިގްތިސާދު ވަރަށް ބޮޑަށް ހީނަރުވެގެންދާނެއެވެ. އަދި އެމެރިކާގެ ގައުމީ އާމްދަނީ ވެސް ވަރަށް ބޮޑަށް ދަށަށްދާނެކަމަށް ތަޖުރިބާކާރުން ވިދާޅުވެއެވެ.

ނަމަވެސް ޑޮލަރުގެ ބަދަލުގައި އެހެން ރިޒާވް ފައިސާއެއް އުފައްދައިގެން އެފައިސާ ފުޅާދާއިރާއެއްގައި ބޭނުންކުރަން ފެށުމަށް އަދި މަދުވެގެން ހައެއްކަ އަހަރު ނަގާނެކަމަށް ތަޖުރިބާކާރުން ލަފާކުރައްވައެވެ.

އިގްތިސާދީ ލަފާކުރުންތައް ބުނާގޮތުން ދެހާސް ސައްބީސް ވަނައަހަރަށް ދާއިރު ދުނިޔޭގެ އިގްތިސާދީ އެއްވަނަ ބާރެއްގެ ގޮތުގައި އޮންނާނީ އެމެރިކާގެ ބަދަލުގައި ޗައިނާއެވެ. އެމެރިކާ ވާނީ ދެވަނަ ބާރަށެވެ. އަދި ދެހާސް ސާޅީސް ވަނަ އަހަރާ ހަމައަށް ދާއިރު އެމެރިކާއަށް ދުނިޔޭގެ ދެވަނަ އިގްތިސާދުގެ މަގާމު ވެސް ގެއްލިގެންދާނެއެވެ.

އެހިސާބަށް ދާއިރު ދެވަނަ އިގްތިސާދަކަށް ވެގެންދާނީ އިންޑިއާއެވެ. އެއްވަނަ އިގްތިސާދަކަށް ޗައިނާ ދެވަނަ އިގްތިސާދަކަށް އިންޑިއާ، ތިންވަނަ އިގްތިސާދަކަށް އެމެރިކާ، ހަތަރުވަނަ އިގްތިސާދަކަށް ޖަރުމަނު ފަސްވަނަ އިގްތިސާދަކަށް ޖަޕާން ހަވަނަ އިގްތިސާދަކަށް ބްރަޒީލް ނޫނީ އިންޑޮނީޝިއާ ވެގެންދާނެކަމަށް އިގްތިސާދީ ލަފާކުރުންތައް ބުނެއެވެ.