އިސްތަންބޫލް (23 ޖުލައި 2022): ރަޝިއާއާއި ޔުކްރެއިން އިން އުފައްދާ ގޮވާމުގެ ބާވަތްތައް ދުނިޔޭގެ ގައުމުތަކަށް އެކްސްޕޯޓުކުރުމަށް ރަޝިއާއާއި ޔޫކްރެއިނުން އެއްބަސްވެއްޖެއެވެ.

ތުރުކީގެ އިސްތަންބޫލްގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި މިކަމާބެހޭ އެއްބަސްވުމުގައި ރަޝިއާ ގެ ފަރާތުން ސޮއިކުރެއްވީ އެގައުމުގެ ދިފާއީ ވަޒީރު ސާގީ ޝުވީގޯ އެވެ. ޔުކްރެއިންގެ ފަރާތުން ސޮއިކުރެއްވީ ޔުކްރެއިންގެ އިންފްރާސްޓްރަކްޗާ އާބެހޭ ވަޒީރު އެލެގްޒެންޑަރ ކުބްރަކޯވް އެވެ. މިރަސްމިއްޔާތުގައި އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންތޯނިއޯ ގުޓެރަޝް އާއި ތުރުކީގެ ރައީސް ރަޖަބު ތައްޔިބު އެރުދުޣާން ބައިވެރިވެވަޑައިގެންނެވިއެވެ.

މި އެއްބަސްވުމުގައި ރަޝިއާއާއި ޔުކްރެއިން ސޮއިކުރުމާއެކު ގުޓެރެޝް ވިދާޅުވީ މިއީ ޔުކްރެއިންގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ދުނިޔެއަށް ކުރިމަތިވެފައިވާ ކާބޯތަކެތީގެ ދަތިކަން ހައްލުކުރުމަށް އެޅުނު މުހިއްމު ފިޔަވަޅެއް ކަމުގައެވެ. މި އެއްބަސްވުމުގެ ދަށުން ރަޝިއާއި ޔުކްރެއިންގެ ދަނޑުވެރިކަމުގެ ބާވަތްތައް (ޚާއްސަކޮށް ގޮވާމުގެ ބާވަތްތައް) ކުރިއެކޭ އެއްގޮތަށް ދުނިޔޭގެ ގައުމުތަކަށް އެކްސްޕޯޓުކުރެވޭގޮތްވެ ދުނިޔެއަށް މިހާރު ކުރިމަތިވެފައިވާ ގޮވާމުގެ ބާވަތްތަކުގެ އަގުތައް ތިރިވެގެންދާނެކަމެއް ކަމުގައެވެ.

މި އެއްބަސްވުމުގައި ރަޝިއާއާއި ޔުކްރެއިން އިން ސޮއިކުރާ ހިސާބަށް ކަންތައް ދިޔައީ މިކަމަށްޓަކައި ތުރުކީ މެދުވެރިއަކަށް ވެގެން ދޮޅު މަހެއްހާ ދުވަސްވަންދެން ރަޝިއާއާއި ޔުކްރެެއިން ގެ މަސްއޫލުވެރިންނާ އެކު ކުރި މަޝްވަރާތަކުގެ ނަތީޖާއެއްގެ ގޮތުންނެވެ. ތުރުކީގެ މިމަސައްކަތަށް އދ. ން ވެސް އެހީތެރިވެ އެއްބާރުލުން ދީފައިވެއެވެ.

ރަޝިއާއި ޔުކްރެއިން އަކީ ދުނިޔޭގައި ގޮވާމުގެ ބާވަތްތައް (ޚާއްސަކޮށް އެކިބާވަތުގެ ގޮދަން) އެންމެ ގިނައިން އުފައްދާ އަދި އެކްސްޕޯޓް ކުރާ މަދު ގައުމުތަކުގެ ތެރޭގައި ހިމެނޭ ދެގައުމެވެ. ދުނިޔޭގެ ކާނާއާއި ބެހޭ ޕްރޮގްރާމް (ވޯލްޑް ފުޑް ޕްރޮގްރާމް) "ޑަބްލިޔުއެފްޕީ" ބުނާގޮތުން ރަޝިއާއި ޔުކްރެއިން ގެ ހަނގުރާމަ ފެށުމާއެކު އެދެގައުމުން އުފައްދާ ގޮވާމުގެ ބާވަތްތައް އެކްސްޕޯޓް ކުރުމުން ހުއްޓުމަކަށް އައުމުން ގޮވާމުގެ ބާވަތްތައް ދުނިޔޭގެ ބާޒާރުތަކުގައިވަނީ ވަރަށް ބޮޑަށް މަދުވެގެން ގޮސްފައެވެ.

މިކަމުގެ ސަބަބުން ގޮވާމުގެ ބާވަތްތަކުގެ އަގު ތިން ގުނައަށް އުފުލިގެން ދިޔުމުގެ އިތުރުން ދުނިޔޭގެ އެކި ގައުމުތަކުން ގާތްގަޑަކަށް 70 ވަރަކަށް މިލިއަން މީހުންނަށްވަނީ ކާބޯތަކެތީގެ ދަތިކަން ފޯރައި ފަގީރުކަމަށް ހުށަހެޅިފައި ކަންވެސް "ޑަބްލިޔުއެފްޕީ" ންވަނީ ހާމަކޮށްފައެވެ.

ޔޫކްރެއިން ހަނގުރާމައިގާ ރަޝިއާ ވެސް އަދި ޔުކްރެއިން ވެސް ގޮވާން އުފައްދާ ދަނޑުތަކަށާއި ގޮވަމުގެ ބާވަތްތައް ރައްކާކުރާ ގުދަންތަކަށް ހަމަލާއެއް ނުދެއެވެ. ރަޝިއާ އާއި ޔޫކްރެއިންގެ ގޮވާމުގެ ބާވަތްތައް އެކްސްޕޯޓް ނުކުރެވެނީ ހަނގުރާމައިގެ ސަބަބުން އެތަކެތި އެކްސްޕޯޓް ކުރެވޭނެ ރައްކާތެރި މާހައުލެއް ނެތުމުގެ ސަބަބުންނެވެ.

ރަޝިއާގެ ގޮވާމުގެ ބާވަތްތައް އެކްސްޕޯޓް ނުކުރެވޭ ސަބަބުތަކުގެ ތެރޭގައި އެމެރިކާއާއި ޔޫރަޕްގެ ގައުމުތަކުން ރަޝިއާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައްވެސް ވަރަށް ބޮޑު ދައުރެއް އަދާކުރެއެވެ. މިއެއްބަސްވުމުގައި ސޮއިކުރުމުގެ ދެދުވަސްކުރިން ޔޫރަޕުންވަނީ ރަޝިއާގެ ކަބޯތަކެއްޗާއި ދަނޑުވެރިކަމުގެ ސެކްޓަރާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ މައިގަނޑު ފިޔަވަޅުތައް އުވާލާފައެވެ.