27 Mar 2012, 12:55
ވޭން ރޫނީ ޖަހައިދިން ހަމައެކަނި ލަނޑުން މޮޅުވެ އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ފުލްހަމް ބަލިކޮށް ތާވަލްގެ އެންމެ ކުރިއަށް މެންޗެސްޓާ ޔުނައިޓެޑް އަނެއްކާވެސް ޖެހިލައިފި އެވެ.
މެންޗެސްޓާގެ އަމިއްލަ ދަނޑުގައި ކުޅުނު މިމެޗުގައި އެޓީމުން ފުލްހަމް ކޮޅަށް ޖެހި ހަމައެކަނި ލަނޑު ފެނިގެން ދިޔައީ މެޗުގެ 42 ވަނަ މިނެޓުގަ އެވެ. އެ ލަނޑާއެކު ލީގުގައި ރޫނީ ޓީމަށް ކާމިޔާބު ކޮށްދިން ލަނޑުގެ އަދަދު 21 އަށް އެރިއިރު، ރޫނީ އުޅެނީ ލީގުގެ ގޯލްލިސްޓުގެ ދެ ވަނައިގައެވެ. މި ލިސްޓުގެ އެއް ވަނަ އާސެނަލްގެ ރޮބިން ވެންޕާސީއަށް ލިބިފައި ވާއިރު، މިމުބާރާތުގައި އޭނަ އާސެނަލްއަށް ކާމިޔާބު ކޮށްދިން ގޯލުގެ އަދަދު ވަނީ 26 އަރާފައެވެ. އަދި ލިސްޓުގެ ތިން ވަނާގައި އުޅެނީ މެންސިޓީގެ ކުން އަގުއެރޯ އެވެ. އޭނަ ވަނީ ސިޓީ އަށް މިމުބާރާތުގައި 17 ގޯލް ކާމިޔާބުކޮށްދީ ފައެވެ.
ރޭގެ މެޗުން މެންޗެސްޓާ މޮޅުވުމުން އެޓީމް ތާވަލްގެ އެންމެ ކުރީގައި އޮތީ 73 ޕޮއިންޓާއެކު އެވެ. އަދި މެޗުން ބަލިވި ފުލްހަމް އޮތީ ތާވަލްގެ 13 ވަނައިގައި 36 ޕޮއިންޓާއެކު އެވެ.
ޖުމްލަ 20 ޓީމް ވާދަކުރާ މިމުބާރާތުގައި އެސްޓަން ވިލާ އާއި ބޯލްޓަން ފިޔަވައި، ދެހުރި ހުރިހާ ޓީމެއް ޖުމްލަ 30 މެޗު ކުޅެފައި ވާއިރު، ތާވަލްގެ އެއްވަނާގައި މިވަގުތު އޮތް މެންޗެސްޓާއާ އެންމެ ވާދަކުރާ، ޓީމަކީ 70 ޕޮއިންޓާއެކު އޮތް ވާދަވެރި މެން ސިޓީ އެވެ. އަދި ތާވަލްގެ ތިން ވަނާގައި 58 ޕޮއިންޓު ލިބިގެން އާސެނަލް އޮތްއިރު، ހަތަރު ވަނާގައި އޮތީ 55 ޕޮއިންޓާއެކު ޓޮޓެންހަމް އެވެ.
ޕްރިމިއާ ލީގުގައި ދެން އެންމެ އަވަހަށް ވެސް މެޗްތައް ކުޅޭނީ އަންނަ ހޮނިހިރު ދުވަހުގެ ރެ އެވެ. އެގޮތުން އެރޭ ޖުމްލަ ހަތް މެޗެއް ކުޅުމަށް ހަމަޖެހިފައި ވާއިރު، އެންމެ ފޯރި ގަދަ ވާނެ ކަމަށް ބެލެވޭ އެއް މެޗަކީ ސަންޑަލޭންޑާއި ދެކޮޅަށް މެން ސިޓީ ކުޅޭ މެޗެވެ.