22 Jul 2022, 22:41
މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިއުއޭ) އިން ދޫކޮށްފައިވާ ހުއްދައާ ޚިލާފަށް ކޯސްތައް ހިންގައި ނަމަ ފިޔަވަޅު އަޅާނެ ކަމަށް އެ އޮތޯރިޓީން ބުނެފިއެވެ.
އެމްކިއުއޭ އިން ބުނީ އެ އޮތޯރިޓީން ހިންގުމުގެ ހުއްދަ ދީފައިވާ ބައެއް ޕްރޮގްރާމްތައް ހިންގުމުގައި، ހުއްދަ ދީފައިވާ މިންގަނޑުތަކާއި ޕްރޮގްރާމް އެކްރެޑިޓޭޝަން ގަވާއިދާ ޚިލާފަށް، މަތީ ތައުލީމުދޭ ބައެއް މަރުކަޒުތަކުން ޢަމަލު ކުރަމުންދާ ކަމަށް އާންމު ފަރާތްތަކުން އެ އޮތޯރިޓީއަށް ޝަކުވާ ހުށަހަޅަމުން އަންނަ ކަމަށެވެ.
އެ އޮތޯރިޓީން ބުނީ އެފަދަ ޝަކުވާތަކުގެ ތެރޭގައި އޮންލައިންކޮށް ކުރިއަށް ގެންދިއުމަށް އެމްކިއުއޭ އިން ހުއްދަ ދީފައިނުވާ ކޯސްތައް، އޮންލައިންކޮށް ހިންގައި ކަމަށް ބައެއް ފަރާތްތަކުން އިޝްތިހާރު ކުރަމުންދާ މައްސަލަތަކެއް ހިމެނޭ ކަމަށެވެ. އެއީ ޕްރޮގްރާމް އެކްރެޑިޓޭޝަން ގަވާއިދާ ވެސް މުޅިން ޚިލާފު ޢަމަލެކެވެ.
އެފަދަ ޢަމަލުތައް ފާހަގަ ކުރެވިއްޖެ ނަމަ، ރާއްޖޭގެ މަތީ ތަޢުލީމާއި ތަމްރީނުގެ ޤާނޫނާއި، ޕްރޮގްރާމް އެކްރެޑިޓޭޝަން ގަވާއިދާ އެއްގޮތަށް ފިޔަވަޅު އަޅަމުންދާނެކަމަށް އެމްކިއުއޭ އިން ބުންޏެވެ. އަދި ބުނީ ޕްރޮގްރާމް އެކްރެޑިޓޭޝަން ގަވާއިދާ ޚިލާފަށް ހިންގާ ޕްރޮގްރާމްތައް އެ އޮތޯރިޓީން ބަލައި ނުގަންނާނެ ކަމަށެވެ.