ޕާކިސްތާނަށް މިދިޔަ މަހުގެ ތެރޭގައި ކުރަން ފެށި ވިއްސާރައިގެ ސަބަބުން ފެން ބޮޑުވެ، އިއްޔެއާ ހަމައަށް އެގައުމުން މަރުވި މީހުންގެ އަދަދު 282އަށް އަރައިފިއެވެ.

ޕާކިސްތާނުގެ ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން ނެރުނު ރިޕޯޓެއްގައިވާ ގޮތުން މިދިޔަ މަހުގެ 14 ވަނަ ދުވަހުން ފެށިގެން ވިއްސާރައިގެ ސަބަބުން ހިނގި ހާދިސާތަކުގެ ތެރޭގައި ކޯރުތައް ބަންޑުންވެ، ބުރިޖްތަކާއި ހައިވޭތަކަށް ގެއްލުން ލިބުން ހިމެނެއެވެ. އޭގެ ސަބަބުން ދަތުރުފަތުރުކުރުމަށް ވަނީ ބުރޫ އަރާފައެވެ.

މީގެ އިތުރުން ޕާކިސްތާނުގެ ގާތްގަނޑަކަށް 5600 ގެއަށް ފެންވަދެ ބޮޑެތި ގެއްލުންތަކެއްވެސް ވެފައިވާކަމަށް އެ ރިޕޯޓުގައިވެއެވެ.

ވިއްސާރައިގެ ސަބަބުން ހިނގި ހާދިސާތަކުގައި މަރުވި 282 މީހުންގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިން ކަމަށް ރިޕޯޓުތަކުގައިވެއެވެ. އެގޮތުން އެންމެ ގިނަ މީހުން މަރުވެފައިވަނީ ހުޅަނގު ދެކުނު ބަލޮޗިސްތާން ޕްރޮވިންސުންނެވެ.

އެ ޕްރޮވިންސުގެ އިތުރުން ވިއްސާރައިގެ ސަބަބުން ގެއްލުންތައް ލިބުނު ސަރަހައްދުތަކުގެ ތެރޭގައި ޕާކިސްތާނުގެ ހުޅަނގު އުތުރާއި އިރުމަތީގައި އޮންނަ ޕަންޖާބު ޕްރޮވިންސާއި ދެކުނުގައި އޮންނަ ސިންދު ޕްރޮވިންސު ހިމެނެއެވެ.

ޕާކިސްތާނުގެ ވިއްސާރަ މޫސުމުގައި ކޮންމެ އަހަރަކު ވެސް ގިނަ ސިޓީތަކަށް ބޮޑެތި ގެއްލުންތައް ލިބޭތީ އެގައުމުގެ ސަރުކާރުތަކަށް އަބަދުވެސް ފާޑުކިޔުންތައް އަމާޒުވެއެވެ. އެ ގައުމުގައި ވިއްސާރަ މޫސުން އޮންނަނީ ޖުލައި މަހުން ފެށިގެން ސެޕްޓެމްބަރު މަހުގެ ނިޔަލަށެވެ.