22 Jul 2022, 18:42
މޯލްޑިވްސް ނެޝަނަލް ޕާޓީ (އެންއެންޕީ)ގެ ތަރުޖަމާނު ކަމުން އަސްރާ އަޙުމަދު، މިއަދު އިސްތިއުފާ ދެއްވައިފިއެވެ.
ތަރުޖަމާނު ކަމުގެ މަޤާމުގެ އިތުރުން އެ ޕާޓީގެ ޕާލިމެންޓަރީ ގްރޫޕުގެ ސެކްރެޓަރީ ޖެނެރަލް ކަމުން ވެސް އަސްރާ ވަނީ އިސްތިއުފާ ދެއްވާފައެވެ.
"ސަން"އާ ވާހަކަ ދައްކަވަމުން އަސްރާ ވިދާޅުވީ އެ މަޤާމުތަކުން އިސްތިއުފާ ދެއްވީ ތައުލީމު އިތުރަށް ހާސިލު ކުރުމަށް ޓަކައި ރާއްޖެއިން ބޭރަށް ފުރަން ޖެހޭތީ ކަމަށެވެ.
"އަސްރާ މިއުޅެނީ ކިޔަވަން ރާއްޖެއިން ބޭރަށް ފުރަން ވެގެން. މި ދުވަސްކޮޅު މި ކުރަނީ އެހެން ކުއްޖަކަށް ހޭންޑްއޯވާ ކުރުމުގެ މަސައްކަތް. ފުރުން އޮތީ މިއަހަރުގެ އޯގަސްޓު މަހުގެ ފަހުކޮޅު،" އަސްރާ ވިދާޅުވިއެވެ.
އަސްރާ ވިދާޅުވީ އެންމެ ފުރަތަމަ ދުވަހުން ފަށައިގެން އެމްއެންޕީގެ ރައީސް ކާނަލް މުޙައްމަދު ނާޒިމްގެ ފަރާތުން ލިބުނު އެހީތެރިކަމާ އެއްބާރުލުން ފާހަގަ ކުރައްވައި ކަމަށެވެ. އަދި ވިދާޅުވީ ސިޔާސީ ދާއިރާއަށް އައު މޫނަކަށް ވެފައި ޕާޓީގެ ތެރެއިން އެފަދަ ފުރުސަތެއް ދެއްވީތީ އެކަމަށް ޓަކައި ހިތުގެ އެންމެ ފުނުން ނާޒިމަށް ޝުކުރު ދަންނަވާ ކަމަށެވެ.
އޭނާ ވިދާޅުވީ ސިޔާސީ ދާއިރާއިން ކުރިއަށް ދާން ބޭނުންވެފައި ތިބި ތައުލީމީ ޒުވާނުންނަށް އެމްއެންޕީގެ ދޮރުތައް ހުޅުވާލާފައިވާ ކަމަށެވެ. އެހެންކަމުން ކުރިއަށް އޮތް ތަނުގައި ވެސް އޭނާ ހުންނާނީ އެމްއެންޕީގައި ކަމަށް ވިދާޅުވިއެވެ.
"ސިޔާސީ ދާއިރާއަށް ނިކުންނަން މަގުދައްކައިދީ އެންމެ ބޮޑު އެހީތެރިކަމެއް ދެއްވި ނާޒިމް ސާ އަށް ޝުކުރު ދަންނަވަން،" އަސްރާ ވިދާޅުވިއެވެ.
ސިންގަޕޫރުގައި ޤާނޫނީ ދާއިރާއިން މަތީ ތައުލީމު ހާސިލު ކުރައްވައިގެން ހުންނެވި އަސްރާ ވަނީ ޅަފަތުގައި އޮތް އެމްއެންޕީގެ އެކިއެކި ހަރަކާތްތައް ރާވައި އިންތިޒާމު ކުރުމުގައި އިސް ދައުރެއް އަދާ ކުރައްވާފައެވެ.