22 Jul 2022, 16:32
އިންޑިއާގެ ރައީސް ކަމަށް ދްރޫފަދީ މުރްމޫ އިންތިޚާބުވުމާ ގުޅުވައިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، އެކަމަނާއަށް މަރުޙަބާ ވިދާޅުވެއްޖެއެވެ.
ދްރޫފަދީ މުރްމޫ، 64، އަކީ އިންޑިއާގެ 15 ވަނަ ރައީސެވެ.
އިންޑިއާގެ އައު ރައީސަށް މަރުޙަބާ ދަންނަވަމުން ރައީސް ޞާލިޙް، ވިދާޅުވީ އެކަމަނާގެ ޤާބިލުކަމާއި ލިބިވަޑައިގެން ހުންނެވި ތަޖުރިބާގެ ބޭނުން އެންމެ ފުރިހަމައަށް ހިއްޕަވައިގެން އިންޑިއާ, އައު އުސްމިން ތަކަކަށް ގެންދަވާނެ ކަމާމެދު ޝައްކު ނުކުރައްވާ ކަމަށެވެ.
ރައީސް ވިދާޅުވީ އެކަމަނާގެ ލީޑާޝިޕުގައި ވެސް ރާއްޖެއާއި އިންޑިއާގެ ގުޅުން އިތުރަށް ބަދަހި ވަމުން އަންނާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
އިންޑިއާގެ ރައީސް ކަމަށް ދްރޫފަދީ މުރްމޫ އިންތިޚާބު ކުރީ އެގައުމުގެ ގާނޫނު ހަދާ މަޖިލީހާއި އެގައުމުގެ ސްޓޭޓުތަކުގެ ލެޖިސްލޭޓިވް އެސެމްބްލީ ތަކުގައި މިދިޔަ ހޯމަ ދުވަހު ނެގި ވޯޓުގެ 64.03 ޕަސެންޓް ހޯއްދަވައިގެންނެވެ.
އެމަނާ އަކީ އިންޑިއާގެ ވެރިކަން ކުރާ ބީޖޭޕީގައި ވަރަށް ގިނަ ދުވަހު މަސައްކަތް ކުރައްވާފައިވާ ސީނިއާ ބޭފުޅެކެވެ. ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވުމަށްފަހު، ސިޔާސީ ދާއިރާއަށް ނިކުމެވަޑައިގެންނެވީ 1997 ވަނަ އަހަރުއެވެ.
ދްރޫފަދީ މުރްމޫ އަކީ އިންޑިއާގެ ރައީސްކަން ކުރައްވާ ދެވަނަ އަންހެން ބޭފުޅާއެވެ. އެކަމަނާ ރައީސްކަމުގެ ހުވާ ކުރައްވާނީ މިމަހުގެ 25 ވަނަ ދުވަހުއެވެ.