27 Mar 2012, 12:48
ކ. ހިންމަފުށީ އައްސޭރި ޖަލުގެ އެއްބައި، ޖަލަށް ހުކުމް ކުރާ ކުޑަކުދިންނަށް ޚާއްސަ ކުރާ ގޮތަށް ހޯމް މިނިސްޓްރީން ހަމަޖައްސައިފި އެވެ.
ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ފަޔާޒް (އެފްއޭ) ވިދާޅުވީ 18 ކުދިންގެ ޖާގައާއެކު އައްސޭރި ޖަލުގައި ތަރައްގީ ކުރާ ކުޑަކުދިންގެ ޖަލަކީ ހުކުމް ތަންފީޒު ކުރަމުންދާ ކުޑަކުދިންނަށް ޚާއްސަކޮށް، ކިޔަވައިދިނުމަށާއި މަސައްކަތް ދަސްކޮށްދިނުމުގެ ބައި ހިމަނައިގެން ތަރައްގީ ކުރާ ޖަލެއް ކަމަށެވެ. އެފްއޭ ވިދާޅުވީ އައްސޭރި ޖަލުގައި ބޮޑެތި މީހުން ތިބޭ ބަޔާއި ކުޑަކުދިންގެ ޖަލު ވަކި ކުރާނީ ބޮޑު ފާރަކުން ކަމަށެވެ. އަދި އެ ޖަލުގެ ސަބަބުން ހުކުމް ތަންފީޒު ކުރުމަށްފަހު މުޖުތަމައުގައި އުޅޭ ކުދިންނަށް ޚާއްސަ ޖަލެއް ގާއިމް ކުރެވިގެންދާނެ ކަމަށް ވެސް ފަޔާޒް ވިދާޅުވި އެވެ.
ފަޔާޒް ވިދާޅުވީ އައްސޭރި ޖަލުން ކުޑަކުދިންނަށް ހާއްސަ ކުރަނީ ގެ އެއް ކަމަށާއި އެގޭގެ ތެރޭގައި ވަކި ގޮޅިތަކެއް ހަދާފައި ހުންނާނީ އެ ވަގުތަށް އެކަހެރިކޮށްފައި ބައިތިއްބަންޖެހޭ ކުދިންނަށް ކަމަށެވެ. އަދި ކޮންމެ ހަފުތާއަކު އެއްފަހަރު ޖުވެނައިލް ޖަސްޓިސްއިން ކުޑަކުދިންގެ ޖަލު އޮޑިޓް ކުރަމުންދާނެ ކަމަށް ވެސް ފަޔާޒް ވިދާޅުވި އެވެ. އޭނާ އަދި ވިދާޅުވީ އައްސޭރި ޖަލުގައި އިތުރު ގެއެއް ވެސް ކުރިއަށް އޮތްތާންގައި ކުޑަކުދިންނަށް ޚާއްސަ ކުރާނެ ކަމަށެވެ.
ޖަލަށް ހުކުމް ކޮށްފައި ތިބި ކުޑަކުދިންގެ ތެރެއިން ބަންދުގައި ހުރި ހަމައެކަނި ކުއްޖާ މިވަގުތު ހުރީ ފޭދޫ ފިނޮޅުގަ އެވެ. ޖަލަށް ހުކުމް ކުރާ ކުދިން ބައެއް ފަހަރު ބޮޑެތި މީހުންގެ ޖަލުގައި ބައިތިއްބަން ޖެހޭ މައްސަލަ މަދުން ނަމަވެސް ފެންމަތިވެ އެވެ. އެފްއޭ ވިދާޅުވީ އައްސޭރިޖަލުގައި ކުޑަކުދިންގެ ޖަލެއް ތަރައްގީކޮށް ނިމުމުން އެ މައްސަލައަށް ހައްލެއް ލިބިގެންދާނެ ކަމަށެވެ.