22 Jul 2022, 13:48
އިންސާނާ ބުނާ ބަސްތަކުގެ ތެރެއިން ހެޔޮބަހެއް މެނުވީ ﷲގެ ހަޒުރަތަށް ނުފޯރާނެކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.
ހުކުރު ޚުތުބާގައި ބުނީ ހެޔޮ ބަހެއްގައި ފުރައްސާރަކުރުމެއް، ނެތިމޮށުމެއް، ހުތުރު އެއްޗެހި ކިޔުމެއް، ނުހިމެނޭ ކަމަށެވެ.
"ހެޔޮ ބަހަކީ މާތްﷲ ހަނދުމަކުރުމާއި، ތަހްލީލާއި، ތަހްމީދާއި، ތަސްބީހަ ކިޔުމެވެ. އެއީ ފައިސދާކުރުވަނިވި ޢިލްމެއް ފެތުރުމާއި، ހެޔޮ ކަންތަކަށް އަމުރުކުރުމައި، މުންކަރާތްތައް ނަހީކުރުމެވެ،" ޚުތުބާގައި ބުންޏެވެ.
ﷲއަށް އަޅުކަންކުރާ ޞާލިހު މުއުމިނަކަށް ވެވޭނީ ﷲގެ ޚަލްގުތަކުންޏާމެދު ރީތިކޮށް މުއާމަލާތުކުރާ މީހަކަށް ކަމަށް ޚުތުބާގައި ބުންޏެވެ. އެފަދަ ނަފުސެއްގެ ވެރިއަކަށް އަޅުގަނޑުމެންގެ ދަރީން ހެދޭނީ އާއިލީ ރަނގަޅު ތަރުބިއްޔަތާއި، ރިވެތިނަމޫނާއާއި، މަދްރަސީ ރަނގަޅު ތަރުބިއްޔަތާއި، ޞާލިހު ރަނގަޅު ވެއްޓެއް އެ ކުދީންނަށް ހޯދައިދީގެން ކަމަށް ވެސް ބުންޏެވެ.
ޚުތުބާގައި ބުނެފައިވާ ގޮތުން ހެޔޮބަހުން އެބަޔަކާ މުއާމަލާތު ކުރަންޖެހޭ މީހުންގެ ތެރޭގައި މައިންބަފައިންވެއެވެ. އެމީހުން މުއާމަލާތުކުރަންވީގޮތް ބަޔާންކޮށްދެއްވާ ﷲ ވަހީކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވަނީ، ނުރުހުމުގެ ކިތަންމެ ކުޑަބަހެއް ވިޔަސް އެބައިމީހުނަށް ނުބުނާށެވެ. އަދި އެ ދެމީޙުނަށް އަޑުލައި ނަހަދާށެވެ. އަދި މާތްބަހުން އެ ދެ މީހުނަށް ބަސްބުނާށެވެ.