ނޫސްވެރިން އެ މީހުންގެ މައުލޫމާތު ހޯދާ މަސްދަރު ހާމަކުރުން މަޖުބޫރުވާގޮތަށް ހެއްކާ ބެހޭ ބިލު ތަސްދީގުކުރުން ސަރުކާރުން ދިފާއުކޮށް ނޫސްބަޔާނެއް ނެރެފިއެވެ.

ހެއްކާ ބެހޭ ބިލު ނޫސްވެރިންގެ މަސްދަރު ހާމަކުރަން ޖެހޭ ގޮތަށް ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރެއްވީ މިދިޔަ ހޯމަ ދުވަހުއެވެ.

ރައީސް އެގޮތަށް އެ ބިލު ތަސްދީގު ކުރައްވާފައި ވަނީ، މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އާއި އެކި މީޑިއާތަކުގެ ގިނަ ނޫސްވެރިން މަސްދަރު ހާމަކުރުމާ ދެކޮޅަށް ޕެޓިޝަނެއްގައި ސޮއިކޮށް އެ ޕެޓިޝަން ރައީސް އޮފީހަށްވެސް ހުށަހަޅާފައިވަނިކޮށެވެ.

އޭގެ ކުރިން ރައްޔިތުން މަޖިލީހުން މަސްދަރު ހާމަކުރާ ގޮތަށް ހެއްކާ ބެހޭ ބިލް ފާސްކުރަން ތާވަލުކޮށްފައި އޮތް ދުވަހު ނޫސްވެރިން ވަނީ މަޖިލިސް ކުރާގެ ސަރަޚައްދަށް އެއްވެ މުޒާހަރާވެސް ކޮށްފައެވެ. އަދި ނޫސްވެރިން އަންނަނީ އެ ބިލު އެގޮތަށް އޮތުމުން އެކި ގޮތްގޮތަށް ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އެކަަމާ ގުޅިގެން މަސްދަރު ހާމަކުރަން ޖެހޭ ގޮތަށް ސަރުކާރުން ހެއްކާ ބެހޭ ބިލު ތަސްދީގު ކޮށްފައިވާތީ އެކަން ދިފާއުކޮށް މިރޭ ރައީސް އޮފީހުން ނެރުނު ނޫސްބަޔާނެއްގައި ވަނީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ޙައްޤަކީ ކޮންމެ މީހަކަށްވެސް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 28 ވަނަ މާއްދާއިން ލިބިދޭ ހައްގެއް ކަމަށެވެ.

ގާނޫނުގައި އެ މީހަކު ޝާއިޢުކުރާ ނުވަތަ ފަތުރާ ނުވަތަ ފާޅުކުރާ މަޢުލޫމާތެއްގެ މަސްދަރު ހާމަކުރުމަށް އެއްވެސް މީހަކަށް މަޖުބޫރުކޮށްގެން ނުވާނެ ކަމުގައި ބަޔާންކޮށްފައިވާ ކަމަށް އެ ބަޔާނުގައިވެއެވެ.

"މަޢުލޫމާތުގެ މަސްދަރު ހާމަކުރުމަށް މަޖުބޫރު ނުކުރުމުގެ ޙައްޤު، މިނިވަން އަދި ދީމިޤްރާޠީ މުޖުތަމަޢުތަކުގައި ހިފެހެއްޓިފައިވަނީ، އެ ޙައްޤުގެ މަޤްޞަދާއި އިމްތިޔާޒުތަކާއި، ޙައްޤު ހިފެހެއްޓުމުގެ މުހިއްމުކަން އަޅައިކިޔުމަށް ފަހުގައެވެ،" އެ ބަޔާނުގައިވެއެވެ.

ނޫސްވެރިންނަށް ލިބޭ މަޢުލޫމާތުގެ މަސްދަރުތައް ޙިމާޔަތްކުރުމުގެ ބޭނުން އޮތް ނަމަވެސް، ދީމިޤްރާޠީ މުޖްތަމަޢުތަކުގައި އެކަން އިސްތިސްނާކުރުން ހުއްދަކޮށް އެ މަޢުލޫމާތެއް ލިބުނުގޮތް ދެނެގަނެވޭނެ ޤާނޫނީ ގޮތްތަކެއް އޮންނަ ކަމަށާއި އޭގެ ތެރޭގައި، ޢަދުލު އިންޞާފުގެ މަޞްލަޙަތާއި، ޤައުމީ ސަލާމަތާއި، ފިތުނަފަސާދަ ނުވަތަ ކުށް ހުއްޓުވުމުގެ މަޞްލަޙަތު އިސްކުރާ ކަންތައްތައް ހިމެނޭ ކަމަށް ރައީސް އޮފީހުން ނެރުނު ބަޔާނުގައިވެއެވެ.

އެ ބަޔާނުގައި 40 އަހަރަށްފަހު ފާސްކުރެވުނު ހެއްކާބެހޭ ޤާނޫނު އެކުލަވައިލުމާއި ދިރާސާ ކުރުމުގެ މަރުޙަލާގައި ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ވަރަށް ގިނަ ފަރާތްތަކާއެކު ނުހަނު ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް އަދި ކަމާ ގުޅުންހުރި ފަރާތްތަކުގެ ޚިޔާލު ހޯދާފައިވާކަމަށް ބުނެފައިވެއެވެ.

ހެއްކާ ބެހޭ ގާނޫނާއި މަސްދަރު ހާމަނުކުރުމަށް ގެނެވިފައިވާ އިސްލާހު އޮތްގޮތަށް ރިއާއަތްކޮށް އެ ބަޔާނުގައި ވަނީ ނޫސްވެރިޔަކު އޭނާއަށް ލިބުނު މަޢުލޫމާތުގެ މަސްދަރު ހާމަކުރަންޖެހޭ ފަދަ އަމުރެއް ނެރުމުގެ ކުރިން، އެ ގާނޫނުގައިވާ ނުކުތާތަކަށް ކޯޓުތަކުން ރިޢާޔަތް ކުރުން ލާޒިމުކޮށްފައިވާ ކަމަށެވެ.

ހަމައެއާއެކު މަސްދަރު ހާމަކުރުމަށް ކޯޓަކުން ކޮށްފައިވާ އަމުރު، މަތީ މަރުޙަލާގެ ކޯޓުތަކުގައި (ހައިކޯޓު އަދި ސުޕްރީމް ކޯޓުގައި) އިސްތިއުނާފު ކުރުމުގެ ފުރުޞަތު ނޫސްވެރިޔާއަށް ލިބިގެންވާ ކަމަށްވެސް އެ ބަޔާނުގައިވެއެވެ.

އެންމެ ފަހުން ނޫސްބަޔާން ނިންމާލަމުން ހެއްކާ ބެހޭ ބިލު މިހާރު ތަސްދީގުކޮށްފައިވާ ގޮތުން މިނިވަން ނޫސްވެރިކަން މީގެ ފަހުން ކުރެވޭނެ ކަމާމެދު ނޫސްވެރިން މިހާރު ސުވާލު އުފައްދަމުން އަންނާތީ، ނޫސްވެރިންނަށް ޙިމާޔަތްދިނުމާއި، ޤާނޫނު އަސާސީގެ 27 ވަނަ މާއްދާއާއި 28 ވަނަ މާއްދާ އަދި 29 ވަނަ މާއްދާއިން ނޫސްވެރިންނަށް ލިބިދޭ ޙައްޤުތައް ރައްކާތެރިކުރުމާއެކު، ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއެޅޭނެ އެއްވެސް ކަމެއް ސަރުކާރުން ނުކުރާނެކަމުގެ ޔަޤީންކަން އަރުވާކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

މީގެ އިތުރުން ނޫސްވެރިކަމުގެ މިނިވަންކަން ކަށަވަރުކޮށްދީ، މިނިވަން ނޫސްވެރިކަން ކުރިއެރުވުމަށް އެހިނދަކަށް ކުރަންޖެހޭ މަސައްކަތެއް ސަރުކާރުން އަބަދުވެސް ކުރަމުންގެންދާނެ ކަމަށް އެ ބާޔާނުގައި ފާހަގަކޮށްފައިވެއެވެ.