ދިޔަރެސް ނޫހުގެ ނޫސްވެރިޔާ، އަޙްމަދު އަޒާން މަރުޒޫޤްގެ މައްޗަށް ފުލުހުން ކުރާ ތުހުމަތުތައް އޭނާ ދޮގުކޮށްފިއެވެ.

ޖިނާއީ ކުށެއް ކުރި ކަމުގެ ތުހުމަތަށް މިއަދު ވަނީ އަޒާން ޕޮލިހަށް ހާޒިރުކޮށް ސުވާލުކޮށްފައެވެ. އޭނާ ހާޒިރު ކުރީ އައިޖީއެމް ހޮސްޕިޓަލްގެ ޕޯޓަލްއިން އާންމު ރައްޔިތުންނާއި ދައުލަތުގެ އިސްފަރާތްތަކުގެ ޒާތީ މައުލޫމާތަށް ހުއްދަނެތި އެކްސެސްވިގޮތާ ގުޅޭގޮތުން ފުލުހުން ހިންގާ ޖިނާއީ ތަހުގީގުގައި ސުވާލު ކުރުމަށެވެ.

އެކަމާ ގުޅިގެން އޭނާ މިއަދު ކުރި ޓްވީޓެއްގައި ބުނީ އޭނާގެ މައްޗައް ކުރަނީ ދޮގު ތުހުމަތުތަކެއްކަމަށެވެ.

"އަހަރެން ބުނިން އިންވެސްޓިގޭޝަން އޮފިސަރު ގާތު މިއީ އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރު މުޙައްމަދު ރިޔާޒް އުފައްދައިގެން އުޅޭ ދޮގު ތުހުމަތުތަކެއް ކަމަށް،" އެ ޓްވީޓުގައިވެއެވެ.

މިއަދު އަޒާން ފުލުހަށް ހާޒިރުކުރުމާ ގުޅިގެން ޝަހީދު ހުސައިން އާދަމް ބިލްޑިން ކައިރީ ބައެއް ނޫސްވެރިންނާއި ޕީޕީއެމްގެ ސަޕޯޓަރުން ކުރި މުޒާހަރާގެ ތެރެއިން -- ސަން ފޮޓޯ/ ނާއިލް ހުސައިން

ދިޔަރެސް ނޫހުގައި ރިޕޯޓުކޮށްފައިވާގޮތުގައި، އޭނާގެ މައްޗަށް ތުހުމަތު ކުރަނީ، އައިޖީއެމްއެޗް ހޮސްޕިޓަލުގެ ޑާޓާއަށް ވަދެ ދައުލަތުގެ ބައެއް އިސްވެރިންގެ ޞިއްޙީ ރެކޯޑުތައް ހޯދައި އެތަކެތި ލީކުކުރި ކަމަށެވެ.

ނަމަވެސް އެ ނޫހުގައި ރިޕޯޓުކޮށްފައިވާގޮތުން، އައިޖީއެމްއެޖްގެ ޕޯޓަލްގައި އުޅެނީ ކޮން މައްސަލައެއްކަމާއި ޑާޓާއަށް އެކްސެސްވާނެ ގޮތް ހިމަނާފައެއް ނުވާނެއެވެ.

މިއަދު އަޒާން ޕޮލިހަށް ހާޒިރުކުރުމާ ގުޅިގެން ބައެއް ނޫސްވެރިނާއި ޕީޕީއެމްގެ ސަޕޯޓަރުން ވަނީ ޝަހީދު ހުސައިން އާދަމް ބިލްޑިން ކައިރިއަށް އެއްވެ މުޒާހަރާކޮށްފައެވެ. އަދި އަޒާން ފުލުހަށް ހާޒިރު ކުރާތީ ނޫސްވެރިންގެ ޖަމިއްޔާއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެކަމާ ގުޅިގެން ފުލުހުން ބުނީ އަޒާން ފުލުހަށް ހާޒިރުވާން އެންގީ ޖިނާއީ ކުށެއްގެ ތުހުމަތުގައި ކަމަށެވެ.

"އަޙްމަދު އަޒާން މަރުޒޫޤް ފުލުހަށް ހާޒިރު ކުރަނީ ނޫސްވެރިއެއްގެ ހައިސިއްޔަތުން ލިޔެފައިވާ ލިޔުމެއް ނުވަތަ ނޫސްވެރިކަމާ ގުޅުންހުރި ކަމަކާ ގުޅިގެން ނޫންކަން އެންމެހައި ފަރާތްތަކުގެ މައުލޫމާތައްޓަކައި ދަންނަވަން،" ފުލުހުން ބުންޏެވެ.

ފުލުހުން އިތުރަށް ބުނީ ދިވެހިރާއްޖޭގައި އޮތް ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސް އެޅިދާނެފަދަ އެއްވެސް ކަމެއް ދިވެހި ފުލުހުންގެ ޚިދުމަތުން ނުކުރާނެކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.