27 Mar 2012, 12:42
ރައްޔިތުންގެ މަޖިލީހުގެ ގެމަނަފުށީ ދާއިރާގެ މެންބަރު އިލްހާމް އަހުމަދު ދިރިއުޅުއްވާ ގެއަށް މީހަކު ގަދަކަމުން ވަދެގަންނަން އުޅެފި އެވެ.
އިލްހާމް ވިދާޅުވީ ރޭ 9:15 އެހާކަންހާއިރު މީހަކު އޭނާ ދިރިއުޅުއްވާ ގ. ނައިޓް ސްޓާގެ ދޮރުގައި ޓަކިޖެހުމުން އޭނާ ދޮރު ހުޅުވި ވަގުތު "ތީހޭ އިލްހާމަކީ؟" ސުވާލު ކުރުމަށްފަހު ގަދަކަމުން ގެއަށް ވަންނަން އުޅުނު ކަމަށާއި ދެން އޭނާގެ އަންހެނުންނާއި ދެމީހުން ވެގެން އެމީހާ ގެއިން ބޭރުކުރީ ކަމަށެވެ.
"އެ މީހާ އައިސް ގޭގެ ދޮރުގައި ޓަކިޖެހުމާއެކު އަޅުގަނޑު ކުޑަކޮށް ދޮރު ހުޅުވުމުން އޭނާ އުޅުނީ ގަދަކަމުން އެތެރެއަށް ވަދެގަންނަން. ދެން އަޅުގަނޑާއި އަންހެނުން ވެގެން އެމީހާ އެތެރެއަށް ވަނަ ނުދީ ބޭރުކޮށްލީ،" އިލްހާމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެމީހާ ގަދަކަމުން ގެއަށް ވަންނަން އުޅުމުން އޭނާގެ ބޮޑީގާޑަށް ވަގުތުން އެވާހަކަ އެންގި ކަމަށާއި އެވަގުތު ބޮޑީގާޑު ހުރީ ގޭގެ ބޭރުގައި ކަމަށެވެ. އަދި ވިދާޅުވީ އެމީހާ ފުލުހުންނާއި ހަވާލު ކުރީ އޭނާގެ ބޮޑީގާޑު ކަމަށެވެ.
އިލްހާމް ވިދާޅުވީ ރޭ އޭނާގެ ގެއަށް ގަދަކަމުން ވަންނަން އުޅުނީ ދެވަނަ ފުރުސަތުގެ ދަށުން ދޫކޮށްލާފައި ހުރި މީހެއް ކަމަށާއި އެމީހާ އެވަގުތު ހުރީ މަސްތުވެގެން ކަމަށް ބެލެވޭ ކަމަށެވެ.
މިކަމާއި ބެހޭގޮތުން ފުލުހުންގެ މީޑިޔާ އޮފިޝަލު ވިދާޅުވީ "ބަލާލާފައި ޖަވާބެއް ދޭނެ" ކަމަށެވެ.