އެމްޑީޕީގެ ޗެއާޕާސަން ކަމަށް އަލަށް އިންތިހާބުކުރި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލްގެ ވައުދުފުޅާ އެއްގޮތަށް، ދައުލަތުގެ ބަޖެޓުން އެމްޑީޕީއަށް ލިބޭ ފައިސާގެ 60 ޕަސެންޓު އެ ޕާޓީގެ ދާއިރާތަކަށް ބަހަން ރޭ ފާސްކޮށްފިއެވެ.

ރޭ އިމާދުއްދީން ސުކޫލުގައި ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގެ ހަތަރު ވަނަ ދައުރުގެ ފަސް ވަނަ ބައްދަލުވުމުގައި އެ ނިންމުން ފާސްކުރީ ބައިވެރިވެވަޑައިގެންނެވި 71 މެންބަރުންގެ އިއްތިފާގުންނެވެ.

އިމާދުއްދީން ސުކޫލުގައި ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ 4 ވަނަ ދައުރުގެ 5 ވަނަ ބައްދަލުވުމުގެ ތެރެއިން --- ޓުވީޓާ ފޮޓޯ/ އެމްޑީޕީ ސެކްރެޓޭރިއޭޓް

އެމްޑީޕީގެ ގައުމީ މަޖިލީހުން ރޭ ފާސްކުރި އެ ނިންމުމުގެ ދަށުން މި އަހަރު ހިމެނޭހެން މީގެ ފަހުން ކޮންމެ އަހަރަކު ވެސް ދައުލަތުން ލިބޭ ފައިސާގެ 60 ޕަސެންޓު ދާއިރާތަކަށް ހާއްސަ ކުރާނެއެވެ.

އެގޮތުން ރަށްތަކުގެ މެދުގައި ހަމަހަމަކޮށް ބެހުމަށް 20 ޕަސެންޓާއި ދާއިރާތަކުގެ މެދުގައި ހަމަހަމަކޮށް ބެހުމަށް 25 ޕަސެންޓާއި ދާއިރާގެ ނިސްބަތުން ބެހުމަށް 45 ޕަސެންޓުގެ އިތުރުން ދާއިރާތަކުގައި ހިންގާ ޕާޓީގެ ހަރަކާތްތަކާއި ކެމްޕެއިން ހަރަކާތްތަކަށް ދޫކުރުމަށް 10 ޕަސެންޓު ކަނޑައަޅަން ވަނީ ނިންމާފައެވެ.

މީގެ އިތުރުން ރޭގެ ބައްދަލުވުމުގައި ވަނީ އަންނަ މަހު އޮންނަ އެމްޑީޕީގެ ކޮންގްރެސްއަށް ތައްޔާރުވުމަށް ކޮމިޓީތަކެއް އެކުލަވާލާފައެވެ.