ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް މިދިޔަ މަހު ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތުގައި ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ހައްޔަރުކުރި ޝައިޚް ފަޒްލޫން ބިން މުޙައްމަދު ދޫކޮށްލައިފިއެވެ.

ޝައިހް ފަޒްލޫން ހައްޔަރުކޮށްފައިވަނީ މިދިޔަ މަހުގެ 22 ވަނަ ދުވަހުއެވެ.

އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިއަދު ހެނދުނު ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ޝަރުތުތަކެއް ކުރުމަށްފަހު ބަންދުން ދޫކޮށްލާފައިވާ ކަމަށް ވަކީލް ވަނީ ވިދާޅުވެފައެވެ.

އެގޮތުން މާލެ އިން ބޭރަށް ދާނަމަ އަދި ރާއްޖެއިން ބޭރަށް ދާ ނަމަ ކޯޓުގެ ހުއްދަ ހޯދުމަށް އޭނާއަށް ވަނީ އަންގާފައެވެ. އަދި ފުލުހުންގެ ތަހުގީގަށް އެއްބާރުލުން ދިނުމަށް ވެސް ޝައިހް ފަޒުލޫނަށް މިއަދު ވަނީ ކޯޓުން އަންގާފައެވެ.

ޝައިހް ފަޒްލޫން ދޫކޮށްލާފައިވާއިރު އެ މައްސަލައާ ގުޅިގެން ހައްޔަރުކުރި ޝައިހު އާދަމް ނިޝާން ބިން ޢަލީ އާދަމްގެ ބަންދަށް މިދިޔަ އަންގާރަ ދުވަހު ވަނީ 16 ދުވަސް އިތުރުކޮށްފައެވެ. އަދި ކުރީގެ މަޖިލިސް މެންބަރު މުޙައްމަދު އިސްމާއީލްގެ ބަންދަށް މި މަހުގެ ހަތް ވަނަ ދުވަހު ވަނީ 30 ދުވަސް އިތުރުކޮށްފައެވެ.

މިދިޔަ މަހުގެ 21ވަނަ ދުވަހު ބައިނަލްއަގްވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ގަލޮޅު ދަނޑުގައި ޔޯގާ ހަރަކާތް ބޭއްވީ ޔޫތު މިނިސްޓްރީއާއި އިންޑިއަން ކަލްޗްރަލް ސެންޓަރު ގުޅިގެންނެވެ. ޔޯގާ ހެދުމަށް އިންޑިއާގެ ސަފީރު މުނޫ މަހާވަރްއާއި ޑިޕްލޮމެޓުންގެ އިތުރުން ދިވެހި ސަރުކާރުގެ އިސްބޭފުޅުންނާއި އާންމުން ތިއްބައި ބަޔަކު ވަނީ ގަލޮޅުދަނޑަށް ގަދަކަމުން ވަދެގަނެ ހަމަނުޖެހުން ހިންގައިފައެވެ.

ޝަހާދަތުގެ ދެކަލިމަ ލިޔެފައިވާ ދިދަތަކެއް ހިފައިގެން ތިބި މީހުން ގަލޮޅުދަނޑަށް ވަދެ ޔޯގާ އިވެންޓް ހުއްޓުވުމުގެ އިތުރުން އެ ހަރަކާތުގައި ބައިވެރިވި މީހުންނަށް ވަނީ ހަމަލާ ދީފައެވެ. އޭގެ އިތުރުން އެ ތަނުގައި ހުރި ތަކެއްޗަށް ވެސް ވަނީ ގެއްލުން ދީފައެވެ.

އެކަމާ ގުޅިގެން އެ މައްސަލައާ ގުޅޭ ސީރިއަސް ތަހުގީގެއް ހިންގަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ހަމަނުޖެހުމުގައި ބައިވެރިވި މީހުން ގާނޫނުގެ ކުރިމައްޗަށް ގެނެވޭނެ ކަމަށް ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވަނީ ޓުވީޓެއް ކުރައްވާފައިވާއެވެ.

އެ މައްސަލަ ތަހުގީގު ކުރުމަށް ކެބިނެޓްގެ ސަބް ކޮމިޓީއެއް ވަނީ އުފައްދާފައެވެ.